ޖެމިނައި ނޯޓްބުކްގައި އޯޑިއޯ ރެކޯޑް ކުރެވޭ އާ ފީޗާއެއް ތަޢާރަފުކޮށްފި
ގޫގުލްގެ އޭއައި ނޯޓް ނެގުމުގެ ޚިދުމަތް ކަމަށްވާ "ޖެމިނައި ނޯޓްބުކް" އެޕްލިކޭޝަނަށް އޯޑިއޯ ސީދާ ރެކޯޑް ކުރެވޭނެ ޚާއްޞަ ފީޗާއެއް އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ތަޢާރަފުކުރަން ފަށައިފިއެވެ.
މިއާއެކު އެޕްލިކޭޝަންގެ ތިރީގައިވާ ކެމެރާ އައިކަންއާއި "ކްރިއޭޓް ނިއު" ބަޓަނާ ދެމެދު އާ މައިކްރޯފޯން އައިކަންއެއް މިހާރު ފެންނަން ހުންނާނެއެވެ. އެޕްލިކޭޝަންގެ ހޯމްޕޭޖުގައި އިނދެގެން މައިކްރޯފޯން އައިކަންއަށް ފިތާލައިގެން އޯޑިއޯ ރެކޯޑްކުރުމުން، އެ ރެކޯޑިންއަށް ޚާއްޞަކޮށްގެން އާ ނޯޓްބުކެއް އޮޓޯއިން އުފެދިގެންދާނެއެވެ.
އަދި ކުރިން އުފައްދާފައިވާ ނޯޓްބުކެއްގެ "ސޯސަސް" ޓެބުން މައިކްރޯފޯން އައިކަންއަށް ފިތައިގެން ރެކޯޑްކުރާނަމަ، އެ އޯޑިއޯ ފައިލް ސީދާ އެ ނޯޓްބުކެއްގެ ތެރެއަށް އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން ލެކްޗަރުތަކާއި، ބައްދަލުވުންތައް ނުވަތަ ކުއްލިއަކަށް ހިތަށްއަންނަ ޚިޔާލުތައް ރެކޯޑްކޮށް، އެ މައުލޫމާތުތަކާ ގުޅޭގޮތުން ޖެމިނައިއާ ސުވާލުކުރުމާއި ސުވާލުތަކަށް ޖަވާބު ހޯދުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
Ads by BMLމި ފީޗާ ބޭނުންކުރާއިރު އެއްފަހަރާ އެންމެ ގިނަވެގެން ރެކޯޑް ކުރެވޭނީ 1 ގަޑިއިރުގެ އޯޑިއޯއެވެ. ރެކޯޑްކުރަމުންދާއިރު އެހެން އެޕްލިކޭޝަންތައް ބޭނުންކުރެވޭނެއެވެ. އަދި ފޯނުގެ ސްކްރީން ލޮކްކޮށްފައި އޮތްނަމަވެސް ބެކްގްރައުންޑްގައި ރެކޯޑިން ކުރިއަށްދާނެއެވެ. މީގެ އިތުރުން ރެކޯޑްކުރާ އިންޓަފޭސްގައި އޯޑިއޯ މެދުކަނޑާލުމާއި، ރެކޯޑިން ނިންމާލުމަށްފަހު ފައިލް އަޕްލޯޑްކުރުމަށް ޚާއްޞަ ކޮންޓްރޯލްތައް ހިމެނިފައިވެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ގޫގުލްއިން އިއުލާންކުރި މި ފީޗާ މިހާރު ވަނީ އާންމުކޮށް އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ދޫކޮށްލަން ފަށާފައެވެ.
މީގެ އިތުރުން، ޖެމިނައި ނޯޓްބުކަށް ދާދިފަހުން ވަނީ ނޯޓްބުކްތަކާ ވަގުތުން ވާހަކަދެއްކޭ "ލައިވް" ބަޓަންގެ ފީޗާގެ އިތުރުން، އާ ނޯޓްބުކެއް އަވަހަށް ހެދުމަށް "ކްރިއޭޓް ނިއު" ބަޓަނަށް ގެނެވުނު ބަދަލުތައްވެސް ތަޢާރަފުކޮށްފައެވެ.
Ads by MACL
