ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ވެމްކޯ ކަށަވަރު ކޮށްފި

ގައުމީ ވޮލީ މުބާރާތުގެ ސެމީ ފައިނަލުގައި ވެމްކޯ އާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ވީއޭއެމް
ގައުމީ ވޮލީ މުބާރާތުގެ ސެމީ ފައިނަލުގައި ވެމްކޯ އާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ވީއޭއެމް

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ކުލަބު އެމްޓީސީސީގެ މައްޗަށް 3-1 ސެޓުން ކުރިހޯދައި، ކުލަބު ވެމްކޯއިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ރޭ ކުޅުނު މި ފޯރިގަދަ މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 27-29، 25-23، 26-24 އަދި 25-15 އިންނެވެ. މި ކާމިޔާބީއާއެކު، މި ސީޒަނުގެ އެސޯސިއޭޝަން ކަޕާއި ގައުމީ ވޮލީބޯޅަ ލީގުވެސް ކާމިޔާބުކޮށްފައިވާ ވެމްކޯއަށް ސީޒަނުގެ ހުރިހާ ތަށި ނެގުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފައެވެ.

މީގެއިތުރުން އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބުގެ މައްޗަށް 3-1 ސެޓުން ކުރިހޯދައި، ހުރާ ކޮމިއުނިޓީ ކުލަބުން ވަނީ ތިންވަނަ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 25-19، 27-25، 20-25 އަދި 25-22 އިންނެވެ.

މި މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި މިރޭ ހުރާ ނުކުންނާނީ ދެވަނަ ސެމީން ބަލިވި އެމްޓީސީސީއާ ދެކޮޅަށެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބި، ފައިނަލް މެޗުގައި ވެމްކޯއާ ދެކޮޅަށް ނުކުތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކުޅިވަރު

އިތުރަށް ←