ވަޓްސްއެޕްގައި ނޭނގޭ ނަންބަރުތަކުން ކުރާ ކޯލްތައް ސައިލެންޓް ކުރެވޭ ފީޗާއެއް ތަޢާރަފުކޮށްފި
ވަޓްސްއެޕްގައި ނޭނގޭ ނަންބަރުތަކުން ކުރާ ކޯލްތައް ސައިލެންޓް ކުރެވޭ ފީޗާއެއް ތަޢާރަފުކޮށްފިއެވެ.
ފޯނު ނަންބަރު އެނގޭ ކޮންމެ ފަރާތަކަށްވެސް ވަޓްސްއެޕް މެދުވެރިކޮށް ކޯލް ކުރެވޭއިރު، އޭގެ ތެރޭގައި ކުރިން މުއާމަލާތެއް ކޮށްފައި ނުވާ ފަރާތްތަކާއި، ފޯނުގައި ސޭވްކޮށްފައި ނުވާ ނަންބަރުތަކުގެ އިތުރުން ޝައްކުކުރެވޭ ފަދަ ނަންބަރުތައްވެސް ހިމެނެއެވެ. ނޭނގޭ ނަންބަރަކުން ކޯލެއް އަންނަ ހިނދު، އެ ކޯލަކަށް އަމަލުކުރާނެ ގޮތެއް ނިންމުމަށް އެހީތެރިވެދޭނެ މުހިންމު މައުލޫމާތުތަކެއް ވަޓްސްއެޕުން މިހާރު ދައްކައިދެއެވެ.
މިގޮތުން އަންނަ ކޯލަކީ ފޯނުގައި ސޭވްކޮށްފައިވާ ކޮންޓެކްޓެއް ނޫންކަމާއި، ދެފަރާތް ބައިވެރިވާ އެއްވެސް ގްރޫޕެއް އޮތްނަމަ އެކަމުގެ މައުލޫމާތުގެ އިތުރުން، އެ ނަންބަރެއް ރަޖިސްޓްރީކޮށްފައިވާ ގައުމު ވަޓްސްއެޕުން ދައްކައިދެއެވެ. މި މައުލޫމާތުގެ އަލީގައި ކޯލަށް ޖަވާބުދިނުމާއި، ނަންބަރު ބްލޮކްކުރުން ނުވަތަ ޕްރައިވެސީ ސެޓިންގްސް މެދުވެރިކޮށް ނޭނގޭ ނަންބަރުތަކުން ކުރާ ކޯލްތައް ސައިލެންޓްކުރުމުގެ އިޚުތިޔާރު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދެއެވެ.
Ads by BMLނޭނގޭ ނަންބަރުތަކުން ކުރާ ކޯލްތައް ސައިލެންޓް ކުރުމުގެ މައިގަނޑު ބޭނުމަކީ ނުއެދޭ ފަރާތްތަކުން ގުޅުން ހުއްޓުވައި، އަމިއްލަ ޕްރައިވެސީ ރައްކާތެރިކުރުމާއެކު މުހިންމު މުއާމަލާތްތަކަށް ސަމާލުކަން ދިނުމުގެ ފުރުސަތު ހޯދައިދިނުމެވެ. މި ފީޗާ އެންޑްރޮއިޑް އަދި އައިއޯއެސް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ ފޯނުތަކުގައިވެސް ބޭނުންކުރެވޭނެއެވެ.
މި ފީޗާ އެކްޓިވޭޓް ކުރުމަށްޓަކައި ވަޓްސްއެޕްގެ ސެޓިންގްސްއަށް ވަނުމަށްފަހު 'ޕްރައިވެސީ' އަށް ގޮސް، އޭގެ ތެރެއިން 'ކޯލްސް' ނަގައި 'ސައިލެންޓް އަންނޯން ކޯލަރސް' އޮޕްޝަން އޮން ކުރެވޭނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި މި އޮޕްޝަން އޮފްވެސް ކުރެވޭނެއެވެ.
މި ފީޗާ އޮންކުރުމުން ނޭނގޭ ނަންބަރުތަކުން ކުރާ ކޯލްތަކުގައި ފޯނު ރިންގެއް ނުވާނެއެވެ. ނަމަވެސް އެފަދަ ކޯލްތަކުގެ މައުލޫމާތު ވަޓްސްއެޕްގެ 'ކޯލްސް' ޓެބުންނާއި ފޯނުގެ ނޮޓިފިކޭޝަންތަކުން ފެންނަން ހުންނާނެއެވެ. އަދި 'ކޯލްސް' ޓެބް މެދުވެރިކޮށް ނުވަތަ ޗެޓް ތެރޭގައި އިންނަ 'ސައިލެންސްޑް އަންނޯން ކޯލަރ' މެސެޖަށް ފިތާލައިގެން އެ ނަންބަރަކަށް އަނބުރާ ކޯލް ކުރެވޭނެއެވެ.
އެހެންނަމަވެސް، ސައިލެންޓްކޮށްފައިވާ ނަންބަރަކަށް އަނބުރާ ގުޅައިފިނަމަ ނުވަތަ މެސެޖެއް ކޮށްފިނަމަ، ފަހުން އެ ނަންބަރަކުން ކުރާ ކޯލްތައް ސައިލެންޓް ނުކުރެވޭނެ ކަމަށް ވަޓްސްއެޕުން މައުލޫމާތުދެއެވެ.
Ads by MACL
