ސްޕައިޑާމޭންގެ "ގްރީން ގޮބްލިން" ސްޓައިލަށް އަމިއްލައަށް އުދުހޭބޯޑެއް ހަދައި، އޭޝިއާގެ އެންމެ ދިގު ކޯރު ހުރަސްކޮށްފި
އުމުރުން އެންމެ 14 އަހަރުގައި ތައުލީމު ހާސިލުކުރުން ހުއްޓާލި ޗައިނާގެ ޒުވާނަކު، މަޝްހޫރު 'ސްޕައިޑާމޭން' ފިލްމުގައި ފެންނަ 'ގްރީން ގޮބްލިން' ކަރެކްޓާގެ އުދުހޭބޯޑު (ފްލައިން ބޯޑު) ސްޓައިލަށް އަމިއްލައަށް އިލެކްޓްރިކް ބޯޑެއް އުފެއްދުމަށްފަހު، އޭޝިއާގެ އެންމެ ދިގު ކޯރު ކަމަށްވާ ޔަންގްޒީ ކޯރުގެ މަތިން އުދުހި ހުރަސްކޮށް ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ.
އުމުރުން 26 އަހަރުގެ ސޮންގް އިންގްޔޫ (އޮންލައިންކޮށް 'ޝެންގީ އަޔޫ'ގެ ނަމުން މަޝްހޫރު) މި އުދުހޭ ބޯޑުގައި އުދުހުނީ ޗައިނާގެ ހޫބެއި ޕްރޮވިންސްގެ ބާޑޮންގް ކައުންޓީގައި އޮންނަ ޔަންގްޒީ ކޯރުގެ މަތިންނާއި އެ ސަރަހައްދުގެ ފަރުބަދަތަކުގެ ފުރެންދޫތަކުގެ (ކެންޔަން) މަތިންނެވެ. އޭނާ އުދުހޭ މަންޒަރު ފެންނަ ވީޑިއޯ ޗައިނާގެ ޓިކްޓޮކް (ޑޫޔިން) ގައި އާންމުކުރުމާއެކު، ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯއަށް ލައިކްދީ، ޗައިނާގެ ގައުމީ މީޑިއާ ސީސީޓީވީގެ ސަމާލުކަން ވެސް ހޯދާފައެވެ.
އިންޖިނިއަރިންގެ ރަސްމީ ތައުލީމެއް ނެތް ސޮންގް ވަނީ އަމިއްލައަށް މަސައްކަތްކޮށްގެން މެކޭނިކްސްއާއި ފްލައިޓް ކޮންޓްރޯލްގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދަސްކޮށްފައެވެ. މި އުޑޫބޯޑުގެ ފުރަތަމަ މޮޑެލް ހެދީ ކުދި ފައިވް ލޯބޯޖެޓް އިންޖީނު ބޭނުންކޮށްގެން ކަމަށްވިޔަސް، ފުރަތަމަ ޓެސްޓު ކުރުމުގެ ތެރޭގައި އިންޖީނުތަކުގައި ރޯވެ ތެޔޮހޮޅިތަކާއި ވައިރުތައް އަނދައިގެން ދިޔައެވެ.
Ads by BMLއެ ހާދިސާއަށްފަހު ޓެސްޓުގެ މައުލޫމާތުތައް އޭއައި އެޖެންޓަކަށް ހުށަހެޅުމުން، އޭއައިއިން ދެނެގަތީ އިންޖީނުތައް މާ ކައިރިކޮށް ހުރުމުން ހޫނު ވައި ބިންމަތީގައި ޖެހިފައި އަނބުރާ އިންޖީނަށް ވަންނަ ކަމެވެ. އަދި އޭއައިގެ ލަފާގެ މަތިން، އޭނާ ވަނީ ޖެޓް އިންޖީނުގެ ބަދަލުގައި ކަރަންޓު ބާރުގައި މަސައްކަތްކުރާ ނިޒާމަކަށް ބޯޑު ބަދަލުކޮށްފައެވެ.
ދެ މަސްދުވަހުގެ ތެރޭގައި ތައްޔާރުކުރި މި އިލެކްޓްރިކް ބޯޑުގައި 10 ބްރަޝްލެސް މޯޓަރު ބޭނުންކޮށްފައިވާއިރު، ކޮންމެ މޯޓަރަކުން 30 ކިލޯގްރާމަށްވުރެ ގިނަ ތްރަސްޓް (އުފުލުމުގެ ބާރު) އުފައްދައެވެ. މިއީ ބޮޑު ހަތަރު މީހުންގެ އުފުލުމުގެ ބާރަށްވުރެ އިތުރު މިންވަރެކެވެ. ބޯޑުގެ ދުވެލި ކޮންޓްރޯލްކުރާ ކަންނެލި (ތްރޮޓަލް) ހުންނަނީ އޭނާގެ އިނގިލީގައި އަޅާފައިވާ އަނގޮޓިއެއްގައެވެ.
މި ބޯޑުގައި ކުރި ފުރަތަމަ ދަތުރުގައި ސްޓޯލްވެގެން ވެއްޓި ކަކުލަށް އަނިޔާވުމާ ގުޅިގެން، ސޮންގް ވަނީ ދެ މޮބައިލް ފޯނު ބޭނުންކޮށްގެން އޭއައި ފްލައިޓް-މޮނިޓަރިން ސިސްޓަމެއް ގާއިމުކޮށްފައެވެ. މި ސިސްޓަމުން ބްލޫޓޫތް އިޔާފޯނު މެދުވެރިކޮށް، "ބަރުދަން ވާތްފަރާތަށް ބަދަލުކުރޭ" ނުވަތަ "ކަކޫ ކަނާތްފަރާތަށް ލަންބާލާ" ފަދަ އިރުޝާދުތައް ވަގުތުން ވަގުތަށް އޭނާއަށް އަޑުން ފޯރުކޮށްދެއެވެ.
ބާޑޮންގްގެ ކުޑަ އަވަށަކަށް އުފަން ސޮންގް، އުމުރުން 14 އަހަރުގައި ސުކޫލުން ވަކިވެ މަސައްކަތްކުރީ ބައްޕަގެ ލަކުޑި ކާރުޚާނާގައެވެ. ނަމަވެސް ރައްޓެއްސެއްގެ ޓެބްލެޓަކުން ބޭރު ގައުމުތަކުގެ އުދުހޭ ޓެސްޓުތައް ފެނި، އުދުހުމުގެ ޝައުގުވެރިކަން އުފެދުނެވެ. އަދި 2022 ވަނަ އަހަރު ފައިސާ ހޯދައިގެން، ބައްޕަގެ ބުރާނަވެފައިވާ ލަކުޑި ގޮދޮޅިއެއް ސައިންސް ލެބަކަށް ބަދަލުކުރިއެވެ.
މީގެ ކުރިންވެސް އޭނާ ވަނީ ހީލިއަމް ބެލޫން ބޭނުންކޮށްގެން 40،000 މީޓަރު އުހަށް ރިމޯޓް ކޮންޓްރޯލް "ސްޕޭސް ޝަޓްލް" އެއް ފޮނުވައި، އަދި ހެލިކޮޕްޓަރަކުން ފުމެލައިގެން އަމިއްލަ ޖެޓް-ފިޔަގަނޑެއްގައި އުދުހެން މަސައްކަތްކޮށްފައެވެ. ނަމަވެސް އޭނާ އުފެއްދި ޖެޓް މަތިންދާބޯޓެއް ވެއްޓުމާއި، އުފެއްދި ބޮޑު އުޅަނދެއް ފޯސްވެގެން 2.4 މިލިއަން ޔުއާން (360،000 އެމެރިކާ ޑޮލަރު) ގެ ދަރަންޏަކާ ކުރިމަތިލާންޖެހުނެވެ.
ނަމަވެސް މަޝްހޫރު ކެމެރާ ކުންފުނި 'އިންސްޓާ360' ގެ "ތިންކް ބޯލްޑް" ފަންޑުން އޭނާއަށް 1.8 މިލިއަން ယުއާންގެ އެހީތެރިކަމެއް ދީ، ދަރަނިތަކުން ސަލާމަތްވުމަށް އެހީތެރިވެދިނެވެ. ސޮންގްގެ އާއިލާގެ މާލީ ހާލަތު ތަނަވަސްނޫން ކަމުގައިވިޔަސް، އޭނާގެ މައިންބަފައިން އަންނަނީ އޭނާގެ ހުވަފެންތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ. އޭނާ ބުނި ގޮތުގައި، އަދިވެސް އޭނާގެ މަސައްކަތް ނުނިމޭ ކަމަށާއި އިތުރަށް މައްޗަށް އުދުހުމުގެ ތަޖުރިބާތައް ކުރިއަށްގެންދާނެއެވެ.
Ads by MACL
