ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އިލޮށިފަތި ތަރުބިއްޔަތު ތަ؟ ނޫނީ މިހާރުގެ 'ޖެންޓަލް ޕޭރެންޓިންގް ތަ؟

އިލޮށިފަތި ތަރުބިއްޔަތު ތަ؟ ނޫނީ މިހާރުގެ 'ޖެންޓަލް ޕޭރެންޓިންގް ތަ؟

ތަރުބިއްޔަތަކީ، ކުދިން ބޮޑުވެ ރަނގަޅު އަޚްލާޤާއި ސުލޫކެއްގެ މަތީގައި ދިރިއުޅުން ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ބިންގަލެކެވެ.

ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަޔަކާއި ބަފައެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ.

މި ގޮތުން ބަލާއިރު، މީގެ އަހަރުތަކެއް ކުރިން ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ބޭނުން ކުރީ އިލޮށިފަތިން ދިން ތަރުބިއްޔަތެވެ.

ނަމަވެސް ޒަމާން ބަދަލުވެ މި ފަހަކަށް އައިސް ދަރިން ތަރުބިއްޔަތު ކުރުމަށް ބެލެނިވެރިން ބޭނުން ކުރަނީ 'ޖެންޓަލް ޕޭރެންޓިންގް' ނުވަތަ އޯގާތެރި ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ އުސޫލެވެ. 

އިލޮށިފަތިން ތަރުބިއްޔަތު ކުރުމޭ މި ބުނެވެނީ ކުއްޖަކު ކުރާ ނުބައި އަމަލުތައް ހުއްޓުވައި، ރަނގަޅު މަގު ދައްކައި ދިނުމަށްޓަކައި ކުއްޖާއަށް އަދަބު ދިނުމެވެ.

މިއީ ކުއްޖާގެ އުޅުން ވަކި ހުދޫދެއްގައި ހިފަހައްޓައި، ކިޔަމަންތެރި، އިޙްތިރާމް ކުރުމަށް ދަސްކޮށްދިނުމަށް ބޭނުން ކުރި ތަރުބިއްޔަތެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ދަރިންނަށް ތަދްބީރުކުރުމުގެ ވާހަކަ އައިސްފައި ވެއެވެ.

ދަރިން އުމުރުން 10 އަހަރު ވުމާއި އެކު ނަމާދު ނުކޮށްފިނަމަ ތަދްބީރު ކުރެވިދާނެ ކަމަށް ކީރިތި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމް ވަނީ ޙަދީޘް ކުރައްވާފައެވެ.

ނަމަވެސް ތަދްބީރު ކުރެވޭނެއޭ ބުނެވޭ ބަހުގެ މާނައަކީ ކުއްޖާ ތެޅި ތެޅީނުން ކުއްޖާއަށް ބޮޑު އަނިޔާއެއް ދިނުމެއް ނޫނެވެ. މިއީ ކުއްޖާއަށް މި ކުރި އަމަލަކީ ގޯސް އަމަލެއް ކަން އަންގައި މި ގޯސް އަމަލު ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް ނަގައިދޭ ފިލާވަޅެއްގެ ގޮތުގައި ކުއްޖާއަށް ދެވޭ އަދަބެކެވެ.

މިހާރުގެ ތަރުބިއްޔަތުގެ މާހިރުން ބުނާ ގޮތުގައި މިއީ ކުދިން ތަރުބިއްޔަތު ކުރުމުގައި ދުރުވާންޖެހޭ އުސޫލެކެވެ. އިލޮށިފަތި ތަރުބިއްޔަތުގެ ގެއްލުން ވަރަށް ގިނައެވެ. ގެއްލުންތަކަކީ

1. ޖިސްމާނީ އަނިޔާ: ކުއްޖާ ގައިގައި އިލޮށިފަތިން ތެޅުމުން ކުއްޖާއަށް ތަދުވެ، ބޮޑެތި އަނިޔާ ލިބެއެވެ.  ކުއްޖާއަށް މި ލިބޭ ބައެއް އަނިޔާ ތަކަކީ އުމުރު ދުވަހަށް ވެސް ދެމިގެން ދާނެ ގެއްލުން ތަކެކެވެ.

2. ނަފްސާނީ އަނިޔާ: ކުއްޖާ ތަޅައި ހެދުމުން ކުއްޖާގެ ހިތަށް ބިރުވެރި ކަން ވަދެ ކުއްޖާގެ ހިތުގައި ނުތަނަވަސް ކަން އުފެދެއެވެ. މިކަން ކަމުން ކުއްޖާ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި، ފިކުރުބޮޑުވެ، އެހެނިހެން ނަފްސާނީ މައްސަލަތައް އުފެދެއެވެ. 

3. ގުޅުން ދަށްވުން: މި ތަރުބިއްޔަތުގެ ސަބަބުން ކުއްޖާއާއި މައިންބަފައިންނާއި ދޭތެރޭ އޮންނަޖެހޭ އިތުބާރު ގެއްލި، މައިންބަފައިންނާއި ދުރުވާން މަސައްކަތް ކުރެވެއެވެ. މައިންބަފައިން ދެކެ ބިރުގަނެ، ހިތުގައި ހުންނަ ވާހަކަތަކާއި ޝުއޫރުތައް ބޭރު ކުރަން ފަސް ޖެހެއެވެ. ނަތިޖާއަކަށް ވަނީ ދެ ފަރާތުގެ ގުޅުން ހީނަރުވުމެވެ. 

4. ކުށްކުރުމުގެ މައްސަލަތައް: މި އުސޫލު ބޭނުން ކޮށްގެން ބޮޑު ކުރާ ކުދިން، ހިތް ހަރުވެ، ޝުއޫރުތައް ބޭރު ނުކުރެވި މުޖުތަމައުގައި ކުށްކުރުމުގެ ވިސްނުން އައުން އެކަށީގެން ވެއެވެ. އެހެން މީހުންނަށް ނުވަތަ އެހެން ކުދިންނަށް އަނިޔާ ކުރުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި މި ކުދިންނަށް ހީވުން އެއީ ވަރަށް ގާތް ކަމެކެވެ. 

5. ދެމިގެންދާ ނޭދެވޭ އަސަރު: އިލޮށިފަތި ތަރުބިއްޔަތުން ކުދިން ބޮޑުވެ ދިރިއުޅުމުންވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. އެކުދިން ބޮޑުވެގެން، ބައްޕައަކަށް ނުވަތަ މަންމައަކަށް ވުމުން އަމިއްލަ ދަރިންނަށް ވެސް ކަންތައް ކުރެވެނީ ހަމަ މިހެންނެވެ.

'ޖެންޓަލް ޕޭރަންޓިންގ' ނުވަތަ އޯގަތެރި ކަމާއި އެކު ދަތިން ތަރުބިއްޔަތު ކުރުމުގައި މައިގަނޑު ހަތަރު އަސާސެއް ވެއެވެ. އެއީ:

1. ހަމްދަރުދީ: މިއީ ކުއްޖާގެ އިހްސާސްތަކާއި ޝުޢޫރުތައް ދެނެގަނެ، އެ ކަމަށް އިޙްތިރާމް ކުރުމާއި އެކު ކުއްޖާ ތަރުބިއްޔަތު ކުރުމެވެ. ކުއްޖާ ކުއްލިއަކަށް ރުޅި އައިސް ހިތްހަމަނުޖެހުމުން އެކަމަށް ހަމްދަރުދީ ވުމާއި އެކު ދަރިފުޅުގެ ޖަޒުބާތުތައް ދެނެގަނެ، ބެލެނިވެރިން އެކަމަށް އިޙްތިރާމްކުރާކަން ދެއްކުމެވެ.

2. އިޙްތިރާމް: އެ ކުދިންގެ އިހްސާސްތައް އަޑުއަހުމުގެ ފުރުސަތު ދީ އެކުއްޖާގެ ރައުޔުތަކަށް ޤަދަރުކޮށް، އެޔަށް އިޙްތިރާމް ކުރާކަން ދެއްކުމެވެ. 

3. ވިސްނުން: ކުއްޖާ ބަސްނޭހުމުނެ، ކުއްޖާ ނުކިޔަމަންތެރިވާ ސަބަބުތައް ދެނެގަންނަން މަސައްކަތްކޮށް ކުއްޖާގެ އުޅުމަށް ބަދަލު އަންނަ ސަބަބު ދެނެގަނެ އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުމެވެ.

4. ހުދޫދުތައް ދެނެގަތުން: ކުއްޖާއަށް ވަކި ހުދޫދުތަކެއް ކަނޑައަޅައި އެ ހުދޫދެއްގެ ދަށުން ތަރުބިއްޔަތު ކުރުމެވެ. 

ޖެންޓަލް  ޕޭރަންޓިންގް ގެއްލުން

'ޖެންޓަލް ޕޭރަންޓިންގް'ގެ އުސޫލުތަކަކީ ކުއްޖާ ބޭނުން ކަމެއް ކުރުމަށް ދޫކޮށް ހަރުދަނާ އިންތަކެއް ކަނޑަނާޅައި ކުއްޖާގެ ކޮންމެ ކަމަކަށް ބޯލެބުން ކަމަށް ބެލެނިވެރިންނަށް ހީވެއެވެ.

މިކަން މިހެން ދިމާވުމުން ކުއްޖާއަށް އޭނާ ބޭނުން ކޮންމެ ކަމެއް ކުރެވޭނެ ކަމަށް ހީވެ ނުރަނގަޅު އާދަތައް ހަރުލައެވެ. މީގެ އިތުރުން އިންތައް ކަނޑަނޭޅި ކުއްޖާގެ އަމިއްލަ ކޮންޓްރޯލް ކުރުމުގެ ހުނަރު ތަރައްޤީނުވެ ޤަވާއިދުތަކާއި އުސޫލުތަކަށް ބޯނުލަބާ މީހެއްގެ ގޮތުގައި ބައެއް ފަހަރު އެ ކުއްޖާ ބޮޑު ވެއެވެ. 'ޖެންޓަލް ޕޭރެންޓިންގް' ގައި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ބެލެނިވެރިންނަށް ބުރަ ބޮޑު ވުމެވެ. ބެލެނިވެރިން ކުދިންނަށް ހާއްސަ ސަމާލުކަމެއް ދީ ކުދިންގެ އުޅުން ގާތުން ބަލަންޖެހެއެވެ. 'ޖެންޓަލް ޕޭރެންޓިންގް' ގައި ކެތްތެރިކަން އިހްތިޔާރު ކުރަން ޖެހެއެވެ.

'ޖެންޓަލް ޕޭރަންޓިންގް 'ފައިދާ

'ޖެންޓަލް ޕޭރަންޓިންގް' ސަބަބުން ކުއްޖާއަށް، އެ ކުއްޖެއްގެ ޖަޒުބާތުތައް ދެނެގަނެ ކޮންޓްރޯލް ކުރުމުގެ ޤާބިލިއްޔަތު ކަން އިތުރުވެއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ މައިންބަފައިންނާއި ގާތް ގުޅުމެއް ބިނާވެއެވެ. އެކުއްޖާގެ ދިރިއުޅުމުގައި  ދިމާވާ ބޮޑެތި މައްސަލަތަކުން އަރައިގަނެ އެކަންކަން ހައްލު ކުރުމުގެ ޤާބިލުކަން ލިބެއެވެ. 'ޖެންޓަލް ޕޭރެންޓިންގް'ގެ ސަބަބުން ހަމަ އެކަނި އަސަރު ކުރަނީ ކުދިންނަށް އެކަންޔެއް ނޫނެވެ. ބެލެނިވެރިންނަށް ވެސް މިކަމުގެ ސަބަބުން ގޭތެރޭގެ މާހައުލު ހަމަޖެހިގެންދެއެވެ. 

އަމިއްލަ ނަފްސަށް އިތުބާރު ކުރާ އަޙްލާޤު ރަނގަޅު ހިތްހެޔޮ ޖީލެއް ބިނާ ކުރުމަށް 'ޖެންޓަލް ޕޭރެންޓިންގް' އަކީ ވަރަށް ފައިދާ ހުރި ގޮތެކެވެ. މިއީ ދަރިންގެ މުސްތަޤުބަލަށް ކުރެވޭ ބޮޑު އިންވެސްޓްމެންޓް އެކެވެ. 

ނަމަވެސް ރާއްޖޭގައި ޒަމާނުއްސުރެ ބޭނުން ކުރަމުން އައި އިލޮށިފަތި ތަރުބިއްޔަތުން ކުއްޖާއަށް އެ އަނިޔާ ލިބޭ ވަގުތު ކިޔަމަންތެރިވެއެވެ. ކުއްޖާއަށް އޭނަ ކުރި ކަމަކީ ރަނގަޅު ކަމެއް ނޫން ކަން ދެނެގަނެ ދެވަނަ ފަހަރަށް އެކަން ކުރުމަށް ބިރުގަނެއެވެ. 

އެހެންކަމުން، އެންމެ ރަނގަޅީ ހަމަ އިލޮށިފަތި ތަރުބިއްޔަތު ހެއްޔެވެ؟ ނުވަތަ މިހާރުގެ ގޮތުން ނަމަ 'ޖެންޓަލް ޕޭރަންޓިންގް 'ހެއްޔެވެ؟

ލިޔުން: އައިޝަތު އަނާރާ ހުސެއިން 

ލައިފްސްޓައިލް

އިތުރަށް ←