ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

41 އަހަރުގައިވެސް ރޮނާލްޑޯ ރެކޯޑުތަކެއް ފަހަތުން - ކޮފީ އަކީ ޑައިޓްގެ މުހިންމު ބައެއް

41 އަހަރުގައިވެސް ރޮނާލްޑޯ ރެކޯޑުތަކެއް ފަހަތުން - ކޮފީ އަކީ ޑައިޓްގެ މުހިންމު ބައެއް

އުމުރުން 41 އަހަރުގެ ޕޯޗުގީޒް ސުޕަރ ސްޓާރު ކްރިސްޓިއާނޯ ރޮނާލްޑޯ އަދިވެސް ކުޅެމުން، ގޯލުޖަހަމުން އަދި އާ ރެކޯޑުތަކެއް ހޯދުމުންދާއިރު, ސައުދީ އަރަބިއްޔާގެ އަލް-ނަސްރު ކްލަބުގައި އޭނާ ކުރިއަށްދާ ކެރިއަރަކީ ހަށިހެޔޮކަމަށް ދޭ ބޮޑު ސަމާލުކަމެއްގެ ނަތީޖާއެއްގެ ގޮތުގައި ބެލެވެއެވެ. ތަމްރީނު، ކެއުން ބުއިން އަދި އަރާމުކުރުމަކީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު ތިން ބައެވެ. އަދި އެ ޑައިޓްގެ ތެރޭގައި ދުނިޔޭގައި އެންމެ މަޝްހޫރު ބުއިންތަކުގެ ތެރޭގައި ހިމެނޭ ކޮފީވެސް ހިމެނެއެވެ.

އުމުރުން 41 އަހަރުގައިވެސް ރޮނާލްޑޯ އަމާޒުކުރަނީ ބޮޑެތި ލަނޑުދަނޑިތަކެކެވެ. އޭގެ ތެރޭގައި ކެރިއަރުގައި 1000 ގޯލުގެ މައިލްސްޓޯން ފުރިހަމަކުރުމާއި، ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ދެމެހެއްޓުމާއި 2028 ވަނަ އަހަރުގެ ޔޫރޯޕިއަން ޗެމްޕިއަންޝިޕް އާ ހަމައަށް ދިއުން ހިމެނެއެވެ.

އޭބީސީން ހާމަކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުގައި ރޮނާލްޑޯގެ ދިގު ކެރިއަރުގެ ސިއްރަކީ "ރޮނާލްޑޯ މެތަޑް" ގެ ގޮތުގައި ބެލެވޭ ތިން ސާލު ހިންގުމެވެ. އެއީ ތަމްރީނު، އަރާމުކުރުން އަދި ކެއުން ބުއިމެވެ. އޭނާގެ ހަށިގަނޑު އަބަދުވެސް ފުޓްބޯޅައިގެ އެންމެ މަތީ ފެންވަރަށް ތައްޔާރަށް ބެހެއްޓުމަށް އޭނާ ވަނީ ކޮންމެ ކަމެއްވެސް ރާވާފައެވެ.

ރޮނާލްޑޯގެ ކެއުން ބުއިން ވަނީ އޭނާގެ ކެރިއަރުގެ އެކި ދުވަސްވަރުތަކާ އެއްގޮތަށް ބަދަލުވެފައެވެ. ކެރިއަރުގެ ކުރީކޮޅު އަވަސް ހަރަކާތާއި އެޖިލިޓީ މުހިންމުވި އިރު، އޭނާގެ ޑައިޓް ބިނާކޮށްފައި ހުރީ ތުނި އަދި ވަރުގަދަ ހަށިގަނޑެއް ބެހެއްޓުމަށެވެ. އަދި ފަހުން ގޯލާ ކައިރިއަށް ކުޅުން ބަދަލުވުމާއެކު ހަށިގަނޑުގެ މަސްގަނޑު ބޮޑުކުރުމަށް އިސްކަންދީފައިވެއެވެ. މިހާރު އޭނާގެ ޑައިޓްގެ އެންމެ މުހިންމު ކަލިމާއަކީ ބެލެންސް ނުވަތަ ހަމަހަމަކަމެވެ. އަވަކާޑޯ، ބިސް، ކުކުޅު، މަސް އަދި ތަރުކާރީގެ އިތުރުން ޕްރޮޓީން، ފައިބަރ އަދި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކަށް އޭނާ ޚާއްޞަ ސަމާލުކަމެއް ދެއެވެ.

ކޮފީ އެންމެ ގިނައިން ފެނިގެންދަނީ ހެނދުނުގެ ކެއުމުގައެވެ. ރޮނާލްޑޯގެ ހެނދުނުގެ ނާސްތާގައި އާންމުކޮށް ހިމެނެނީ އަވަކާޑޯ، ބިސް އަދި ކޮފީއެވެ. އެއީ އޭނާގެ ދުވަހުގެ ފެށުމުގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވެއެވެ.

އެކަމަކު ކޮފީ ފޮތިކަކުން އެކަނި ރޮނާލްޑޯ މިހާ ދިގު މުއްދަތަކަށް މަތީ ފެންވަރުގައި ހުރީކަމަށް ބުނެވެން ނެތެވެ. ކޮފީއަކީ އޭނާގެ ކޮންމެ ދުވަހެއްގެ ޑިސިޕްލިން އަދި ސާބިތުކަމާއެކު ގެންގުޅޭ ރޫޓީނުގެ އެއް ބައެކެވެ. ދުވާލުގެ ބާކީ ވަގުތުތަކުގައި އޭނާ ބައްލަވަނީ ހަށިގަނޑަށް ފައިދާހުރި ކާނާއަށް، ޕްރޮޓީން އަދި ފައިބަރު ގިނަ ކާނާއަށެވެ. އަދި ހަކުރު، ކިރުގެ ބާވަތްތައް އަދި ފުށުން ހަދާފައިވާ ބައެއް ކާނާތައް ވަރަށް ބޮޑަށް މަދުކޮށްފައިވެއެވެ. މީގެ މަޤްޞަދަކީ ހަށިގަނޑަށް ދެމެހެއްޓެނިވި ހަކަތަ ލިބުމާއި، ތަމްރީނާއި މެޗަށްފަހު އަވަހަށް ރަނގަޅުވުމާއި، ޕްރޮފެޝަނަލް ފުޓްބޯޅައަށް ބޭނުންވާ ފިޓްނަސް ދެމެހެއްޓުމެވެ.

20 އަހަރުގެ ރޮނާލްޑޯގެ ހަށިގަނޑަށް ބޭނުންވާނޭ ކަންކަމާއި 40 އަހަރުގެ ރޮނާލްޑޯގެ ހަށިގަނޑަށް ބޭނުންވާ ކަންކަން ތަފާތުވާނެކަން އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންކަމުން އުމުރުން ދުވަސްވުމާއެކު ދިމާވާ ބަދަލުތަކަށް ހައްލު ހޯދުމަށް އޭނާގެ ތަމްރީނާއި ޑައިޓް އަބަދުވެސް ބަދަލުކޮށްފައިވެއެވެ. ދަނޑުން ބޭރުގައި ގެންގުޅޭ ޑިސިޕްލިނަކީ ރޮނާލްޑޯގެ ސިފަޔާއި ވަކިކޮށްލެވެން ނެތް އެއްޗެކެވެ. ނިދި މެނޭޖްކުރުމުން ފެށިގެން ތަމްރީނާއި ކެއުން ބުއިމާ ހަމައަށް ކޮންމެ ކަމެއްވެސް އަމާޒުކޮށްފައި ހުންނަނީ ޕާފޯމަންސް އަދި ރަނގަޅުވުން މަތިކުރުމަށެވެ.

20 އަހަރަށްވުރެ ގިނަ ދުވަސްވީ ކެރިއަރެއްގައި ރޮނާލްޑޯ ވަނީ ސްޕޯޓިންގ ލިސްބަން، މެންޗެސްޓަރ ޔުނައިޓެޑް، ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި އަނެއްކާވެސް މެންޗެސްޓަރ ޔުނައިޓެޑަށް ފަހު މިހާރު އަލް-ނަސްރުގައި ކުޅެފައެވެ. 41 އަހަރުގައިވެސް އޭނާ ދަނީ އޭނާގެ އުމުރުގެ ކުޅުންތެރިއަކަށް ނުކުރެވޭނެކަމަށް ބެލެވުނު ކަންކަން ކުރަމުންނެވެ.

ލައިފްސްޓައިލް

އިތުރަށް ←