މެސީގެ 10 ނަންބަރު ޖާޒީ ހައްގުވަނީ ހޫލިއަން އަލްވަރޭޒަށް: ރޮމޭރޯ
އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކްރިސްޓިއަން ރޮމޭރޯ ހާމަކުރި ގޮތުގައި، ލިއޮނެލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު އޭނާގެ ތާރީޚީ 10 ނަންބަރު ޖާޒީ ދޭން އެންމެ އެކަށީގެންވާ ކުޅުންތެރިއަކީ ހޫލިއަން އަލްވަރޭޒެވެ.
ގައުމީ ޓީމުގެ ކެޕްޓަން ބޭންޑާ ހަވާލުވުމަށްފަހު ދިން އިންޓަވިއުއެއްގައި ރޮމޭރޯ ބުނީ، މެސީ ދިއުމަށްފަހު 10 ނަންބަރު ޖާޒީ އަލްވަރޭޒަށް ދިނުމަކީ އޭނާގެ އަމިއްލަ ނިންމުމެއްނަމަ އެކަން ކުރާނެ ގޮތް ކަމަށެވެ.
އަލްވަރޭޒަކީ ގައުމީ ޓީމަށް ބޮޑު ގުރުބާނީތަކެއްވެ، ޓީމުގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކުޅުންތެރިއެއްކަން އޭނާ ފާހަގަކުރިއެވެ.
Ads by BMLމީގެ އިތުރުން ރޮމޭރޯ ފާހަގަކުރި ގޮތުގައި، މެސީ ފަދަ އާދާޔާޚިލާފު ކުޅުންތެރިއަކު ތަމްސީލުކުރި 10 ނަންބަރު ޖާޒީއަށް އޮތް އިހުތިރާމުގެ ބޮޑުކަމުން، އެ ނަންބަރު މުޅިން ރިޓަޔާކުރުމަކީވެސް ވިސްނިދާނެ ކަމެކެވެ. ނަމަވެސް، ޓީމުގެ މުސްތަގުބަލަށް ބަލައި އެ ޖާޒީ އެހެން ކުޅުންތެރިއަކަށް ދޭންޖެހޭ ހާލަތެއްގައި، އެ ބުރަ މަސްއޫލިއްޔަތު އުުފުލުމުގެ ގާބިލުކަން އަލްވަރޭޒްގެ ކިބައިގައި ހުރިކަމަށް ރޮމޭރޯ ގަބޫލުކުރެއެވެ.
އަލްވަރޭޒަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރިއިރު ޓީމުގައި މުހިންމު ދައުރެއް އަދާކުރި، އަދި މިހާރު އެތުލެޓިކޯ މެޑްރިޑަށް ކްލަބު ފުޓްބޯޅަ ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑެކެވެ.
Ads by MACL
