ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ވޯލްޑްކަޕްގައި ރޮނާލްޑޯ ހޭދަކުރި ކޮންމެ މިނެޓަކީ ކޯޗަށް ކުރިމަތިވި ބޮޑު ގޮންޖެހުންތަކެއް: ޕޯޗުގަލްގެ ކުރީގެ އެސިސްޓެންޓް ކޯޗު

ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކްރިސްޓިއާނޯ ރޮނާލްޑޯ --
ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކްރިސްޓިއާނޯ ރޮނާލްޑޯ --

2026 ވަނަ އަހަރުގެ ފުޓުބޯޅަ ވޯލްޑް ކަޕް މުބާރާތުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެޗުތަކުގައި ހޭދަކުރި ކޮންމެ މިނެޓަކީ ޓީމުގެ ކޯޗު ރޮބާޓޯ މާޓީނޭޒަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް ޕޯޗުގަލްގެ ކުރީގެ އެސިސްޓެންޓް ކޯޗު ރިކާޑޯ ކަރްވާލިއޯ ހާމަކޮށްފިއެވެ.

ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ޖޯން އޮބި މިކެލްއާ ވާހަކަދައްކަވަމުން ކަރްވާލިއޯ ފާހަގަކުރެއްވި ގޮތުގައި، އުމުރުން 41 އަހަރުވެފައިވާ ވެޓަރަން ފޯވަޑް ކޮންމެ މެޗެއްގެވެސް ކޮންމެ މިނެޓެއްގައި ކުޅެން ބޭނުންވުމަކީ ކޯޗަކަށް އޮތް ބޮޑު ތަކުލީފެކެވެ.

ރޮނާލްޑޯގެ ފިޓްނަސްއާއި ވާދަވެރި ވިސްނުން ކިތަންމެ ރަނގަޅުވި ނަމަވެސް، ޓީމުގެ މަސްލަހަތަށްޓަކައި ބައެއް މެޗުތަކުގައި ކޯޗު މާޓީނޭޒް އޭނާގެ ނިންމުން ގަދަކޮށް ރޮނާލްޑޯ ބާލަންޖެހޭނެކަމަށް އޭނާ ދެކެއެވެ. މާޓީނޭޒްގެ ނިންމުންތަކާ މެދު އޭނާ ދެކެނީ ތަފާތު ގޮތަކަށެވެ. މާޓީނޭޒް ރޮނާލްޑޯ ބޭލުމަށްވުރެ އޭނާއަށް ފުރުސަތު ދިނީ ވޭތުވެދިޔަ ތިން ހަތަރު އަހަރު އެ ޤައުމަށް ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް ކަރްވާލިއޯ ޤަބޫލުކުރެއެވެ. ނަމަވެސް، އަމިއްލަ ތަޖުރިބާއަށް ބިނާކޮށް އޭނާ ބުނީ، އޭނާ އެ މަޤާމުގައި ހުރިނަމަ ރޮނާލްޑޯ ބޭލުމުގެ ނިންމުން ނިންމާނެ ކަމަށެވެ.

މިކަމުގެ މިސާލެއްގެ ގޮތުން ގްރޫޕް ސްޓޭޖުގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗު އޭނާ ފާހަގަކުރިއެވެ. އެ މެޗުގައި ޕޯޗުގަލް 5-0 އިން މޮޅުވި އިރު، ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހާފައެވެ. އިތުރު ގޯލުތަކެއް ޖެހުމަށް ބޭނުންވެފައި ހުރި ރޮނާލްޑޯ، "އަދިކިރިޔާ މި ފެށީ ލަނޑުޖަހަން، އަދި އިތުރަށް ބޭނުންވޭ" ކަމަށް ބުނެ ކޯޗު ބަދަލުކުރަން އުޅުމުން ދެކޮޅު ހެދިކަމަށް ކަރްވާލިއޯ ކިޔައިދިނެވެ. ސްކޮޑުގައި 26 ކުޅުންތެރިން ތިބިއިރު، އެހެނިހެން އެޓޭކިން ކުޅުންތެރިންނަށްވެސް ފުރުސަތު ބޭނުންވާކަން އޭނާ ފާހަގަކުރިއެވެ.

ކަރްވާލިއޯ ފާހަގަކުރި ގޮތުގައި، އުމުރުން ދުވަސްވީ ކުޅުންތެރިން ކުޅެމުންދާއިރު މެޗުގެ ފަހުކޮޅަށްދާވަރަކަށް ވަރުބަލިވެ، ވަގުތަށް ބޯޅައަށް ނުދެވޭ މައްސަލަ ދިމާވާނެއެވެ. މި ދުވަސްވަރު ޕޯޗުގަލްއިން ރޮނާލްޑޯ ބަދަލުކޮށްފައިވަނީ އެންމެ ފަހަރަކު ކަމަށާއި، އެއީ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ގޮންޒާލޯ ރާމޯސް ކުޅެން އަރުވައި އޭނާ ލަނޑުޖެހި މެޗުގައި ކަމަށް އޭނާ ހަނދާން އައެވެ. ކޯޗު މާޓީނޭޒް ނިންމި ނިންމުންތަކާ މެދު އޭނާ ހިތްހަމަޖެހޭނެކަމަށް ޤަބޫލުކުރި ނަމަވެސް، ކަރްވާލިއޯގެ ވިސްނުން ހުރީ ޓީމުގެ އެހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށާއި މެޗުގެ ފަހުބައިގައި ކުޅުންތެރިންގެ ވަރުބަލިކަން ކުޑަރުމަށެވެ.

ކުޅިވަރު

އިތުރަށް ←