ހޭލާކަށް ނުވޭބާ؟ އިންޑޯއެއް ޕްރެކްޓިސްއެއް ނެތި، ރާއްޖެއިން ބޮޑު ހޮންގްކޮންގް 7-0 އިން ބަލިކޮށްފި!
ރާއްޖޭގައި ފުޓްސަލްގެ އިންޑޯކޯޓެއް ނެތްއިރު އަދި އިންޑޯގައި އެއްވެސް ޕްރެކްޓިސްއެއް ކުރުމެއްނެތި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމް މިވަނީ މުޅިގައުމު ފަޚުރުވެރިވާފަދަ ހައިރާންކުރުވަނިވި ބޮޑު ނަތީޖާއެއް ނެރެދީފައެވެ. އެ ކުޅުންތެރިންގެ ހުނަރާއި ފެންވަރު އަންނަނީ މުޅި އޭޝިއާއަށް ސާބިތުކޮށްދެމުންނެވެ. އެގޮތުން، ޗައިނާގައި ކުރިއަށްދާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގްކޮންގާ ދެކޮޅަށް ކުޅުނު މެޗުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ހޯދި ތާރީޚީ މޮޅާއެކު، ޤައުމީ ފުޓްސަލް ޓީމުން މުޅި ޤައުމަށް މިވަނީ އާ އުންމީދެއް ގެނެސްދީފައެވެ.
މިއީ ހަމައެކަނި މެޗަކުން މޮޅުވުމެއް ނޫނެވެ. މިއީ އެކަށީގެންވާ އިންޑޯ ފެސިލިޓީއެއް ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގެ އިންޑޯ ޕްރެކްޓިސް ކޯޓެއް ނެތިވެސް، ދިވެހި ކުޅުންތެރިންގެ ހިތްވަރާއި ޤާބިލުކަން ހުރި މިންވަރު ހާމަކޮށްދިން ވަރުގަދަ މެސެޖެކެވެ. ރާއްޖޭގައި ޤައުމީ ޓީމަށްވެސް ޕްރެކްޓިސް ކުރަން ލިބެނީ އާދައިގެ ހާމައެކަނި ޓާފް ކޯޓުތައް ކަމުގައި ވީނަމަވެސް، އަސްލު އިންޑޯ ކޯޓަކަށް އަރައި ބައިނަލްއަޤްވާމީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ދިވެހި ކުޅުންތެރިން ދައްކާ ކުޅުމަކީ ޙައިރާންކުރުވަނިވި ކުޅުމެކެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން މެޗު ކޮންޓްރޯލްކޮށް، ހޮންގްކޮންގްގެ މައްޗަށް ދިވެހި ޓީމުން މުޅިން ކުރިހޯދިއެވެ. ޓެކްނިކަލް ގޮތުންނާއި، ޕާސިންގް މޫވްމަންޓްތަކާއި، އަދި ނިންމާލުންތަކުގައި ދިވެހި ޓީމުން ދެއްކީ އޭޝިއާގެ އެންމެ މަތީ ފެންވަރުގެ ކުޅުމެކެވެ.
Ads by BMLމި ބޮޑު މޮޅާއެކު، ކުޅިވަރުގެ ކަންކަން ބަލަހައްޓަވާ ކަމާބެހޭ ފަރާތްތަކަށާއި ސަރުކާރަށް އަނެއްކާވެސް މިވަނީ ވަރުގަދަ ސުވާލެއް ކުރިމަތިވެފައެވެ: "ހޭލާކަށް ނުވޭބާ؟"
ޤައުމީ ފުޓްސަލް ޓީމަކީ ރާއްޖެއަށް ބޮޑެތި ރީތި ނަންތަކާއި ކާމިޔާބީތައް ހޯދައިދެވިދާނެ ޓީމެއްކަން ތަކުރާރުކޮށް ސާބިތުކޮށްދެމުންދާއިރު، އެ ކުޅުންތެރިންނަށް ޙައްޤުވާ ފެންވަރުގެ ވަސީލަތްތައް އަދިވެސް ނުލިބޭކަމީ ހަގީގަތެކެވެ. އެކަށީގެންވާ އިންޑޯ ސްޓޭޑިއަމަކާއި، އެކަށީގެންވާ ވަސީލަތްތައް ޤައުމީ ޓީމަށް ފޯރުކޮށްދީފިނަމަ، ދިވެހި ފުޓްސަލް އޭޝިއާގެ އެންމެ އުހަށް ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
ޤައުމީ ފުޓްސަލް ޓީމަށް މިއަށްވުރެ ރަނގަޅު ގޮތްތަކާއި، އެކަށީގެންވާ އިންޑޯ ވަސީލަތްތައް ޙައްޤެވެ!
Ads by MACL
