ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ދުވާލަކު ތިން ތަށި ގްރީން ޓީ ބުއިމުން ސިކުނޑީގެ އާ ސެލްތައް އުފެދި، ހަނދާން ބަލިވުމުން ރައްކާތެރިކޮށްދޭ!

ދުވާލަކު ތިން ތަށި ގްރީން ޓީ ބުއިމުން ސިކުނޑީގެ އާ ސެލްތައް އުފެދި، ހަނދާން ބަލިވުމުން ރައްކާތެރިކޮށްދޭ!

ގަވާއިދުން ގްރީން ޓީ ބުއިމަކީ ސިކުނޑީގެ އާ ސެލްތައް އުފެދުމަށް ބާރުއަޅައި، އުމުރުން ދުވަސްވުމުން ދިމާވާ ހަނދާން ނެތުމުގެ ބަލިތަކުން ސިކުނޑި ރައްކާތެރިކޮށްދޭ ކަމެއް ކަމަށް ނިއުރޮލޮޖީގެ މާހިރުންނާއި ފަހުގެ ސައިންޓިފިކް ދިރާސާތަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް ސައުތު ފްލޮރިޑާގެ ނިއުރޮލޮޖީ ޕްރޮފެސަރު އަދި ސްޓްރޯކް ޑިވިޜަންގެ ޗީފް ޑރ. ވިލިއަމް ސްކޮޓް ބާގިން ވިދާޅުވި ގޮތުގައި ގްރީން ޓީގައި ގިނަ އަދަދަކަށް އެކުލެވޭ ‘އީޖީސީޖީ’ ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓަކީ ސިކުނޑީގެ އާ ނިއުރޯންތައް އުފެއްދުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ މާއްދާއެކެވެ.

މި މާއްދާ ހިމެނޭ ޕޮލީފީނޯލްސް އަކީ ރީނދުލާއި ކޯކޯ ފަދަ ބާވަތްތަކުގައި ވެސް ހިމެނޭ ސިކުނޑީގެ ދުޅަހެޔޮކަމަށް ނުހަނު ބޭނުންތެރި މާއްދާއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެންޕީޖީ ސައިންސް އޮފް ފުޑް މަޖައްލާގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި ހެނދުނުގެ ކޮފީއަށް ވުރެ ގްރީން ޓީން ސިކުނޑިއަށް ލިބޭ ފައިދާ މާ ބޮޑެވެ.

ޖަޕާނުގެ އުމުރުން 65 އަހަރުން މަތީގެ 8,766 މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ އެ ދިރާސާގައި އެމީހުންގެ އެމްއާރުއައި ސްކޭންތައް ބެލި އިރު، ގިނައިން ގްރީން ޓީ ބޯ މީހުންގެ ސިކުނޑީގައި ހަނދާން ނެތުމާ ގުޅުންހުރި “ވައިޓް މެޓާ ލީޝަންސް” ނުވަތަ ސިކުނޑީގެ ކުދިކުދި ގެއްލުންތައް މަދުކަން ވަނީ ފާހަގަކުރެވިފަ އެވެ.

އެ ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ދުވާލަކު ތިން ތަށި ގްރީން ޓީ ބޯ މީހުންގެ ސިކުނޑީގައި މިފަދަ ގެއްލުންތައް 3 އިންސައްތަ މަދުއިރު، ދުވާލަކު ހަތެއް ނުވަތަ އަށެއް ތަށި ބޯ މީހުންގެ ސިކުނޑީގައި 6 އިންސައްތަ މަދެވެ.

ނަމަވެސް ކޮފީ ބުއިމާއި ސިކުނޑީގެ މިފަދަ ގެއްލުންތައް މަދުވުމާ ސީދާ ގުޅުމެއް ހުރިކަން އެ ދިރާސާއިން ފެނިފައެއް ނުވެ އެވެ.

ޑރ. ބާގިން އިރުޝާދު ދެއްވާ ގޮތުގައި ސިކުނޑި ތޫނުފިލިކޮށް ބެހެއްޓުމަށްޓަކައި ގްރީން ޓީގެ އިތުރުން ބްލޫބެރީ، ސްޓްރޯބެރީ، ފެހިކަން ގަދަ ފަތްޕިލާވެލި އަދި ޑާކް ޗޮކްލެޓް ފަދަ އެންޓިއޮކްސިޑެންޓްސް ގިނަ ކާނާ ބޭނުންކުރުން މުހިންމެވެ.

މީގެ އިތުރުން ވިޓަމިން ބީ، މެގްނީޒިއަމް އަދި އޮމެގާ-3 ފެޓީ އެސިޑްސް އެކުލެވޭ ކާނާ ކެއުމުގައި ހިމެނުމަކީ ސިކުނޑިއަށް ލިބޭ އޮކްސިޑޭޓިވް ސްޓްރެސްއާ ދެކޮޅަށް މަސައްކަތްކޮށްދޭ ކަމެކެވެ.

ބާޒާރުގައި ފުޅީގައި ބަންދުކޮށްފައި ހުންނަ ބައެއް ގްރީން ޓީގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭތީ، އެންމެ ފައިދާހުރި ގޮތަކީ ގޭގައި އަމިއްލައަށް ތައްޔާރުކޮށްގެން ބުއިން ނުވަތަ ގަންނައިރު އޭގެ ލޭބަލް ރަނގަޅަށް ބެލުމެވެ.

ގްރީން ޓީގައި ކޮފީގެ ދެބައިކުޅަ އެއްބައި ވަރަށް ކެފެއިން އެކުލެވޭތީ، ނިދުމަށް އުނދަގޫވާ މީހުން ދުވާލުގެ ކުރީކޮޅު ގްރީން ޓީ ބުއިމަށާއި، ގަވާއިދުން ކަސްރަތުކޮށް ހަމަ ނިދި ހޯދުމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ.

ލައިފްސްޓައިލް

އިތުރަށް ←