ހިތާއި ސިކުނޑީގެ ދުޅަހެޔޮކަމަށް މިންގަނޑެއްގެ ތެރެއިން ޑާކް ޗޮކްލެޓް ކެއުމަކީ ފައިދާހުރި ކަމެއް
ހިތާއި ސިކުނޑީގެ އިތުރުން ގޮހޮރުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި މިންގަނޑެއްގެ ތެރެއިން ގަވާއިދުން ޑާކް ޗޮކްލެޓް ބޭނުންކުރުމަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިދޭ ކަމެއް ކަމަށް ސިއްހީ ދިރާސާތަކުން ދައްކައިފިއެވެ. ޒަމާނުއްސުރެ މީރު ކާނާއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޑާކް ޗޮކްލެޓުން ލިބޭ ހައިރާންކުރުވަނިވި ސިއްހީ ފައިދާތައް ހާސިލުކުރެވޭނީ އެކަށީގެންވާ ކުޑަ މިންވަރަކަށް ބޭނުންކޮށްގެން ކަމަށް މާހިރުން ފާހަގަކުރެއެވެ.
އާންމު ގޮތެއްގައި ޑާކް ޗޮކްލެޓް ބާއެއްގައި 200 ކެލޮރީ އަދި 22 ގްރާމް ހަކުރު އެކުލެވޭއިރު، މިއީ އަންހެނުންނާއި ފިރިހެނުން ދުވާލެއްގެ މައްޗަށް ހަކުރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ މިންގަނޑާ ގާތްކުރާ އަދަދެކެވެ. ކެއުމުގައި ހަކުރު ގިނަވުމަކީ ހަށިގަނޑުގައި ސަރުބީ އިތުރުވެ، ހިތުގެ ބަލިތައް ފަދަ ދާއިމީ ބަލިތަކަށް މަގުފަހިވާ ކަމެއް ނަމަވެސް، ޑާކް ޗޮކްލެޓުގައި އެކުލެވޭ ފައިދާހުރި މާއްދާތަކުގެ ސަބަބުން މިންގަނޑެއްގެ ތެރޭގައި އެ ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ.
ސްކްރިޕްސް ކްލިނިކްގެ ކާޑިއޮލޮޖިސްޓެއް ކަމަށްވާ ޑރ. ޕައުލީނާ އުއްދީން ވިދާޅުވި ގޮތުގައި، ޗޮކްލެޓް ކެއުމަކީ ސިއްހަތަށް ފައިދާހުރި ކަމަކަށް ވީނަމަވެސް، އެއީ ޑާކް ޗޮކްލެޓަށް ވާންޖެހެއެވެ. އަދި ގަވާއިދުން ކުޑަ މިންވަރަކަށް ޑާކް ޗޮކްލެޓް ކެއުމުން ހަށިގަނޑަށް ގިނަ ގުނަ ސިއްހީ ފައިދާތަކެއް ލިބޭކަން ދިރާސާތަކުން ސާބިތުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLޑާކް ޗޮކްލެޓުގައި ހަށިގަނޑު ދުޅަވުމުން ސަލާމަތްކޮށްދީ ސެލްތައް ބަލިތަކުން ރައްކާތެރިކޮށްދޭ “ޕޮލީފިނޯލްސް” އަދި “ފްލޭވޮނޮއިޑްސް” ފަދަ ގަސްގަހާގެހިން ލިބޭ ބާރުގަދަ މާއްދާތައް ހިމެނެއެވެ. ނޯތުވެސްޓަން މެޑިސިންއިން ހާމަކުރާ ގޮތުގައި މި މާއްދާތަކުގެ އެހީގައި ހަށިގަނޑުގައި “ނައިޓްރިކް އޮކްސައިޑް” އުފައްދައިދީ، ލޭހޮޅިތައް ހަމައަކަށް އަޅުވައި ލޭގެ ދައުރުވުން ރަނގަޅުކޮށްދިނުމާއެކު ލޭގެ ޕްރެޝަރު ދުޅަހެޔޮ މިންވަރެއްގައި ހިފަހައްޓައިދެއެވެ.
ޔޫޓީ ހެލްތު ހިއުސްޓަންގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ޖޯން ޕީ ހިގިންސް ވިދާޅުވި ގޮތުގައި، ނައިޓްރިކް އޮކްސައިޑަކީ ލޭހޮޅިތަކުގެ ސިއްހަތު ސަލާމަތްކޮށްދީ ލޭހޮޅިތައް ބެދުމުން ރައްކާތެރިކޮށްދޭ މުހިންމު މާއްދާއެކެވެ. މީގެ އިތުރުން ލޭގެ ދައުރުވުން ރަނގަޅުވުމަކީ ދަތުގެ މައްސަލަތައް މަދުވުމަށާއި ހަނދާން ގަދަވުމަށްވެސް އެހީތެރިވެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔޯ ކްލިނިކުން ބުނާ ގޮތުގައި، ޑާކް ޗޮކްލެޓުގައި ހުންނަ ފްލޭވޮނޮއިޑްސްގެ ސަބަބުން އިންސިއުލިންއަށް ހަށިގަނޑު އިޖާބަދޭ މިންވަރު އިތުރުވެ، ހަކުރުބަލީގެ ނުރައްކާ ކުޑަވެގެންދެއެވެ. ހަމައެއާއެކު އަވިން ލިބޭ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކޮށްދީ، ހަމުގެ ކެންސަރުން ސަލާމަތްވުމަށްވެސް މި މާއްދާ އެހީތެރިވެދޭކަން ބައެއް ދިރާސާތަކުން ދައްކައެވެ.
މަސްތަކާއި ނާރުތަކުގެ މަސައްކަތަށް އެހީތެރިވެދީ، ކަށިތަކުގެ ދުޅަހެޔޮކަމާއި ލޭގެ ހަކުރާއި ޕްރެޝަރު ކޮންޓްރޯލްކޮށްދޭ މެގްނީޒިއަމް ފަދަ ކޮންމެހެން ބޭނުންތެރި މިނަރަލްތައް ޑާކް ޗޮކްލެޓުގައި އެކުލެވިގެންވެއެވެ. އަދި ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދީ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް އެހީވާ ކޮޕާއާއި އަޔަންވެސް މީގައި ހިމެނެއެވެ.
މިނަރަލްތަކުގެ އިތުރުން، ޑާކް ޗޮކްލެޓަކީ އުފާވެރިކަން އިހުސާސްކޮށްދޭ ހޯމޯންއެއް ކަމަށްވާ “ސެރޮޓޮނިން” ލިބިދޭ އެއްޗެއް ކަމަށް ޑރ. ހިގިންސް ފާހަގަކުރެއްވިއެވެ. ސެރޮޓޮނިންގެ މިންވަރު މަތިވުމުން ލޭގެ ޕްރެޝަރު ދަށްވެ، ގޮހޮރުގެ ސިއްހަތާއި ނިދުމުގެ އާދަތައް ރަނގަޅުވާ ކަމަށާއި، މީހާ އުފަލުގައި ހުންނައިރު ހިތުގެ ދުޅަހެޔޮކަމަށް އެހީވާ އެހެނިހެން މާއްދާތައްވެސް ހަށިގަނޑުން އުފައްދައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑާކް ޗޮކްލެޓުން އެންމެ ބޮޑު ފައިދާއެއް ލިބެނީ ކޮކޯ ހިމެނޭ މިންވަރު މަތިވެފައި ހަކުރު އެކުލެވޭ މިންވަރު މަދު ވައްތަރުތަކުން ކަމަށްވާއިރު، ނޯތުވެސްޓަން މެޑިސިންއިން ލަފާދެނީ ދުވާލަކު 70 އިންސައްތައަށް ވުރެ ގިނައިން ކޮކޯ ހިމެނޭ ޑާކް ޗޮކްލެޓުގެ އެއް ގޮޅި ނުވަތަ ތިން ގޮޅި ކެއުމަށެވެ. އަދި ދިގު މުއްދަތަކަށް ސިއްހަތު ރަނގަޅު ކެއުމުގެ އާދައެއް ހިފެހެއްޓުމުގެ ސިއްރަކީ ދޭތެރެއަކުން މޮޅު ޑާކް ޗޮކްލެޓް ކޮޅެއް ފަދަ ހިތްހަމަޖެހޭ ކާނާއެއް ބޭނުންކުރުން ކަމަށް ޑައިޓީޝަން ހޭލީ ޑޮކްރީ ވިދާޅުވެއެވެ.
Ads by MACL
