ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އެންމެގިނަޝޯ އެޅުވި ދިވެހި ފިލުމަކަށް ’ސޮރީ‘ އޮލިމްޕަހުގައި އެކަނި ވެސް 52 ޝޯ

އެންމެގިނަޝޯ އެޅުވި ދިވެހި ފިލުމަކަށް ‘ސޮރީ’ އޮލިމްޕަހުގައި އެކަނި ވެސް 52 ޝޯ

ފިލްމު 'ސޮރީ' އަކީ ދިވެހި ފިލްމީ އިންޑަސްޓްރީގައި މިހާތަނަށް އެންމެ ގިނަ ޝޯ ދެއްކި ފިލްމުގެ ރެކޯޑް ގާއިމުކުރަން ތައްޔާރުވެއްޖެއެވެ. މާލޭގެ އޮލިމްޕަސް ސިނަމާގައި އެކަނިވެސް މި ފިލްމުގެ 52 ޝޯ ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އަމިއްލަ އާ ރެކޯޑަކަށް ވެސް ވާނެއެވެ.

ނަހުލާ ދިގު ބްރޭކަކަށްފަހު ގެނެސްދިން 'ސޮރީ' ދައްކަން ފެށީ މިދިޔަ ޖޫން މަހުގެ 17 ގައެވެ. ފިލްމު ދައްކަން ފެށި ފުރަތަމަ ދުވަހުން ފެށިގެން ވެސް ބެލުންތެރިންގެ ފަރާތުން ވަނީ ހޫނު ތަރުޙީބެއް ލިބިފައެވެ.

އޮލިމްޕަސް ސިނަމާއަށް ބޮޑު ހަލަބޮލިކަމެއް ގެނުވި މި ފިލްމު ބެލުމަށް ނަހުލާގެ ދުވަސްވީ ފޭނުންނާއި އާ ފޭނުން ވެސް ވަނީ ގިނަ އަދަދަކަށް ގޮސްފައެވެ.

މިހާތަނަށް އޮލިމްޕަހުގައި 'ސޮރީ' ގެ 43 ޝޯ ވަނީ ހައުސްފުލްކޮށް ދައްކާފައެވެ. ފިލްމު ދައްކައި ނިމޭއިރު ޖުމްލަ 52 ޝޯ އަޅުވާނެ ކަމަށް ނަހުލާ ވަނީ ބުނެފައެވެ. މިއާއެކު، 2008 ވަނަ އަހަރު ނެރުނު ނަހުލާގެ 'ޔޫސުފް' 50 ޝޯ ދައްކައިގެން ހަދާފައިވާ ރެކޯޑު 'ސޮރީ' މުގުރާލާނެއެވެ.

މިހާރު ދައްކަމުން ދަނީ ފިލްމުގެ ފަހު ހަފްތާގެ ޝޯތަކެވެ. ކުރިއަށް އޮތް ހަފްތާ ބަންދަކީ މި ފިލްމު ބަލާލަން ލިބޭނެ އެންމެ ފަހު ވީކެންޑް ކަމަށާއި، ހަފްތާ ބަންދަށް މަޑުކޮށްގެން ތިބި ފަރާތްތަކަށް މިއީ ފަހު ފުރުސަތު ކަމަށް ނަހުލާ ވަނީ ބުނެފައެވެ.

މާލޭގެ އިތުރުން 'ސޮރީ' ވަނީ ރާއްޖޭގެ އެކި އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ވެސް ދައްކައި، ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ރަށްރަށުގައި އަދިވެސް ފިލްމުގެ ޝޯތައް ދަނީ ދައްކަމުންނެވެ. އަދި ހާއްސަކޮށް، ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 2:30 ގައި ވެސް އޮލިމްޕަހުގައި ޝޯއެއް ދައްކައެވެ.

މި ކާމިޔާބީއާއެކު 'ސޮރީ' ވަނީ ދިވެހި ފިލްމީ ތާރީޚުގައި ފަޚުރުވެރި ކާމިޔާބީއެއް ހޯދާފައެވެ.

ލައިފްސްޓައިލް

އިތުރަށް ←