"ސައްޔާރާ" ބޮކްސް އޮފީސް ގުޑުވާލައިފި، ފުރަތަމަ ދުވަހު ވެސް ރެކޯޑް އަދަދެއްގެ އާމްދަނީއެއް!
ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އާއި މަޝްހޫރު ޑައިރެކްޓަރު މޯހިތު ސޫރީގެ އާ ލޯބީގެ ފިލްމު "ސައްޔާރާ" އިންޑިއާގެ ބޮކްސް އޮފީހުގެ ތާރީޚް ބަދަލުކޮށްލައިފިއެވެ. ފުރަތަމަ ފަހަރަށް ފިލްމީ ދާއިރާއަށް ނުކުތް އަހާން ޕާންޑޭ އާއި އަރަމުން އަންނަ ތަރި އަނީތު ޕައްޑާ މަޝްހޫރުވެގެންދިޔަ މި ފިލްމު ވަނީ ފުރަތަމަ ދުވަހު ވެސް ރެކޯޑް އަދަދެއްގެ އާމްދަނީއެއް ހޯދާފައެވެ.
މި ލޯބީގެ ރީތި ފިލްމް ޑްރާމާ ސިނަމާތަކަށް އައީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. ވައިއާރުއެފް އިން ހާމަކޮށްފައިވާ ނަންބަރުތަކަށް ބަލާއިރު، ފުރަތަމަ ދުވަހު އެކަނިވެސް މި ފިލްމު ވަނީ 25 ކްރޯޑް އިންޑިއަން ރުޕީސް (2.9 މިލިއަން އެމެރިކާ ޑޮލަރު) ގެ އާމްދަނީއެއް ހޯދާފައެވެ. އަދި ރެކޯޑްތަކުން ދައްކާގޮތުގައި 975،000 މީހުން ވަނީ މި ފިލްމު ބަލާފައެވެ.
ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަރަމުން އަންނަ މިއުޒިޝަނެއް ކަމަށްވާ ކްރިޝް ކަޕޫރް (އަހާން ޕާންޑޭ) އާއި، ހުނަރުވެރި ލަވަލިޔުންތެރިއެއް ކަމަށްވާ ވާނީ ބަޓްރާ (އަނީތު ޕައްޑާ) ގެ މައްޗަށެވެ. މި ދެމީހުންގެ މަސައްކަތުގެ ތެރެއިން އުފެދޭ ގުޅުން، ފަހުން ވަރުގަދަ އަދި އޮޅުން ބޮޑު ލޯބީގެ ގުޅުމަކަށް ބަދަލުވެގެން ދެއެވެ.
Ads by BML"ސައްޔާރާ" އިން ހޯދި މި ކާމިޔާބީއާއެކު، އިންޑިއާގެ ސިނަމާގެ ތާރީޚުގައި އަލަށް ތައާރަފްވި ތަރިންތަކެއް ލީޑްރޯލުން ފެނިގެންދާ ފިލްމަކަށް ފުރަތަމަ ދުވަހު ލިބުނު އެންމެ ބޮޑު އެއް އާމްދަނީގެ ރެކޯޑް ވަނީ މި ފިލްމަށް ލިބިފައެވެ. މިއީ 2000 ވަނަ އަހަރު ރިތިކް ރޯޝަން އާއި އަމީޝާ ޕަޓޭލް ތައާރަފްވި "ކަހޯ ނާ... ޕިޔާރް ހޭ" އަދި ކަރީނާ ކަޕޫރާއި އަބީޝެކް ބައްޗަން ތައާރަފްވި "ރެފިއުޖީ" އަށް ފަހު، މިފަދަ ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
"އާޝިގީ 2" އަދި "އޭކް ވިލަން" ފަދަ ކާމިޔާބު ލޯބީގެ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މޯހިތު ސޫރީގެ ކެރިއަރުގައި ވެސް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކީ "ސައްޔާރާ" އެވެ. އަދި މިއީ ކޮވިޑް-19 އަށް ފަހު، އެންމެ ދުވަހެއްގެ ތެރޭގައި 2 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ލޯބީގެ ފިލްމެވެ.
މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މި ބޮޑު ކާމިޔާބީ ލިބިފައިވަނީ އެންމެ 8،000 ޝޯ ދައްކައިގެން ކަމެވެ. އާންމުކޮށް މިފަދަ ބޮޑު އާމްދަނީއެއް ހޯދުމަށް ގާތްގަނޑަކަށް 18،000 ޝޯ ދައްކަން ޖެހެއެވެ.
މި ކާމިޔާބީގެ ފަހަތުގައިވަނީ އާދަޔާޚިލާފު މާކެޓިންގ ސްޓްރެޓެޖީއެކެވެ. ފިލްމުގެ ލީޑް ތަރިން މީޑިއާ އާއި އާންމުންނަށް ނުފެންނަ ގޮތަށް އެއްކޮށް ފޮރުވާފައި ބޭއްވިއެވެ. އެއްވެސް އިންޓަވިއުއެއް، ޕްރޮމޯޝަނަލް ޓުއާއެއް، އަދި ސޯޝަލް މީޑިއާގެ އެއްވެސް ހަރަކާތެއް ހިންގާފައެއް ނުވެއެވެ.
ފިލްމުގެ ބައިނަލްއަގުވާމީ ނަންބަރުތައް އަދި ހާމައެއް ނުކުރެއެވެ.
Ads by MACL
