ސޯޅަ އަހަރު ނުވާ ކުދިން ޔޫޓިއުބް ބޭނުންކުރުން އޮސްޓްރޭލިއާގައި މަނާކުރަނީ
އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އޮސްޓްރޭލިއާއިން ފާސްކޮށްފައިވާ ގާނޫނުގެ ދަށަށް، ވީޑިއޯ ޝެއަރިން ޕްލެޓްފޯމް ޔޫޓިއުބް ވެސް ގެނައުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މިއީ ކުރިން ޔޫޓިއުބް މި ގާނޫނުން އިސްތިސްނާކުރަން ނިންމާފައި އޮތް ނިންމުމެއް ބަދަލުކޮށް، އަލުން ނިންމި ނިންމުމެކެވެ. މިކަމުގެ ސަބަބުން ޔޫޓިއުބްގެ ބެލެނިވެރި ފަރާތް، އެލްފަބެޓް (ގޫގުލް) އިން ގާނޫނީގޮތުން ސަރުކާރާ ދެކޮޅަށް ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ.
މި ނިންމުން އައީ، އޮސްޓްރޭލިއާގެ އިންޓަނެޓް ރެގިއުލޭޓަރީ އިދާރާއިން ޔޫޓިއުބަށް ދީފައިވާ އިސްތިސްނާ އުވާލުމަށް ސަރުކާރަށް ގޮވާލުމާ ގުޅިގެންނެވެ. އެ އިދާރާއިން ހާމަކުރި ސާވޭއަކުން ދެއްކިގޮތުގައި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 37 އިންސައްތަ ކުދިންނަށް ޔޫޓިއުބުން ގެއްލުންދެނިވި ކޮންޓެންޓް ފެނިފައިވެއެވެ. މިއީ އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ އަޅާބަލާއިރު ވަރަށް މަތީ އަދަދެކެވެ.
Ads by BMLއޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތަކުގެ ސަބަބުން އޮސްޓްރޭލިއާގެ ކުޑަކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެކުދިންގެ އިޖުތިމާއީ ޒިންމާ އަދާކުރަންޖެހޭނެ ކަމަށެވެ.
"އޮސްޓްރޭލިއާގެ ބެލެނިވެރިންނަށް އަޅުގަނޑުމެންގެ އެއްބާރުލުން އެބައޮތްކަން އެންގުމަށް ބޭނުން،" ބޮޑުވަޒީރު ވިދާޅުވިއެވެ.
މި ނިންމުމާ ގުޅިގެން، އަންނަ ޑިސެމްބަރު މަހު ތަންފީޒު ކުރަން ފަށާ މަނާކުރުމުގެ ގާނޫނުގެ ދާއިރާ ވަނީ އިތުރަށް ފުޅާވެފައެވެ. ޔޫޓިއުބުން ބުނާ ގޮތުގައި އެއީ ސޯޝަލް މީޑިއާ އެއް ނޫނެވެ. އެއީ ވީޑިއޯ ހޯސްޓްކުރާ ޕްލެޓްފޯމެއް ކަމަށާއި، އޮސްޓްރޭލިއާގެ 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ހަތަރުބައިކުޅަ ތިންބައި ކުދިން ޔޫޓިއުބް ބޭނުންކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޔޫޓިއުބުގެ ތަރުޖަމާނަކު ބުނީ ޔޫޓިއުބަކީ މޮޅު ފެންވަރުގެ ކޮންޓެންޓް ހިލޭ ލިބޭ ވީޑިއޯ ޝެއަރިންގ ޕްލެޓްފޯމެއް ކަމަށާއި މިއީ ސޯޝަލް މީޑިއާ އެއް ނޫން، ކަމަށެވެ.
މީގެ ކުރިން ޔޫޓިއުބްގެ މަގުބޫލުކަމުގެ ސަބަބުން، ޚާއްސަކޮށް ޓީޗަރުންގެ މެދުގައި، އެ ޕްލެޓްފޯމް ގާނޫނުން އިސްތިސްނާ ކުރުމުން މެޓާގެ ފޭސްބުކް އާއި އިންސްޓަގްރާމް، އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ވަނީ ޝަކުވާ ކޮށްފައެވެ.
އެފަރާތްތަކުން ބުނެފައިވަނީ ޔޫޒަރުންނަށް އެކަކު އަނެކަކާ މުއާމަލާތް ކުރުމާއި، ޔޫޒަރުގެ ހަރަކާތްތަކަށް ބަލައި އެލްގޮރިދަމް މެދުވެރިކޮށް ކޮންޓެންޓް ރެކޮމެންޑް ކުރުން ފަދަ އެ ޕްލެޓްފޯމްތަކާ އެއްގޮތް ސިފަތަކެއް ޔޫޓިއުބުގައި ހުންނަ ކަމަށެވެ.
މި ގާނޫނުގެ ދަށުން 16 އަހަރުން ދަށުގެ ކުދިން ޔޫޓިއުބް އެކައުންޓް ހެދުން މަނާވާނެއެވެ. ނަމަވެސް ބެލެނިވެރިންނަށާއި ޓީޗަރުންނަށް އެކުދިންނަށް ޔޫޓިއުބުން ވީޑިއޯ ދެއްކުމުގެ ހުއްދަ ލިބިގެންވެއެވެ.
އޮސްޓްރޭލިއާގެ ޕްރައިމަރީ ޕްރިންސިޕަލުންގެ ޖަމިއްޔާގެ ރައީސާ، އެންޖެލާ ފޯކެންބާގް ވިދާޅުވީ، ޓީޗަރުންނަކީ ކޮންމެ ވަސީލަތެއް ވެސް ކުދިންނާ އެކަށީގެންވޭތޯ ބަލައި، ރަނގަޅަށް ވިސްނުމަށްފަހު ބޭނުންކުރާނެ ބައެއް ކަމަށާއި، މި ނިންމުމަށް ތާއީދުކުރާ ކަމަށެވެ.
މިކަމާ ގުޅިގެން ކޮމިއުނިކޭޝަންސް މިނިސްޓަރު އަނީކާ ވެލްސް ވިދާޅުވީ، "އޮސްޓްރޭލިއާގެ ކުދިންގެ ހެވާއި ދުޅަހެޔޮކަމަށްޓަކައި ކުރާ މި ހަނގުރާމައިގައި ގާނޫނީ އިންޒާރުތަކަށް ބިރު ނުގަންނާނަނެ ކަމަށެވެ.
މި ގާނޫނު ތަންފީޒު ކުރުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން "އެކަށީގެންވާ ފިޔަވަޅުތައް" އަޅަންޖެހޭނެއެވެ. އެކަން ނުކޮށްފިނަމަ 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
އުމުރު ކަށަވަރުކުރާ ޓެކްނޮލޮޖީތަކުގެ ޓެސްޓްތަކާ ގުޅޭ ރިޕޯޓެއް މިމަހު ސަރުކާރަށް ލިބުމަށް ހަމަޖެހިފައިވާއިރު، އެ ރިޕޯޓުގެ އަލީގައި ގާނޫނު ތަންފީޒުކުރާނެ ގޮތްތައް ކަނޑައަޅާނެ ކަމަށް ސަރުކާރުން ބުނެއެވެ.
Ads by MACL
