ރޭގަނޑުގެ އަވަސްކުރުން: ދުޅަހެޔޮ ސިއްޙަތަކާއި ދިގު އުމުރެއްގެ ސިއްރެއް؟
އަހަރެމެން ކޮންމެދުވަހަކުވެސް އާދަވެގެން ކާ ކާނާގައި އެކުލެވިގެންވަނީ ކޮންއެއްޗެއްކަން ދެނެގަތުމަށް އަހައްމިއްޔަތުކަން ދޭފަދައިން، ކަނީ ކޮން އިރަކު ކަމަށް ސަމާލުކަން ދިނުމަކީ ވެސް ސިއްޙަތަށް އެތައް ފައިދާތަކެއް ގެނެސްދޭ ކަމެކެވެ. މިކަމުގެ ސިއްރަކީ އަހަރެމެންގެ ހަށިގަނޑުގެ ބައޯލޮޖިކަލް ގަޑި، ނުވަތަ "ސިރްކޭޑިއަން ރިތަމް"އާ އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބައްޓަންކުރުމެވެ.
ސައިންސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، އިރު އޮއްސެން ކައިރިވެފައި ވަނިކޮށް ނުވަތަ ހަވީރުގެ ވަގުތުތަކުގައި ރޭގަނޑުގެ ކެއުން ނިންމާލުމަކީ ސިއްޙަތަށް ވަރަށްވެސް ފައިދާހުރި ކަމެކެވެ.
އަހަރެމެންގެ ހަށިގަނޑު ފަރުމާކުރެވިފައިވަނީ ދުވާލުގެ ވަގުތުތަކުގައި ހަކަތަ ބޭނުންކޮށް، ކާނާ ހަޖަމުކުރުމަށް އިތުރަށް ހީވާގިވާ ގޮތަށެވެ. ރޭގަނޑު އަނދިރިވުމާއެކު، ހަށިގަނޑުގެ މެޓަބޮލިޒަމް (ކާނާ ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް) މަޑުޖެހި، އަރާމުކުރުމަށް ތައްޔާރުވެއެވެ. ވީމާ، ދަންވަރު ކެއުމުން ހަޖަމުކުރުމުގެ ނިޒާމަށް ބުރަބޮޑުވެ، އެތައް ސިއްޙީ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއެވެ.
Ads by BMLއަވަހަށް ކެއުމުގެ ސިއްޙީ ފައިދާތައް ގިނަގުނައެވެ. ދުވާލުގެ ވަގުތުގައި ކެއުމުން ކެލޮރީތައް ހަކަތައަށް ބަދަލުކުރުން އަވަސްވާއިރު، ރޭގަނޑު ދަންކޮށް ކެއުމުން އެ ކެލޮރީތައް ފެޓްގެ ގޮތުގައި ހަށިގަނޑުގައި ޖަމާވުމުގެ ފުރުސަތު ބޮޑުވެއެވެ.
މީގެ އިތުރުން، ހަވީރުގެ ވަގުތުތަކުގައި އިންސިއުލިންއަށް ހަށިގަނޑު އިޖާބަދިނުން ރަނގަޅުވުމަކީ ލޭގެ ހަކުރު ކޮންޓްރޯލްކޮށް ހަކުރުބަލިން ރައްކާތެރިވުމަށް މަގުފަހިވާ ކަމެކެވެ. ހަމައެއާއެކު، ނިދަން ކައިރިވެފައި ވަނިކޮށް ހަޖަމުކުރުމުގެ މަސައްކަތް ނިންމާލެވޭތީ، މިއީ ފުން، އަރާމު ނިންޖެއް ލިބުމަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެކެވެ. މިއާދަ ދެމެހެއްޓުމަކީ ބައެއް ދިރާސާތަކުން ދައްކާގޮތުގައި މިހާގެ އުމުރުވެސް ދިގުވާކަމެކެވެ.
ސިއްޙަތަށް ފައިދާހުރި މި އާދަ މިހާރު ދަނީ، ޚާއްސަކޮށް ޒުވާނުންގެ މެދުގައި، މަގުބޫލު ޓްރެންޑަކަށް ވަމުންނެވެ. އޮންލައިން ރެސްޓޯރަންޓް ރިޒަވޭޝަން ޚިދުމަތްދޭ އޯޕަންޓޭބަލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އިނގިރޭސިވިލާތުގައި ހަވީރު 6 ޖަހާއިރު ރެސްޓޯރަންޓްތަކުން ކެއުމަށް ބުކިން ހަދާ މިންވަރު 11 އިންސައްތަ އިތުރުވެފައިވާއިރު، 5 ޖަހާއިރުގެ ބުކިންގްސް ވަނީ 10 އިންސައްތަ އިތުރުވެފައެވެ. މިހާރު އެގައުމުގައި ރެސްޓޯރަންޓުން ކެއުމަށް އެންމެ އާންމު ވަގުތަކީ ހަވީރު 6:12 އެވެ.
މި ޑިމާންޑާ އެއްގޮތަށް، ރެސްޓޯރަންޓްތަކުން ވެސް ދަނީ ހަވީރުގެ ވަގުތުތަކަށް ޚާއްސަ ޑިސްކައުންޓްތަކާއި، "އާލީ އީވްނިންގް" މެނޫތައް ތައާރަފްކުރަމުންނެވެ. މިސާލަކަށް، ފަސްޓް ޓޭބަލް ފަދަ ޚިދުމަތްތަކުން ހަވީރު 4:30 އާއި 6:30 އާ ދެމެދު ބުކްކުރާ ފަރާތްތަކަށް 50 އިންސައްތައިގެ ބޮޑެތި ޑިސްކައުންޓްތައް ދެއެވެ.
ވީމާ، ރެސްޓޯރަންޓްތަކުގައި ހަވީރުގެ ވަގުތުތަކުގައި ކެއުމަށް ޑިމާންޑު ބޮޑުވަމުން އައުމަކީ ހަމައެކަނި ޓްރެންޑެއް ނޫނެވެ. މިއީ ސައިންސުގެ އަލީގައި ބަލާއިރު، ދުޅަހެޔޮ ސިއްޙަތަކަށްޓަކައި އެޅޭ ވަރަށް ބުއްދިވެރި ފިޔަވަޅެކެވެ. އެހެންކަމުން، ތިބާގެ ރޭގަނޑުގެ ކެއުން ކުޑަކޮށް އަވަސްކޮށްލުމަކީ، ދިގު މުއްދަތުގައި ސިއްޙަތަށްޓަކައި އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.
Ads by MACL
