ސްކޭމްތަކުން ރައްކާތެރިވުމަށް ވަޓްސްއެޕުން 'ސޭފްޓީ އޯވަވިއު' ތައާރަފްކޮށްފި
ދުނިޔޭގެ އެންމެ މަގުބޫލު އެއް މެސެޖިން އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕުން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ ޙަރަކާތްތަކުން (ސްކޭމްތަކުން) ޔޫޒަރުން ރައްކާތެރިކުރުމުގެ މަޤްޞަދުގައި "ސޭފްޓީ އޯވަވިއު" ގެ ނަމުގައި އައު ފީޗާއެއް ތައާރަފްކޮށްފިއެވެ.
މި ފީޗާގެ އެހީގައި، ކޮންޓެކްޓް ލިސްޓުގައި ނެތް މީހަކު ނުދަންނަ ގްރޫޕަކަށް އެޑްކޮށްފިނަމަ، އެ ގްރޫޕާ ބެހޭ މުހިންމު މައުލޫމާތުތަކެއް ޔޫޒަރަށް ފެންނާނެއެވެ.
މެޓާގެ މިލްކުވެރިކަމުގެ ދަށުގައިވާ ވަޓްސްއެޕުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި އައު ވަސީލަތް ފެންނާނީ ނުދަންނަ މީހަކު ތިބާ ގްރޫޕަކަށް އިތުރުކުރުމުންނެވެ. "ސޭފްޓީ އޯވަވިއު" މެދުވެރިކޮށް، ގްރޫޕަށް އެޑްކުރި ފަރާތާއި، ގްރޫޕް އުފެއްދި ފަރާތާއި، ގްރޫޕް އުފެއްދި ތާރީޚުގެ އިތުރުން ގްރޫޕުގައި ހިމެނޭ މެމްބަރުންގެ ޖުމްލަ އަދަދު ފެންނަން ހުންނާނެއެވެ.
Ads by BMLމި މައުލޫމާތުތަކަށް ބެލުމަށްފަހު، ގްރޫޕުގައި މަޑުކުރާނީތޯ ނުވަތަ ވަކިވާނީތޯ ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ޔޫޒަރަށް ލިބިގެންދެއެވެ. މީގެ އެންމެ ބޮޑު އެއް ފައިދާއަކީ، ގްރޫޕުގައި ދެކެވޭ އެއްވެސް ވާހަކައެއް ނުވަތަ މެސެޖެއް ބަލާކަށް ނުޖެހި ގްރޫޕުން ވަކިވެވުމެވެ. އަދި، ޔޫޒަރު އަމިއްލައަށް ގްރޫޕުގައި މަޑުކުރަން ބޭނުންކަން ކަށަވަރުކޮށްދިނުމާ ހަމައަށް އެ ގްރޫޕުގެ ނޮޓިފިކޭޝަންތައްވެސް ހުންނާނީ ބަންދުކުރެވިފައެވެ.
ގްރޫޕްތަކުގެ އިތުރުން، ވަކިވަކި ޗެޓްތަކަށްވެސް މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތައާރަފްކުރުމަށް ވަޓްސްއެޕުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ކޮންޓެކްޓް ލިސްޓުގައި ނެތް މީހަކާ ޗެޓްކުރަން ފަށާއިރު، އެމީހަކާ ބެހޭ އިތުރު މައުލޫމާތު ދައްކައިގެން، ޔޫޒަރުންނަށް ރައްކާތެރި ނިންމުމެއް ނިންމުމަށް އެހީވެދޭނެ ގޮތެއް ތަޖުރިބާ ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޔޫޒަރުންގެ ރައްކާތެރިކަމަށް ވަޓްސްއެޕުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސްކޭމް ހިންގުމަށް ބޭނުންކުރި 6.8 މިލިއަނަށް ވުރެ ގިނަ އެކައުންޓް ބަންދު ކޮށްފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ. އަދި މީގެ އިތުރުން، މައި ކުންފުނި މެޓާ އާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާގައި މަޝްހޫރު އޯޕަންއޭއައި އާ ގުޅިގެން ކެމްބޯޑިއާގައި ހިންގަމުންދިޔަ ސްކޭމް ސެންޓަރެއްގެ ހަރަކާތްތައް ހުއްޓުވާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ތުހުމަތުކުރެވޭ ފަރާތްތަކުން ވަނީ ޗެޓްޖީޕީޓީ ބޭނުންކޮށްގެން ތަފާތު ގިނަ ސްކޭމްތައް ހިންގާފައެވެ. އޭގެ ތެރޭގައި، ފޭކް ލައިކްތަކަށް ފައިސާ ދިނުމާއި، ކްރިޕްޓޯކަރަންސީ އިންވެސްޓްމަންޓްތަކަށް މީހުންގެ ސިކުނޑި ދޮވުމުގެ އިތުރުން، ސްކޫޓަރު ކުއްޔަށް ދިނުމުގެ ނަމުގައި ހިންގި ޕިރަމިޑް ސްކީމް ފަދަ އޮޅުވާލުންތައް ހިމެނެއެވެ.
Ads by MACL
