ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ނިއުރޭޑިއެންޓްގެ ވައިސް ޗެއާމަނަކަށް ލައްމާން ހަމަޖައްސައިފި

ނިއުރޭޑިއެންޓްގެ ވައިސް ޗެއާމަނަކަށް ލައްމާން ހަމަޖައްސައިފި

ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް ކަމަށްވާ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަންގެ މަގާމަށް އަލީ ލައްމާން ހަމަޖައްސައިފިއެވެ. ލައްމާން މި މަގާމަށް ހަމަޖައްސާފައި ވަނީ ކްލަބުގެ ބޯޑުންނެވެ.

މިކަން ހާމަކޮށް ނިއުރޭޑިއެންޓުން ބުނީ، ކްލަބުގެ އާ ވައިސް ޗެއާމަނަކަށް ލައްމާން ހަމަޖެއްސުމާއެކު އޭނާއަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. އަދި ލައްމާންގެ ލީޑަރ ޝިޕްގެ ދަށުން ކްލަބަށް އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށްވެސް އެ ކްލަބުން ބުނެއެވެ.

މާލީ މައްސަލަތަކަކާ ގުޅިގެން ދިގު މުއްދަތަކަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފައި އޮތުމަށްފަހު، ނިއުރޭޑިއެންޓުން އަލުން ފުޓްބޯޅައިގެ މައިދާނަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު، ކްލަބް ހިންގުމަށް ވަނީ ވަރުގަދަ ބޯޑެއް އެކުލަވާލާފައެވެ. އެގޮތުން، ކްލަބުގެ ޗެއާމަންގެ މަގާމު މުބީން ފުރުއްވަމުން ގެންދަވާއިރު، ސީނިއަރ ވައިސް ޗެއާމަންގެ މަގާމް ފުރުއްވާނީ އަލީ އިބްރާހިމް ( ކައްޕި ) އާއި މުޖްތަބާ ޖަލީލް އެވެ.

ކްލަބް މެނޭޖްމަންޓްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ލައްމާންއާ އެކު، ނިއުރޭޑިއެންޓް އަލުން ކުރީގެ މަގާމަށް ގެނައުމަށް ހިންގާ ކޮމިޓީން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ސަޕޯޓަރުން އުއްމީދުކުރެއެވެ.

ސޯޝަލް މީޑިއާގައި ނިއުރޭޑިއެންޓްގެ ސަޕޯޓަރުން ދަނީ "#Bluesareback" ގެ ނަމުގައި މިކަމަށް ތާއީދުކޮށް، އުފާފާޅުކުރަމުންނެވެ.

ކުޅިވަރު

އިތުރަށް ←