ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ފިރިމީހާގެ ދެވަނަ އަނބިމީހާގެ ފުރާނަ ސަލާމަތްކުރަން، ފުރަތަމަ އަނބިމީހާގެ ލިވަރ ހަދިޔާކޮށްފި

ލިވަރ އޮޕަރޭޝަނަށް ފަހު ދެ އަނބިންނާއެކު ފިރިމީހާ ---
ލިވަރ އޮޕަރޭޝަނަށް ފަހު ދެ އަނބިންނާއެކު ފިރިމީހާ ---

އޯގާތެރިކަމާއި އިންސާނިއްޔަތުކަމުގެ އާދަޔާ ޚިލާފު ހާދިސާއެއްގައި، ފިރިމީހާގެ ދެވަނަ އަނބިމީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ސައުދީ އަންހެނަކު އޭނާގެ ލިވަރަ (ފުރަމޭ)ގެ 80 އިންސައްތަ ހަދިޔާކޮށްފިއެވެ. މި ހިތްވަރުގަދަ އަމަލުކޮށްފައިވަނީ ނޫރާ ސާލިމް އަލް-ޝައްމާރީ ނަމަކަށް ކިޔާ އަންހެނެކެވެ.

ނޫރާގެ ފިރިމީހާ، މާޖިދު ބަލްދާހް އަލް-ރޯކީގެ ދެވަނަ އަނބިމީހާ، ތަޣްރީދު އަވަޟް އަލް-ސައާދީ، ވަނީ ގިނަ އަހަރުތަކެއް ވަންދެން ކިޑްނީ ފޭލިވުމުގެ ސަބަބުން ޑައިލިސިސް ހަދަމުން ގޮސްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ތަޣްރީދުގެ ހާލު ދުވަހަކަށްވުރެ ދުވަހެއް ދަށަށް ގޮސް، ފަރުވާ ހޯދުމަށް އެމެރިކާއަށް ކުރި ދަތުރަކުންވެސް އެކަށީގެންވާ ފަރުވާއެއް ލިބިފައެއް ނުވެއެވެ.

ފުރަތަމަ، ތަޣްރީދަށް އޭނާގެ ލިވަރ ހަދިޔާކުރުމަށް ހަމަޖެހިފައި އޮތީ ފިރިމީހާ މާޖިދެވެ. އޮޕަރޭޝަންގެ ތެރޭގައި މާޖިދަށް ކަމެއް ދިމާވެދާނެ ކަމަށް ބަލައި، އެމީހުންގެ ފަސް ދަރިން ބެލެހެއްޓުމަށް އޭނާގެ ފުރަތަމަ އަނބިމީހާ ނޫރާއާ ހަވާލުކުރިއެވެ. ނަމަވެސް، އެންމެން ހައިރާންކޮށްލަމުން، މާޖިދުގެ ބަދަލުގައި ތަޣްރީދަށް ގުނަވަން ހަދިޔާކުރަން ނިންމީ ނޫރާއެވެ. "ހަމައެކަނި ﷲ ގެ ވަޖުހަފުޅަށްޓަކައި" ތަޣްރީދަށް އޭނާގެ ފުރަމޭގެ ބޮޑު ބައެއް ހަދިޔާކުރާނެ ކަމަށް ނޫރާ އިއުލާންކުރިއެވެ.

ޑޮކްޓަރުންގެ ޓެސްޓުތަކުން އެ ދެމީހުންގެ ޓިޝޫއާ ގުޅޭކަން ކަށަވަރުވުމުން، މި އޮޕަރޭޝަން ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިހާރު ދެމީހުންގެ ހާލުވެސް ރަނގަޅުވަމުން އާދެއެވެ.

ފިރިމީހާ މާޖިދު ވަނީ ނޫރާގެ މި ހިތްވަރުގަދަ އަމަލު ސިފަކޮށްދެމުން، "ހަނަފަސް ސަހަރާއަކަށް ދިރުން ދިނުމަށް ވެހުނު ވާރޭއެއް ފަދައިން އޭނާ އައީ" ކަމަށް ބުނެފައެވެ. 

މި ހާދިސާ އާއިލީ ގުޅުމާއި، އެއްބައިވަންތަކަމާއި، އޯގާތެރިކަމުގެ ވަރުގަދަ މިސާލެއްގެ ގޮތުގައި ސައުދީ އަރަބިއްޔާގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރެވެމުން އާދެއެވެ.

ލައިފްސްޓައިލް

އިތުރަށް ←