ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ރޮޑްރިގޭޒް ކައިވެނި ކުރަން ނިންމައިފި

ޖޯޖީނާ ރޮޑްރިގޭޒް އިނގިލީގައިވާ އަލިމަސް އަނގޮޓީގެ އަގު 2 މިލިއަނާއި 5 މިލިއަން ޑޮލަރާ ދެމެދު އުޅޭނެ ކަމަށް އަންދާޒާކުރޭ -- ފޮޓޯ: އެންޑީޓީވީ
ޖޯޖީނާ ރޮޑްރިގޭޒް އިނގިލީގައިވާ އަލިމަސް އަނގޮޓީގެ އަގު 2 މިލިއަނާއި 5 މިލިއަން ޑޮލަރާ ދެމެދު އުޅޭނެ ކަމަށް އަންދާޒާކުރޭ -- ފޮޓޯ: އެންޑީޓީވީ

ފުޓްބޯޅައިގެ މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ދިގު މުއްދަތުގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާ ކައިވެނި ކުރަން ނިންމައި، އެމީހުންގެ ދިގު ނުވަ އަހަރުގެ ގުޅުން ރަސްމީކޮށްފިއެވެ.

މި އުފާވެރި ޚަބަރު ކަށަވަރުކޮށްދެމުން ޖޯޖީނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ބޮޑު އަލިމަސް އަނގޮޓިއެއް އަޅައިގެން ހުރި ފޮޓޯއެއް ޝެއާކޮށްފައެވެ. އެ ޕޯސްޓްގެ ކެޕްޝަނުގައި "ޔެސް، އައި ޑޫ. މި ދިރިއުޅުމުގަޔާއި އަދި ހުރިހާ ދިރިއުޅުމެއްގައިވެސް" މިހެން ލިޔެފައިވެއެވެ. މި އިއުލާނާއެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ އޭނާގެ އަނގޮއްޓިއަށް ހުއްޓިފައެވެ.

ޖަވާހިރުގެ ބާވަތްތަކާބެހޭ މާހިރުން ލަފާކުރާ ގޮތުގައި، އެއީ 25 އާއި 30 ކެރެޓާ ދެމެދުގެ ބޮޑުމިން ހުރި އޯވަލް ބައްޓަމުގެ އަނގޮއްޓިއެކެވެ. އޭގެ އަގު 2 މިލިއަނާއި 5 މިލިއަން ޑޮލަރާ ދެމެދު އުޅޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

މި ދެމީހުންގެ ގުޅުން ފެށިގެން އައީ 2016 ވަނަ އަހަރު މެޑްރިޑްގައި ހުންނަ ގޫޗީ ފިހާރައަކުންނެވެ. އެތަނުގެ ސޭލްސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ޖޯޖީނާ އާއި ރޮނާލްޑޯގެ އެ ބައްދަލުވުން، ދެމީހުންވެސް ސިފަކުރަނީ "ފުރަތަމަ ފެނުމުން ލޯބިވުން" ކަމަށެވެ.

ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "އައި އެމް ޖޯޖީނާ" ގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، "ފުރަތަމަ އަހަރެން ހީއެއް ނުކުރަން މި ގުޅުން މިހާ ވަރުގަދަވާނެ ކަމަކަށް. އަހަރެން އޭނަދެކެ ލޯބިވާނެ ކަމަކަށް. ނަމަވެސް ކުޑަ ދުވަސްކޮޅެއް ފަހުން އަހަންނަށް ހީވީ އޭނަ އަކީ އަހަރެންގެ ދިރިއުޅުމުގެ ބައިވެރިޔާ ކަމަށެވެ."

އެމީހުންގެ ގުޅުން ފުރަތަމަ ފަހަރަށް އާންމުކުރީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ޒޫރިކްގައި ބޭއްވި ބެސްޓް ފީފާ ފުޓްބޯޅަ އެވޯޑްސްގައެވެ. އަދި އެ އަހަރުގެ މެއި މަހު އިންސްޓަގްރާމް މެދުވެރިކޮށް އެކަން ރަސްމީކުރިއެވެ.

އެ ދެމީހުންގެ އާއިލާ ބޮޑުވާން ފެށީ 2017 ވަނަ އަހަރުއެވެ. އެ އަހަރުގެ ޖޫން މަހު ސަރޮގަސީ މެދުވެރިކޮށް ރޮނާލްޑޯއަށް ދެ ދަރިން ކަމަށްވާ އީވާ އާއި މެޓިއޯ ލިބުނެވެ. އޭގެ މާގިނަ ދުވަހެއް ނުވެ، އެ އަހަރުގެ ނޮވެމްބަރު މަހު، ޖޯޖީނާގެ ބަނޑުން ދެމީހުންގެ ފުރަތަމަ ދަރިފުޅު އަލާނާ މާޓީނާ ދުނިޔެއަށް އައެވެ.

2018 ވަނަ އަހަރު ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވުމާ ގުޅިގެން ޖޯޖީނާގެ މަގުބޫލުކަންވެސް އިތުރުވެ، އޭނާ ވަނީ މޮޑެލިންގެ ދާއިރާއިން ކުރިއަރައި، ގްލޯބަލް އިންފްލުއެންސަރަކަށް ބަދަލުވެފައެވެ. އެ ދެމީހުން ކައިވެނި ކުރާނެ ކަމުގެ އަޑުތައް 2021 ވަނަ އަހަރު ފެތުރުނު ނަމަވެސް، އެކަން ކަށަވަރުނުވެ ގިނަ ދުވަސްތަކެއް ވޭތުވެގެން ދިޔައެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެ ދެމީހުން ވަނީ އެއމާބަނޑު ދެދަރިންނަށް ޖޯޖީނާ ބަލިވެއިންކަން އިއުލާންކޮށްފައެވެ. ނަމަވެސް، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އެ ދެމީހުންނަށް ކުރިމަތިވީ ވަރަށް ބޮޑު ހިތާމައެކެވެ. ދެ ދަރިންގެ ތެރެއިން ފިރިހެން ދަރިފުޅު އުފަންވުމުގެ ތެރޭގައި ނިޔާވިކަން އެ ދެމީހުން އިއުލާންކުރީ ފުން ހިތާމައާއެކުއެވެ. "އަޅުގަނޑުމެންގެ އަންހެން ދަރިފުޅު އުފަންވުމުން އެކަނިވެސް މި ވަގުތު ކޮންމެވެސް ވަރެއްގެ އުންމީދަކާއި އުފަލަކާއެކު ދިރިއުޅުމަށް ބާރެއް ލިބެއެވެ،" އެ ދެމީހުންގެ ހިތާމަވެރި ބަޔާނުގައި ވެއެވެ. އެމީހުންގެ ދިރިހުރި އަންހެން ދަރިފުޅު، ބެލާ އެސްމެރަލްޑާ، ވަނީ އެ އާއިލާއަށް އާ އުފަލެއް ގެނެސްދީފައެވެ.

ރޮނާލްޑޯ އާއި ޖޯޖީނާއަށް ދެ އަންހެން ދަރިން ލިބިފައިވާއިރު، ރޮނާލްޑޯގެ ކުރީގެ ގުޅުންތަކުން ލިބިފައިވާ ތިން ދަރިން ކަމަށްވާ ކްރިސްޓިއާނޯ ޖޫނިއަރ، އީވާ، އަދި މެޓިއޯ ބޮޑުކުރުމުގައިވެސް ޖޯޖީނާ އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެ އާއިލާ މިހާރު ދިރިއުޅެމުން އަންނަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސައުދީ އަރަބިއްޔާގައެވެ. އެއީ ރޮނާލްޑޯ އެ ގައުމުގެ އަލް-ނަސްރް އެފްސީއަށް ބަދަލުވުމާ ގުޅިގެންނެވެ.

ކައިވެނީގެ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމީހުންގެ ސަޕޯޓަރުން ދަނީ މި ދެމީހުންގެ ކައިވެންޏަށް އިންތިޒާރުކުރަމުންނެވެ.

ލައިފްސްޓައިލް

އިތުރަށް ←