"ޕަރަމް ސުންދަރީ"ގެ ޓްރެއިލާ ދައްކާލައިފި، ސިދާރްތު އާއި ޖާންވީގެ ލޯބީގެ ގުޅުން ސްކްރީނަށް!
ބޮލީވުޑްގެ އުންމީދީ ދެ ތަރިން ކަމަށްވާ ސިދާރްތު މަލްއުތުރާ އާއި ޖާންވީ ކަޕޫރު އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމު، "ޕަރަމް ސުންދަރީ" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.
މުޅިން އައު މި ޖޯޑުގެ ކެމިސްޓްރީއާއި، ދެ ތަފާތު ސަގާފަތެއްގެ ލޯބީގެ ވާހަކަ ހިމެނޭ މި ފިލްމު ސިނަމާތަކުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ.
މި ފިލްމަކީ، އުތުރު އިންޑިއާގެ ޕަންޖާބީ ޒުވާނެއް ކަމަށްވާ "ޕަރަމް" (ސިދާރްތު މަލްއުތުރާ) އާއި، ދެކުނު އިންޑިއާގެ އަންހެން ކުއްޖެއް ކަމަށްވާ "ސުންދަރީ" (ޖާންވީ ކަޕޫރު) ގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމެއް ދައްކުވައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ.
Ads by BMLފިލްމުގެ ޓްރެއިލާއިން ފެންނަ ގޮތުގައި، މި ދެމީހުންގެ ލޯބީގެ ވާހަކަ ކުރިއަށްދަނީ ބަހާއި، ސަގާފަތާއި އަދި ދިރިއުޅުމުގެ އާދަތަކުގެ ތަފާތުތަކާއެކުގައެވެ. ޓްރެއިލާގެ ފެށުމުގައި ޕަރަމް އާއި ސުންދަރީ ފައްޅިއެއްގެ ތެރޭގައި ސަކާރާތްޖަހާ މަންޒަރު ފެނިގެންދާއިރު، އެމީހުންގެ ފުރަތަމަ ބައްދަލުވުންތަކުގައި ބޮލީވުޑްގެ ފިލްމުތަކާއި ސަރަޙައްދީ ފިލްމުތަކަށް އިޝާރާތްކޮށްފައިވެއެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ތޫޝާރު ޖަލޯތާ އާ ކަމަށްވާއިރު، ޕްރޮޑިއުސްކޮށްފައިވަނީ މަޑޮކް ފިލްމްސްގެ ދިނޭޝް ވިޖަންއެވެ. ފިލްމުގެ ނަން "ޕަރަމް ސުންދަރީ" ނަގާފައިވަނީ މަޑޮކް ފިލްމްސް އިން ޕްރޮޑިއުސްކުރި "މިމީ" ފިލްމުގެ މަޝްހޫރު ލަވަ "ޕަރަމް ސުންދަރީ" އިންނެވެ.
https://youtu.be/fdWnfzsx-ks?feature=sharedފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ކެރެލާގެ ހިތްގައިމު މާހައުލެއްގައެވެ. ފިލްމުގެ ބަތަލާ ޖާންވީ ކަޕޫރު ބުނެފައިވާ ގޮތުގައި، އޭނާގެ މާދަރީ ފަރާތަކީ ދެކުނު އިންޑިއާގެ ނަސަބަކަށް ވުމުން، "ސުންދަރީ"ގެ ވާހަކައިން އޭނާއަށް ވަރަށް ހާއްސަ ގުޅުމެއް އިހުސާސް ކުރެވެއެވެ. ހަމައެހެންމެ، ސިދާރްތު މަލްއުތުރާ ބުނެފައިވަނީ، "ޕަރަމް ސުންދަރީ" އަކީ އޭނާ ބޮޑުވަމުން އައިއިރު ދެކެމުން އައި ކަހަލަ ލޯބީގެ ވާހަކަތަކަށް އެނބުރި އައުމެއް ކަމަށެވެ. ނަމަވެސް މިއީ މުޅިން އައު އަދި އާދަޔާޚިލާފު ގޮތަކަށް ހުށަހަޅާފައިވާ ވާހަކައެއް ކަމަށެވެ.
ފިލްމުގެ ޓްރެއިލާގައި ހިމެނޭ މަންޒަރެއްގައި، ސުންދަރީ އުތުރު އިންޑިއާގެ މީހުންނާ މެދު "ފަޚުރުވެރި، އިމްތިޔާޒް ލިބިގެންވާ، އަދި ތަޢައްޞުބީ" ބައެއްގެ ގޮތުގައި ސިފަކޮށް، ދެކުނު އިންޑިއާގެ ސިނަމާ އާއި މަޝްހޫރު ތަރިން ކަމަށްވާ މޯހަންލާލް، ރަޖްނިކާންތު، އަދި އައްލޫ އަރުޖުން ފަދަ ތަރިންގެ ވާހަކަ ދައްކާ މޮނޮލޮގްއެއް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
"ޕަރަމް ސުންދަރީ" ގެ މިއުޒިކް ކޮމްޕޯސަރ ކޮށްފައިވަނީ ސަޗިން-ޖިގަރެވެ. ފިލްމުގެ ދެ ލަވަ ކަމަށްވާ "ޕަރްދޭސިޔާ" އަދި "ބީގީ ސާޅީ" މިހާރު ވަނީ ރިލީޒްކޮށްފައެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރާޖީވް ކަންދެލްވާލް، އާކާޝް ދާހިޔާ، އަދި މަންޖޯތު ސިންގް ހިމެނެއެވެ.
މި ފިލްމުގެ ޓްރެއިލާ އާންމުވުމާއެކު، ބައެއް ފޭނުން ވަނީ މި ފިލްމު ޝާހްރުކް ޚާން އާއި ދިޕިކާ ޕަޑްކޯން ލީޑްރޯލުން ފެނިގެންދާ "ޗެންނާއީ އެކްސްޕްރެސް" އާ އަޅާކިޔާފައެވެ.
Ads by MACL
