ސުޕަ ކަޕްގެ ތަށި ޕީއެސްޖީއަށް: ޓޮޓެންހަމްގެ އުއްމީދުތައް ފަހު މިނެޓުތަކުގައި ފުނޑުފުނޑުކޮށްލައިފި
މެޗު ނިމެން އެންމެ ފަސް މިނެޓަށް ވެފައި ވަނިކޮށް ދެ ގޯލުން ކުރީގައި އޮވެ، ޔޫއެފާ ސުޕަ ކަޕްގެ ތަށި ކާމިޔާބުކުރާނެ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްއިން ދެކެމުން އައި ހުވަފެން، ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ފުނޑުފުނޑުކޮށްލައިފި އެވެ.
އިޓަލީގައި ކުޅުނު މި މެޗު، ފަހު ވަގުތު އަނބުރާލުމަށްފަހު ޕެނަލްޓީ ޝޫޓްއައުޓަކުން ކާމިޔާބުކޮށް، ޕީއެސްޖީން ވަނީ ތަށި އެމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފަ އެވެ.
އިޓަލީގެ އުޑީނޭގައި ހުންނަ ބްލޫއެނާޖީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޑިފެންޑަރު މެކީ ވެން ޑަ ވެން އެޓީމަށް ލީޑު ނަގައިދިންއިރު، ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ ވަނީ ލީޑު ފުޅާކޮށްދީފަ އެވެ.
Ads by BMLމެޗުގެ 85 ވަނަ މިނެޓާ ހަމައަށް ޓޮޓެންހަމުން ލީޑުގައި އޮތް ނަމަވެސް، އެ ހިސާބުން ޕީއެސްޖީން ވަނީ ކުޅުން އެއްކޮށް ބަދަލުކޮށްލާފަ އެވެ. 85 ވަނަ މިނެޓުގައި ލީ ކަންގް އިން ޕީއެސްޖީގެ ފުރަތަމަ ގޯލު ޖަހައި އުއްމީދު އާކުރިއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އުސްމާން ޑެމްބެލޭގެ ގޯލުން އެމީހުން ނަތީޖާ ހަމަހަމަކުރި އެވެ. މިއީ ޓޮޓެންހަމްގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ބޮޑު ހައިރާންކަމެއް ލިބުނު ވަގުތުކޮޅެކެވެ.
އިތުރު ވަގުތުގެ ދެ ހާފު ނުކުޅެ، ސީދާ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުމަށް ނިންމި ޝޫޓްއައުޓްގައި 3-2 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރި ހޯދި އެވެ.
މި މޮޅުގައި މުހިންމު ދައުރެއް އަދާކުރީ، ޓީމުގެ މައި ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ބެންޗުކުރުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު ލިލްއިން ގެނައި ލޫކަސް ޝަވޭލިއޭއެވެ.
ޕީއެސްޖީއަށް ކުޅުނު ފުރަތަމަ މެޗުގައި ޝަވޭލިއޭ ވަނީ މުހިންމު ޕެނަލްޓީއެއް ދިފާއުކޮށް، ކޯޗު ލުއިސް އެންރީކޭގެ އިތުބާރު ހޯދާފަ އެވެ.
Ads by MACL
