ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

"ކޫލީ"ގެ ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ރެކޯޑް އަދަދަކަށް ފައިސާ ހޯދައިފި

މިފިލްގައި ރަޖިނީކާންތް ކޮށްފައިވާ އެކްޓަށް ގިނަބައެއްގެ ތަރުހީބުވަނީ ލިބިފައި ---
މިފިލްގައި ރަޖިނީކާންތް ކޮށްފައިވާ އެކްޓަށް ގިނަބައެއްގެ ތަރުހީބުވަނީ ލިބިފައި ---

ސުޕަސްޓާ ރަޖްނީކާންތުގެ އެންމެ ފަހުގެ ފިލްމު "ކޫލީ" އިން ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދައި، ގާތްގަނޑަކަށް 140 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެއެވެ.

ލޯކޭޝް ކަނަގަރާޖް ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާ ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކޮށްފައިވަނީ އޮގަސްޓް 14، 2025 ގައެވެ.

ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، އޭނާގެ އެކުވެރިޔާ ރާޖަސޭކަރް (ސަތުޔާރާޖް) ގެ މަރާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމަށް ނުރައްކާތެރި ގޭންގަކާ ދެކޮޅަށް ހަނގުރާމަ ކުރާ މީހެއް ކަމަށްވާ ދޭވާ (ރަޖްނީކާންތް) ގެ މައްޗަށެވެ.


ދޭވާ، ރާޖަސޭކަރްގެ މަރަކީ ގުދުރަތީ މަރެއް ނޫންކަން އެނގުމުން، އެކަމުގެ ހަގީގަތް ހޯދުމަށް ސައިމަން (ނަގަރްޖޫނާ) ގެ ނުރައްކާތެރި ވިޔަފާރީގެ ތެރެއަށް ވަދެއެވެ. މިކަމުގައި އޭނާއަށް ރާޖަސޭކަރްގެ ދަރިފުޅު ޕްރީތީ (ޝްރޫތީ ހާސަން) ގެ އެހީތެރިކަން ލިބެއެވެ.


"ކޫލީ" އަށް ފާޑުކިޔުންތެރިންގެ ފަރާތުން ތަފާތު ޚިޔާލުތަކެއް ލިބެމުން އަންނައިރު، ގިނަ ބަޔަކު ވަނީ ރަޖްނީކާންތުގެ އެކްޓިންގއަށާއި، ފިލްމުގެ އެކްޝަން މަންޒަރުތަކަށް ތައުރީފުކޮށްފައެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ފިލްމުގެ ވާހަކަ ބައެއް ހިސާބުތަކުގައި އޮޅުން ބޮޅުން ބޮޑުވެ، ބަލާ މީހުންނަށް ފޫހިވާ ކަންތައްތަކެއް އެކުލެވިގެންވެއެވެ.


ފިލްމުގެ ކާސްޓުންގެ ތެރޭގައި ރަޖްނީކާންތް، ނަގަރްޖޫނާ، އަދި ޝްރޫތީ ހާސަންގެ އިތުރުން ސޯބިން ޝާހިރު، އުޕެންދްރާ، އަދި ސަތުޔާރާޖް ފަދަ ތަރިން ހިމެނެއެވެ. އަދި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ވެސް މި ފިލްމުން ހާއްސަ ފެނިލުމަކުން ފެނިގެންދެއެވެ.


ފިލްމުގެ މިއުޒިކް ކޮމްޕޯޒްކޮށްފައިވަނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނިރޫދް ރަވިޗަންދަރްއެވެ. "ކޫލީ ޑިސްކޯ"، "ޗިކިޓޫ"، "އައި އެމް ދަ ޑޭންޖަރ"، "މޮބްސްޓާ" އަދި "ޕަވަރހައުސް" ފަދަ ލަވަތައް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވެއެވެ.


އެއްބަޔަކު މި ފިލްމަކީ ލޯކޭޝް ކަނަގަރާޖްގެ ސިނަމެޓިކް ޔުނިވާސް (އެލް.ސީ.ޔޫ) ގެ ބައެއް ކަމަށް ދުށް ނަމަވެސް، ޑައިރެކްޓަރު ވަނީ އެއީ ވަކި ފިލްމެއްކަން ކަށަވަރުކޮށްދީފައެވެ. ފިލްމު ރިލީޒްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޮންލައިންކޮށް ލީކްވެފައިވުމުން، ފިލްމުގެ އުފެއްދުންތެރިންނަށާއި، ރަޖްނީކާންތުގެ ސަޕޯޓަރުންނަށް ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ކުރިމަތިވެފައެވެ.

ލައިފްސްޓައިލް

އިތުރަށް ←