ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

"ވޯ 2" އަށް ބޮކްސް އޮފީހުގައި، ފުރަތަމަ ހަފްތާ ބަންދުގައި އާމްދަނީ ދަށްވެއްޖެ

"ވޯ 2" އަށް ބޮކްސް އޮފީހުގައި، ފުރަތަމަ ހަފްތާ ބަންދުގައި އާމްދަނީ ދަށްވެއްޖެ

ބޮޑު ކާސްޓަކާއެކު، ގިނަ ބަޔަކު އިންތިޒާރުކުރި ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ހަވަނަ ފިލްމު، "ވޯ 2" އަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ފިލްމު ރިލީޒްވި ފުރަތަމަ ހަފްތާ ބަންދުގައި އުންމީދު ކުރި ވަރަށްވުރެ އާމްދަނީ ދަށްވުމުން، ފިލްމު "ފްލޮޕް" ވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

އާޔާން މުކަރްޖީ ޑައިރެކްޓްކޮށް، ހްރިތިކް ރޯޝަން، އެން.ޓީ.އާރް ޖޫނިއަރ އަދި ކިއާރާ އަދުވާނީ ފަދަ މަޝްހޫރު ތަރިން ހިމެނޭ މި އެކްޝަން ތުރިލަރ ފިލްމު ސިނަމާތަކަށް އައީ އޮގަސްޓް 14، 2025 ގައެވެ. ފިލްމު ރިލީޒްވި ފުރަތަމަ ބުރާސްފަތި ދުވަހު އިންޑިއާގެ ބޮކްސް އޮފީހުން ގާތްގަނޑަކަށް 28 ކްރޯޑް ރުޕީސް ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ހުކުރު ދުވަހު އާމްދަނީ އިތުރުވި ކަމުގައި ވިޔަސް، ހޮނިހިރާއި އާދީއްތަ ދުވަހު ފިލްމުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުރަތަމަ ހަތަރު ދުވަހުގެ ނިޔަލަށް ފިލްމަށް ލިބިފައިވަނީ ގާތްގަނޑަކަށް 173.60 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ. ހޮނިހިރު ދުވަހު 33.25 ކްރޯޑް ލިބުނުއިރު، އާދީއްތަ ދުވަހު އެ އަދަދު 31 ކްރޯޑަށް ވަނީ ދަށްވެފައެވެ. މިއީ 400 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން ހަދާފައިވާ ފިލްމަކަށް ވަރަށް ކުޑަ އަދަދެއް ކަމަށް ފާރަވެރި ފަރާތްތަކުން ދެކެއެވެ.

"ވޯ 2" އަކީ 2012 ވަނަ އަހަރު "އޭކް ތާ ޓައިގަރ" އިން ފެށިގެން އައި ވައިއާރްއެފް ސްޕައި ޔުނިވާސްގެ އެންމެ އާ ފިލްމެވެ. މި ސިލްސިލާގެ ކުރީގެ ފިލްމުތައް ކަމަށްވާ "ޓައިގަރ ޒިންދާ ހޭ"، "ވޯ" އަދި "ޕަތާން" ފަދަ ފިލްމުތަކަށް ބޮކްސް އޮފީހުގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ލިބިފައެވެ. ނަމަވެސް، "ވޯ 2" ގެ ޓީޒަރ އަދި ޓްރެއިލަރއަށް ވެސް އެހާ ބޮޑު ތަރުހީބެއް ލިބިފައި ނުވާތީ، ފިލްމުގެ އާމްދަނީއަށް އަސަރުކުރާނެ ކަމަށް ކުރިންވެސް ބެލެވިފައިވެއެވެ.

ފިލްމު ބެލި ގިނަ ބަޔަކު އަދި ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ފިލްމުގެ ސްކްރީންޕްލޭ އަދި ޑައިލޮގްތަކުގެ ބަލިކަށިކަމުން ފިލްމުގެ ފެންވަރު ދަށްވެއެވެ. "ވޯ 2" އަށް މިހާރު ބޮކްސް އޮފީހުގައި މި ކުރިމަތިވާ ނާކާމިޔާބީއާއެކު، މިއީ ވައިއާރްއެފް ސްޕައި ޔުނިވާސްގެ އެންމެ ދަށް އާމްދަނީއެއް ލިބޭ އެއް ފިލްމަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ލައިފްސްޓައިލް

އިތުރަށް ←