މަންމައަކަށް ވުމަށްފަހު ފިލްމުތަކުގެ ފަހަތުން ދުވަން ބޭނުމެއް ނޫން: ސުވަރާ ބާސްކަރު
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސުވަރާ ބާސްކަރު، މަންމައަކަށް ވުމަށްފަހު، ކުރީގެ ގޮތަށް ފިލްމްތަކުގެ ފަހަތުން ދުވަން ބޭނުން ނުވާކަމަށް ބުނެފިއެވެ. އޭނާ ބުނީ، މިހާރު އޭނާގެ އެންމެ ބޮޑު އިސްކަމަކީ ދަރިފުޅު ރާބިޔާއަށް ވަގުތު ދިނުން ކަމަށާއި، މަސައްކަތް ކުރާނީ ހަމައެކަނި އެކަމަށް އެކަށީގެންވާ ވަރުގެ ފުރުސަތެއް ލިބިއްޖެނަމަ ކަމަށެވެ.
އިންޑިއާގެ ނިއުސް އެޖެންސީއެއް ކަމަށްވާ ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި ސުވަރާ ބުނީ، އޭނާ އެކްޓިން ދާއިރާ ދޫކޮށްނުލާ ކަމަށާއި، އަދިވެސް ރަނގަޅު މަސައްކަތްތައް ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް، ދަރިފުޅު ގޭގައި ބައިންދާފައި މަސައްކަތަށް ނުކުންނަން ޖެހޭނީ، އެއީ އެކަމަށް އެކަށީގެންވާ ފަދަ، ހަގީގަތުގައިވެސް އަގު ހުރި މަސައްކަތަކަށް ވާނަމަ ކަމަށް އޭނާ ފާހަގަކުރި އެވެ.
"އަހަރެން އަދިވެސް މަސައްކަތް ކުރަން ބޭނުން. އެކަމަކު ކުރީގަހެން ފުރުސަތުތަކުގެ ފަހަތުން ދުވެ ހޯދާކަށް ބޭނުމެއް ނޫން. މިހާރު އަހަރެންގެ ގޭގައި ވަރަށް ޑިމާންޑިން އާ ބޮސްއެއް އެބަހުރި. އެއީ އަހަރެންގެ ދަރިފުޅު،" ސަމާސާ ރާގަކަށް ސުވަރާ ބުންޏެވެ.
Ads by BMLމަސައްކަތަކަށްޓަކައި ދަރިފުޅާ ދުރަށް ދާން ޖެހުމުން، ކުށްވެރިވިކަމުގެ އިހުސާސެއް ކުރެވޭ ކަމަށްވެސް ސުވަރާ ވަނީ ފާހަގަކޮށްފައެވެ.
މަސައްކަތާ އެއްކޮށް ދުރުވެފައި ނުވާކަން ހާމަކޮށް، ދަރިފުޅު ލިބުނު ފަހުންވެސް ފިލްމެއްގެ ޑަބިން މަސައްކަތާއި، އެހެނިހެން އެޑިޓިން މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.
ސުވަރާ އާއި އޭނާގެ ފިރިމީހާ، ފަހަދު އަހުމަދަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ރާބިޔާ ލިބިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
ސުވަރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2022 ވަނަ އަހަރު ނުކުތް ފިލްމު "ޖަހާން ޗާރު ޔާރު" އިންނެވެ.
Ads by MACL
