ޅައުމުރުގައި ބާލިޣުވުމާއި ދަރިން ލިބުމުން ދިގު މުއްދަތުގެ ސިއްޙީ ނުރައްކާތައް އިތުރުވާކަމަށް ދިރާސާއަކުން ދައްކައިފި
ކުޑައިރުގައި ބާލިޣުވެ، ޅައުމުރުގައި ދަރިން ލިބޭ އަންހެނުންނަށް، ދިގު މުއްދަތުގައި ސިއްޙީ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑުކަމަށް، އެމެރިކާގެ ބަކް އިންސްޓިޓިއުޓުން ކުރި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއިން ހާމަވާ ގޮތުގައި، މިކަމުގެ ސަބަބުން ޑައިބެޓީސް، ހިތުގެ ބަލިތައް، އަދި ހަށިގަނޑު ބަރުވުން ފަދަ މައްސަލަތައް ޖެހުމުގެ ފުރުސަތު އެތައް ގުނައެއް އިތުރުވެގެންދެއެވެ.
މި ދިރާސާގައި ހޯދާފައިވާ ގޮތުގައި، އުމުރުން 11 އަހަރު ނުފުރެނީސް ބާލިޣުވާ، އަދި 21 އަހަރު ނުފުރެނީސް ފުރަތަމަ ދަރިފުޅު ލިބޭ އަންހެނުންނަށް ޓައިޕް 2 ޑައިބެޓީސް، ހަށިގަނޑު ބަރުވުން، އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ދެގުނަ އިތުރުވެއެވެ. މީގެ އިތުރުން، ހަށިގަނޑުގެ މެޓަބޮލިކް ނިޒާމާ ގުޅުންހުރި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ހަތަރުގުނަ އިތުރުވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
ދިރާސާގެ އިސް ލިޔުންތެރިޔާ، ޑރ. ޕަންކަޖް ކަޕާހީ ވިދާޅުވީ، މިއީ އާންމު ސިއްޙީ ޚިދުމަތްދިނުމުގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ މައުލޫމާތެއް ކަމަށެވެ. "އަންހެނުންގެ ޚާއްސަ ކްލިނިކްތަކުން ބޭރުގައިވެސް، ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިން މިފަދަ ކަންކަމަށް ސަމާލުވުމަކީ، ކުރިއާލާ ބަލިތައް ދެނެގަނެ ފަރުވާ ފެށުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް،" ޑރ. ކަޕާހީ ވިދާޅުވިއެވެ.
Ads by BMLޔޫކޭ ބަޔޯބޭންކްގައި ހިމެނޭ ގާތްގަނޑަކަށް 200,000 އަންހެނުންގެ ޖެނެޓިކް މައުލޫމާތު ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާއިން، ބާލިޣުވާ އުމުރާއި ދަރިން ލިބޭ އުމުރާ ގުޅުންހުރި 150 އަށްވުރެ ގިނަ ޖެނެޓިކް މާކަރު (genetic markers) ވަނީ ދެނެގަނެވިފައެވެ. މި މާކަރުތަކަކީ އުމުރުން ދުވަސްވުމާއި ހަށިގަނޑުގެ ހެދިބޮޑުވުމާ ސީދާ ގުޅުންހުރި މާކަރުތަކެއްކަން ފާހަގަކުރެވެއެވެ.
ޑރ. ކަޕާހީ އިތުރަށް ވިދާޅުވީ، ޅައުމުރުގައި ބާލިޣުވުމާއި ދަރިން ލިބުމަކީ ފަހުގެ ހަޔާތުގައި ހަށިގަނޑު ބަރުވުމުގެ ފުރުސަތު އިތުރުކުރާ ކަމެއް ކަމަށެވެ. އަދި ހަށިގަނޑު ބަރުވުމަކީ ޑައިބެޓީސް، ހިތުގެ ބަލިތައް، އަދި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރުވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ދިރާސާގެ ނަތީޖާތަކުން ސިއްޙީ ޚިދުމަތްތެރިންނަށް މުހިންމު މެސެޖެއް ލިބިގެންދެއެވެ. އެއީ، ބަލިމީހުންގެ މައުލޫމާތު ނެގުމުގައި، އެމީހަކު ބާލިޣުވި އުމުރާއި ފުރަތަމަ ދަރިފުޅު ލިބުނު އުމުރަކީ، ކުރިމަގުގައި ކުރިމަތިވެދާނެ ސިއްޙީ މައްސަލަތަކެއް ދެނެގަތުމަށް ބޭނުންކުރެވިދާނެ މުހިންމު "ސިގްނަލެއް" ކަމެވެ.
މި ދިރާސާގެ ހޯދުންތައް ޝާއިއުކޮށްފައިވަނީ ސައިންޓިފިކް ޖާނަލް 'އީލައިފް' ގައެވެ.
Ads by MACL
