މީޑިއާއަށް ފިލައިގެން، އާލިއާ އަނެއްކާވެސް ރާއްޖޭގައި
ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް، މީޑިއާތަކަށް ވަންހަނާވެ، އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން އޭނާގެ ދައްތަ ޝާހީން ބަޓް ސޯޝަލް މީޑިއާގައި ޢާންމުކުރި ފޮޓޯތަކަކުން ހާމަވެއްޖެއެވެ. މި ދަތުރުގައި އާލިއާގެ މަންމަ ސޯނީ ރަޒްދާން އާއި ޝާހީންގެ ލޯބިވެރިޔާ އިޝާން މެހެރާ ވެސް ބައިވެރިވެފައިވެއެވެ.
ޝާހީން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން، މި ޢާއިލާ ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި ވަގުތު ހޭދަކުރަމުންދާކަން އެނގެއެވެ. މިއީ، މި އަހަރުގެ ކުރީކޮޅު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޢިއުލާންކުރުމަށްފަހު، ޝާހީން އާއި އޭނާގެ ލޯބިވެރިޔާ އިޝާން އެކުގައި ޗުއްޓީއެއްގައި ފެނިގެންދިޔަ ފަހަރެކެވެ.
މި ދަތުރުގައި އާލިއާގެ ފިރިމީހާ، މަޝްހޫރު އެކްޓަރ ރަންބީރު ކަޕޫރާއި، އެ ދެމީހުންގެ ދަރިފުޅު ރަހާ ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް، މި ދަތުރުގެ ކުރިން އާލިއާ އާއި ރަންބީރު އަދި ރަހާ މުމްބާއީގެ އެއާޕޯޓުން ފެނިފައިވާކަން ފާހަގަކޮށްލެވެއެވެ.
Ads by BMLއާލިއާ އާއި އޭނާގެ ޢާއިލާއަކީ ރާއްޖޭގެ ރީތިކަމަށް ލޯބިކުރާ ބައެކެވެ. މީގެކުރިން ވެސް އެތައް ފަހަރަކު އެމީހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު ތިން މައިން އެކުގައި ކުރި ދަތުރާއި، 2022 ވަނަ އަހަރު އާލިއާގެ އުފަންދުވަސް ފާހަގަކުރުމަށް ކުރި ދަތުރު ހިމެނެއެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާ އަހަރު ފާހަގަކުރުމަށް އާލިއާ، އޭނާގެ ފިރިމީހާ ރަންބީރާއި ދަރިފުޅު ރަހާއާއެކު ވެސް ރާއްޖެ އައިސްފައިވެއެވެ.
ފަހަކަށް އައިސް އާލިއާ ރާއްޖެއަށް ކުރާ ދަތުރުތައް ވަރަށް ބޮޑަށް ސިއްރުކުރާކަން ފާހަގަވެއެވެ. އެގޮތުން، މިފަހަރުގެ ދަތުރުގެ އެއްވެސް މައުލޫމާތެއް އިންޑިއާގެ މީޑިއާތަކަށް ލިބިފައި ނުވާކަން މިކަމުން ވެސް އެނގެއެވެ.
ފިލްމީ ގޮތުން ބަލާއިރު، އާލިއާ އެންމެ ފަހުން ފެނިފައިވަނީ ފިލްމު "ޖިގްރާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލަވް އެންޑް ވޯ" އާއި، ޔާޝް ރާޖް ފިލްމްސްގެ އެކްޝަން ތުރިލާ "އަލްފާ" ހިމެނެއެވެ.
Ads by MACL
