ފިލްމު "ސައްޔާރާ" ނެޓްފްލިކްސް އިން ދައްކަން ތައްޔާރުވެއްޖެ
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމު "ސައްޔާރާ"، ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު، މިހާރު އޮންލައިން ސްޓްރީމިންގ ޕްލެޓްފޯމް ނެޓްފްލިކްސް އިން ދެއްކުމަށް ތައްޔާރުވެއްޖެއެވެ. މި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށާނީ ސެޕްޓެމްބަރު 12، 2025 ގައެވެ.
"ސައްޔާރާ" އަކީ މިއުޒިކީ އަދި ރޮމޭންޓިކް ޑްރާމާއެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ލޯބި، ގެއްލުން، އަދި ހަނދާންތަކުގެ މައްޗަށެވެ. ފިލްމުން ފެނިގެންދަނީ ޅެންވެރިއެއް ކަމަށްވާ ވާނީ (އަނީތު ޕައްޑާ) އާއި، މިއުޒިކީ ފަންނާނެއް ކަމަށްވާ ކްރިޝް (އަހާން ޕާންޑޭ) ގެ ލޯބީގެ ހާދިސާއެވެ. ވާނީއަށް އަލްޒައިމާ ބަލި ޖެހުމުން އެ ދެމީހުންގެ ގުޅުމަށް އަންނަ ބަދަލުތައް ފިލްމުން ދައްކުވައިދެއެވެ.
މި ފިލްމަކީ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާގެ ފުރަތަމަ ފިލްމެވެ. ޔަޝް ރާޖް ފިލްމްސް އިން އުފައްދާފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ "އާޝިކީ 2" އަދި "އޭކް ވިލަން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ މޯހިތު ސޫރީއެވެ.
Ads by BML"ސައްޔާރާ" ސިނަމާތަކުގައި ރިލީޒްކޮށްފައިވަނީ ޖުލައި 18، 2025 ގައެވެ. މި ފިލްމަށް ވަނީ ބެލުންތެރިންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބި، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މިއީ 2025 ވަނަ އަހަރު ނުކުތް ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމެވެ.
ފިލްމުގެ މިއުޒިކާއި، އަހާން އަދި އަނީތުގެ އެކްޓިންގއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ސިނަމާއިން ފިލްމު ބަލާލަން ފުރުސަތު ނުލިބުނު ފަރާތްތަކަށާއި، އަލުން ފިލްމު ބަލާލަން ބޭނުންވާ ފަރާތްތަކަށް ނެޓްފްލިކްސް މެދުވެރިކޮށް މި ފުރުސަތު ލިބިގެންދާނެއެވެ.
Ads by MACL
