ލަންކާއިން ދިވެހި ސަޕޯޓަރުންނަށް ޓިކެޓުގެ އަގު ބޮޑުކޮށްފި
މާދާމާ ރާއްޖެއާ ދެކޮޅަށް ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ ދެވަނަ މެޗުގެ ޓިކެޓުގެ އަގު، ދިވެހި ސަޕޯޓަރުންނަށް ބޮޑުކޮށްފިއެވެ. މިކަމާ ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، މިކަން ހިނގާފައިވަނީ، ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީގެ އެދުމަށް ކަމަށްވެއެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި، ރާއްޖޭގެ ޓީމަށް ދިވެހި ސަޕޯޓަރުން ދިން ތަރުހީބާއި ފޯރި، ލަންކާގެ ކޯޗު މުތައިރީ ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނީ ލަންކާއިން އަމިއްލަ ދަނޑުގައި ކުޅުނުއިރުވެސް ދިވެހި ސަޕޯޓަރުން ގިނަކަމަށާއި، ދެވަނަ މެޗަށް އެކަން ބަދަލުވަން ޖެހޭ ކަމަށެވެ. މުތައިރީގެ މި އެދުމާއެކު، ލަންކާގެ ސަޕޯޓަރުން އިތުރުކުރުމަށް އެ ގައުމުގެ އެފްއޭއިން ވަނީ ލަންކާގެ ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގެ އަގު ހެޔޮކޮށްފައެވެ.
މީގެއިތުރުން، ސްކޫލްތަކާއި އެކަޑަމީތަކުގެ ދަރިވަރުންނަށް ހިލޭ ދަނޑަށް ވަދެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް، ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގެ އަގު ވަނީ ބޮޑުކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗަށް ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކާފައިވަނީ 1000 ލަންކަން ރުފިޔާއަށެވެ. ނަމަވެސް މާދަމާ ކުޅޭ ދެވަނަ މެޗަށް ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގު ވަނީ 3000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
Ads by BMLޓިކެޓުގެ އަގު ބޮޑުކުރުމާ ގުޅިގެން ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ކަންބޮޑުވުން ފާޅުކޮފައެވެ. ފުރަތަމަ މެޗަށް ގާތްގަނޑަކަށް 150 ދިވެހިން ދަނޑަށް ދިޔަކަމަށް ވެއެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެދުމަށް، މާދަމާގެ މެޗަށް ދިވެހިންނަށް ހާއްސަކޮށް މިއަދު ދިވެހި ކަލްޗަރަލް ސެންޓަރު (ސޯސަންވިލާ) ގައި ޓިކެޓު ވިއްކާފައިވެއެވެ. އެމްބަސީން އެދިގެން 400 ޓިކެޓު ދިވެހިންނަށް ވިއްކުމަށް ސޯސަންވިލާއަށް ގެނައި ކަމަށާއި، ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ މުވައްޒަފުން އައިސް ޓިކެޓު ވިއްކާފައިވާ ކަމަށް ޓިކެޓު ގަންނަން ދިޔަ ދިވެއްސަކު ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ މެޗަށް 1000 ރުފިޔާއަށް ޓިކެޓު ގަތްއިރު، ދެވަނަ މެޗަށް 3000 ރުފިޔާއަށް ވިއްކުމުން، 50 އެއްހާ ދިވެހިންނެވެސް ޓިކެޓު ގަންނަން އައިސްފައިވަނީ. މާދަމާ ހެނދުނުވެސް ދިވެހިންނަށް ޓިކެޓު ވިއްކަން ފުޓްބޯޅަ ޝްރީ ލަންކާގެ އޮފިޝަލުން ސޯސަންވިލާއަށް ދާނެކަން ވަނީ އަންގާފައެވެ.
އާއިލާއާއެކު ދާދި ފަހުން ކޮލަމްބޯއަށް ބަދަލުވި ދިވެއްސަކު ބުނީ ފަސް މެންބަރުން ހިމެނޭ އޭނާގެ އާއިލާއަށް ދަނޑަށް ދާން ބޭނުންވިޔަސް، ޓިކެޓުގެ އަގުބޮޑުވުމުން އެ ފުރުސަތު ނެތް ކަމަށެވެ. ފަސް މީހުންނަށް ޓިކެޓު ނަގަން 50 ޑޮލަރު ހަރަދުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ންނެވެ. އެ ނަތީޖާ ބަދަލުކުރުމަށް ލަންކާއިން ދެވަނަ މެޗުގައި ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް އެ ގައުމުގެ ކޯޗު މުތައިރީ ބުންޏެވެ. ލަންކާގެ ސަޕޯޓަރުންނަށް އަގުހެޔޮކޮށް ޓިކެޓު ވިއްކަން ނިންމާފައިވާކަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކޮށްފައެވެ.
Ads by MACL
