"ކަނބުލޮ" އާދަޔާޚިލާފު ކާމިޔާބީއެއް: ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 56 ޝޯއާއެކު ރައްޔިތުންގެ ހިތްތައް އަތުލައިފި!
"ކަމަނާ" ފަދަ ކާމިޔާބު ފިލްމެއްގެ ފަހަތުގައި ތިބި ޓީމުން އުފެއްދި "ކަނބުލޮ" ފިލްމު، މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ޕްރިމިއަރ ކުރުމާއެކު ރާއްޖޭގެ ފިލްމީ ދާއިރާގައި ގަދަފަދަ ކާމިޔާބީއެއް ހޯދައިފިއެވެ. ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާ މި ފިލްމުގެ 56 ޝޯ މި ހަފްތާ ބަންދުތެރޭ ރާއްޖޭގެ އެކި އަތޮޅުތަކުގައި އަޅުވަން ސެޓާން ސްޓޫޑިއޯއިން ވަނީ ހަމަޖައްސާފައެވެ. މިހާރުވެސް އޮލިމްޕަހުގައި ހައުސްފުލް ޝޯތަކެއް ދައްކަމުންދާ "ކަނބުލޮ" އަކީ ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭ، މުޖުތަމަޢަށް މުހިންމު މެސެޖެއް ދޭ ފިލްމެއްކަމަށް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
ފިލްމު ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ޝޯތައް އަޅުވަމުންދާއިރު، މި ހަފްތާ ބަންދަކީ ފިލްމު އެކީ އެއްފަހަރާ އެންމެ ގިނަ ޝޯތަކެއް އަޅުވާނެ ދުވަސްތަކެއް ކަމަށް ސެޓާން ސްޓޫޑިއޯއިން މައުލޫމާތުދެއެވެ. އައްޑޫ ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި މި ހަފްތާ ބަންދުތެރޭ ފިލްމު ދައްކާނެއެވެ. މީގެ އިތުރުން، އަވަށްޓެރި ސްރީ ލަންކާގައިވެސް ފިލްމު ސްކްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. ސެޓާން ސްޓޫޑިއޯއިން ބުނި ގޮތުގައި މާލެ އާއި ސްރީލަންކާގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ހަފްތާ ބަންދުތެރޭ ފިލްމު ސްކްރީން ކުރުމަށް ވަނީ ތައްޔާރުވެފައެވެ. ވީކެންޑްގައި އެކަނި 56 ޝޯއަކީ މެނޭޖް ކުރަންވެސް އުނދަގޫ ކަމެއް ނަމަވެސް ކޮންމެ ރަށަކަށްވެސް ޓީމުން މީހުން ދަތުރުކޮށް ސްކްރީން ކުރަމުން ދާކަން އެ ސްޓޫޑިއޯއިން ފާހަގަކުރިއެވެ.
ދިވެހި ފިލްމީ ދާއިރާގައި "ކަނބުލޮ" އަށް ލިބެމުންދާ މަޤުބޫލުކަމާއެކު، ބެލުންތެރިންގެ ތަޢުރީފުތަކުން މީސްމީޑިއާގެ އެކި މަންސަތައް ވަނީ ފުރުވާލާފައެވެ. ފިލްމުގެ ޓިކެޓްތަކަށް ބޮޑު ޑިމާންޑެއް އުފެދި، މާލޭގެ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ގިނަ ޝޯތައް ވަނީ ހައުސްފުލްވެފައެވެ. މިހާލަތުގައި، އޮލިމްޕަސް ޓިކެޓް ކައުންޓަރުން ރޭގަނޑު 8:30 ގެ ޝޯގެ އިތުރުން ބަންދު ދުވަސްތަކުގެ 11:30 ގެ ޝޯތައްވެސް ހުޅުވާލައި ޓިކެޓް ވިއްކަން ފަށާފައިވާކަމަށް ސެޓާން ސްޓޫޑިއޯގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވެއެވެ.
Ads by BMLމުޖުތަމަޢުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައިވާ މި ދަނޑިވަޅުގައި، "ކަނބުލޮ" ފިލްމަކީ މިކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވާނެ މެސެޖުތަކާއި، އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދޭ މެސެޖްތައް ހިމަނާފައިވާ ފިލްމެކެވެ.
ބެލުންތެރިންގެ ޝުޢޫރު ފާހަނގަކުރަމުން ގިނަ ބަޔަކު ބުނެފައިވަނީ މިފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫން ކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ، އަދި މި މުޖުތަމަޢަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއް ކަމަށެވެ. މީގެ އިތުރުން، ފިލްމުގެ ތަރިންގެ މޮޅު ހުނަރާއި، ޕްރޮޑަކްޝަން ޓީމުގެ ބުރަ އަދި ރަނގަޅު މަސައްކަތެއް ފެނިގެންދާ ފިލްމެއް ކަމަށް ފިލްމީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުންވެސް ވަނީ ފާހަނގަކޮށްފައެވެ.
"ކަނބުލޮ" ފިލްމަކީ ދިވެހިބަހާއި ތާރީހަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް، ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނަނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ. މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު ޑައިރެކްޓަރ ހުސެއިން މުނައްވަރު އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. "ކަނބުލޮ" ފިލްމުގެ ޕްރޮޑިއުސަރަކީ ކާމިޔާބު ފިލްމް "ކަމަނަ" ގެ ޕްރޮޑިއުސަރ އަލީ ޝާނިޒް މުހައްމަދު އެވެ.
Ads by MACL
