ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ޑިމާންޑު ބޮޑުވެ "ކަނބުލޮ" ފިލްމު މެންދުރުފަހު ވެސް އަޅުވަން ނިންމައިފި

 "ކަނބުލޮ" ފިލްމުގެ މަންޒަރެއްގައި ބަޠަލާ ޢައްޒަ ---
"ކަނބުލޮ" ފިލްމުގެ މަންޒަރެއްގައި ބަޠަލާ ޢައްޒަ ---

ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެންމެ ކާމިޔާބު ދިވެހި ފިލްމް "ކަމަނާ" އުފެއްދި ޓީމުން މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކުރި ދިވެހި ފިލްމް "ކަނބުލޮ" އަށް ތަރުޙީބު ބޮޑުވެ، މެންދުރުފަހުގައިވެސް ޝޯ ދެއްކުމަށް ހުޅުވާލައިފިއެވެ.

މިހާރުވެސް އޮލިމްޕަހުގައި ރޭގަނޑު އަދި ދަންވަރު ހައުސްފުލް ޝޯތަކެއް ދައްކަމުންދާ "ކަނބުލޮ" ފިލްމް ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ޝޯތައް އަޅުވަމުން ދާއިރު، މި ހަފްތާ ބަންދުގައި އެކަނިވެސް މާލެ އާއި އަތޮޅު ތެރޭ ހިމެނޭހެން 56 ޝޯ އަޅުވައެވެ.

ސެޓާން ސްޓޫޑިއޯއިން މައުލޫމާތުދޭ ގޮތުގައި، އޮލިމްޕަހުގައި ގިނަ ޝޯތަކެއް އެޅުވުމަށް ތާވަލުކޮށްފައިވާ މި ފިލްމް ގެ ޑިމާންޑު ބޮޑުވެ، ހަފްތާ ބަންދާ ދިމާކޮށް ދަންވަރުގެ ޝޯތައް ހުޅުވާލައިފައިވީ ނަމަވެސް، އެ ޝޯތައްވެސް ފުލް ވެފައިވާތީ އަންނަ ހަފްތާގެ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ޝޯއެއް އެޅުވުމަށް ޓީމުން ވަނީ ނިންމާފައެވެ. އަދި މި ޝޯގެ ޓިކެޓް މިއަދު 13:00 އިން ފެށިގެން އޮލިމްޕަސް ޓިކެޓް ކައުންޓަރުން ލިބޭނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެއެވެ.

މިފިލްމްގެ މަޤުބޫލުކަން އިތުރުވެފައިވާއިރު، މި ފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ތަޢުރީފުތަކުން ވަނީ މީސްމީޑިއާގެ އެކި މަންސަތަކުން ފުރުވާލާފައެވެ. އަދި ފިލްމްގެ ޓިކެޓްތަކަށް ޑިމާންޑް ބޮޑުވެ މާލޭގެ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ޝޯތަކުގެ ތެރެއިން ގިނަ ޝޯތަކެއް މިހާރު ވަނީ ހައުސްފުލްވެފައެވެ.

މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް  މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތަކާއި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ހިމަނާފައިވާ މިފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ޝުޢޫރު ފާހަނގަކޮށްފައިވާ އިރު، މިފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ، އަދި މި މުޖުތަމަޢު އަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއްކަމަށް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން، ފިލްމްގެ ތަރިންގެ މޮޅު ހުނަރާއި، ޕްރޮޑަކްޝަން ޓީމުގެ ބުރަ އަދި ރަނގަޅު މަސައްކަތެއް ފެނިގެންދާ ފިލްމެއް ކަމަށް، ފިލްމީ ދާއިރާ އަށް ނިސްބަތްވާ އެންމެ ފުންނާބު އުސްފަރާތްތަކުންވެސް ވަނީ ފާހަނގަ ކޮށްފައެވެ.

ލައިފްސްޓައިލް

އިތުރަށް ←