ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ނެޓްފްލިކްސް އިން 'ސައްޔާރާ' ދައްކަން ފަށައިފި

ނެޓްފްލިކްސްއަށް ސައްޔާރާ އައީ މެދުނުކެނޑި 50 ޝޯވް ސިނަމާތަކުގައި ދެއްކުމަށްފަހު ---
ނެޓްފްލިކްސްއަށް ސައްޔާރާ އައީ މެދުނުކެނޑި 50 ޝޯވް ސިނަމާތަކުގައި ދެއްކުމަށްފަހު ---

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ މިއުޒިކަލް ރޮމޭންސް ޑްރާމާ ފިލްމު 'ސައްޔާރާ' ނެޓްފްލިކްސް އިން ދައްކަން ފަށައިފިއެވެ. މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަހާން ޕަންޑޭ އާއި އަނީތު ޕައްޑާ ފިލްމީ ދާއިރާއަށް ތައާރަފުވި ފިލްމެވެ.

ޔާޝް ރާޖް ފިލްމްސްގެ މި ބްލޮކްބަސްޓަރ ފިލްމު ތިއޭޓަރުތަކުގައި ކާމިޔާބު ދަތުރެއް ކުރުމަށްފަހު، މިހާރު އޮންލައިންކޮށް ނެޓްފްލިކްސް އިން ބަލާލެވޭނެއެވެ. މި ފިލްމަކީ ޗަންކީ ޕަންޑޭގެ ކޮއްކޮގެ ދަރިފުޅު އަހާން ޕަންޑޭ އާއި 22 އަހަރުގެ އަނީތު ޕައްޑާގެ ފުރަތަމަ ފިލްމެވެ. މިއީ މޮޅު މިއުޒިކާއި ތަރިންގެ ހުނަރުވެރި އެކްޓިންގް ފެނިގެންދާނެ ފިލްމެކެވެ.

'ސައްޔާރާ' ގެ ވާހަކަ ދައްކަނީ މިއުޒިކީ ދާއިރާގެ ފަންނާނެއް ކަމަށްވާ ކްރިޝް ކަޕޫރު (އަހާން ޕަންޑޭ) އާއި ޝާޢިރާ ވާނީ ބަތުރާ (އަނީތު ޕައްޑާ) އާ ދެމެދުގައެވެ. ވާނީގެ ޅެންތަކުން ކްރިޝް އަށް ހިތްވަރު ލިބި، ދެމީހުން އެކުގައި މަސައްކަތް ކުރަން ފަށައެވެ. ނަމަވެސް، ވާނީގެ ސިއްހީ ހާލަތާއި އޭނާގެ މާޒީގެ ސަބަބުން ދެމީހުންނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ވާނީ އަށް އަލްޒައިމާސް ޖެހި، އޭނާގެ ހަނދާންތައް ފަނޑުވަމުންދާ ދިއުމާއި، އެ ދެމީހުންގެ ގުޅުމަށް ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތަކާއެކު، އެމީހުންގެ ލޯބި އިމްތިހާނު ކުރެވެއެވެ. އެންމެފަހުން ލޯތްބަކީ ހުރިހާ ކަމެއްގެ ހައްލުކަން އެމީހުންނަށް ގަބޫލުކުރެވޭނެ ބާވައެވެ؟



މޯހިތު ސޫރީ ޑައިރެކްޓް ކުރައްވާ މި ފިލްމުގައި ލީޑް ރޯލް ކުޅެފައިވަނީ އަހާން ޕަންޑޭ އާއި އަނީތު ޕައްޑާ އެވެ. މި ފިލްމުގެ ސަޕޯޓިންގ ކާސްޓުންގެ ތެރޭގައި ރާޖޭޝް ކުމާރު، ގީތާ އަގަރުވާލް، ވަރުން ބަޑޯލާ އަދި އަންގަޑް ރާޖް ހިމެނެއެވެ. ސަންކަލްޕް ސަދާނާ އާއި ރޯހަން ޝަންކަރު ލިޔުނު މި ފިލްމުގެ ސިނަމެޓޮގްރަފީ އަކީ ވިކާސް ސިވަރާމަން އެވެ. އަދި ތަނިޝްކް ބާގްޗީ، ފަހީމް އަބްދުﷲ އަދި އަރްސްލާން ނިޒާމީ މިއީ މި ފިލްމުގެ މިއުޒިކް ކޮމްޕޯޒަރުންނެވެ.



މި ފިލްމު ތިއޭޓަރުތަކަށް ރިލީޒްކުރެވުނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އައިއެމްޑީބީ ރޭޓިންގްގައި މި ފިލްމަށް 6.5/10 ލިބިފައިވެއެވެ. 'ސައްޔާރާ' ބެލުމަށް ނެޓްފްލިކްސް ސަބްސްކްރިޕްޝަނެއް ބޭނުންވާނެއެވެ.

ލައިފްސްޓައިލް

އިތުރަށް ←