ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ކޮންމެ ގެއެއްގައި ވެސް”ކަނބުލޮ”އެއް އެބަވޭ، އެ ކަނބުލޮއަށް ބޭނުންވަނީ ރައްކާތެރިކަން!

ކަނބުލޮ ފިލްމްގައި އައްޒަ އަދާކުރާ ރޯލަކީ އާދަޔާ ޚިލާފު ހުނަރުވެރި މޮޅު ރޯލެއް ---
ކަނބުލޮ ފިލްމްގައި އައްޒަ އަދާކުރާ ރޯލަކީ އާދަޔާ ޚިލާފު ހުނަރުވެރި މޮޅު ރޯލެއް ---

އަންހެން ދަރިންގެ ރައްކާތެރިކަމަށް އަޅާލުމަކީ ކޮންމެ މަންމައެއް ބައްޕައެއްގެ ހިތުގައި އޮންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. އެގޮތުން، މިފަހުން އޮލިމްޕަހުގައި އަޅުވާފައިވާ "ކަނބުލޮ" ފިލްމަކީ މި މުހިއްމު މައުޟޫއަށް އަލިއަޅުވައިލާ، ޝުޢޫރީ ގޮތުންނާއި ފިކުރީ ގޮތުންވެސް ބެލުންތެރިންނަށް ގިނަ ކަންތައްތަކެއް ހަނދާންކޮށްދީފައިވާ ފިލްމެކެވެ.

"ހައުސްފުލް" ކަމުގެ ހަޤީޤަތް:

މިފަހުން ފިލްމު ތިއޭޓަރުތަކުގެ "ހައުސްފުލް" ޝޯތަކާމެދު ސުވާލު އުފެދެއެވެ. ފިލްމެއްގެ ޓްރެއިލަރ ބެލުމަށްފަހު، ޝޯޝަލް މީޑިއާގައި ހައުސްފުލް ކަމަށް ދައްކާފައި ހުއްޓަސް، ފިލްމު ބަލަން ދާއިރު ގިނަ ފަހަރު ފެންނަނީ ހުސް ގޮނޑިތަކެވެ. މިއީ ހަމައެކަނި ފިލްމު ތިއޭޓަރުތަކަށް ޚާއްޞަ ކަމެއް ނޫނެވެ. ފްލައިޓް ބުކިންތަކުގައި ވެސް "ފުލް" ކަމަށް ބުނެފައި ހުއްޓަސް، ދަތުރުކުރާއިރު ހުސް ގޮނޑިތައް ފެންނަލެއް މަދެއް ނޫނެވެ. އޮލިމްޕަހުގައި "ކަނބުލޮ" ފިލްމު އަޅުވަން ފެށި ދުވަސްވަރުވެސް ހައުސްފުލް ޝޯތަކެއް ދިޔަ ކަމަށް ބުނެފައި ވިޔަސް، ހަޤީޤީ ހާލަތު ތަފާތެވެ. ހަވީރުގެ ޝޯއަކަށް ޓިކެޓް ނުލިބި، ރޭގަނޑުގެ ލޭޓް ނައިޓް ޝޯއަށް ޓިކެޓް ލިބުނު މީހުންވެސް މަދެއް ނޫނެވެ.

އެހެންނަމަވެސް، "ކަނބުލޮ" ފިލްމު އޮލިމްޕަހުގައި އަޅުވަން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް، މާފަންނު މަޖީދީ މަގުން އޮލިމްޕަހާ ހަމައަށް ގިނަ ބަޔަކު ކިއު ހަދާފައި ތޮއްޖެހިފައި ތިބި މަންޒަރު ފެނުނެވެ. އެފަހަރު "ހައުސްފުލް" ކަމަށް ބުނެވުނީ ތިއޭޓަރުގައި އިށީނދެވޭނެ އެންމެ ޖާގައެއްވެސް ނެތި، މުޅި ތިއޭޓަރު ބެލުންތެރިން ފުރިފައިވާތީއެވެ. "ހައުސްފުލް ކިޔަންޏާ މިވަރުވާން ޖެހެއޭ" ބުނެވުނީ އެހެންވެއެވެ.

"ކަނބުލޮ" ފިލްމުގެ އުފެއްދުން:

"ކަނބުލޮ" ފިލްމަކީ ސެޓާރން ސްޓޫޑިއޯ އިން އުފައްދާފައިވާ ފިލްމެކެވެ. މި ސްޓޫޑިއޯއިން އުފައްދާ ފިލްމުތަކުގައި މުޖްތަމަޢުގައި ފޮރުވިފައިވާ، ނުވަތަ ފަސްއަޅާފައިވާ ހަޤީޤަތްތައް އެންމެ ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދެއެވެ. "ކަނބުލޮ" ފިލްމުގެ ޕްރޮޑަކްޝަން ދަށްވާނެ ކަމަކަށް އެއްވެސް ޝައްކެއް ނުކުރެވެއެވެ.

ފިލްމު "ކަނބުލޮ": ޝުޢޫރީ ގުޅުން:

"ކަނބުލޮ" ފިލްމު ފެށިގެން ދިޔައީ މިއަދުވެސް ގިނަ ގެތަކުގައި ފުރާވަރަށް އަރަމުން އަންނަ ދަރިން ހިތުގައި އަތް އަޅައި، "އެވޭން އުފުލަން ޖެހެނީ ކީއްވެބާއޭ؟ އެއަޑުތައް ނީވޭނީ ކޮން ދުވަހަކުން ބާއޭ؟" ހީވާފަދަ މަންޒަރަކުންނެވެ. ރައްކާތެރިކަމާއި ލޯތްބާއި އަޅާލުން ލިބެންޖެހޭ ގެއަކުން ލިބޭ ވޭނަކީ، ދަރިފުޅު ބޮޑުވެ މުޖްތަމަޢަށް ނުކުތަސް އެ ހަނދާންތަކާއި އެ ވޭން އުނދަގޫ ކުރާނެ ކަންތައްތަކެވެ. ފިލްމު ކުރިއަށް ދިޔައިރު، ތިއޭޓަރުގެ ތެރެއިން އިވެމުން ދިޔައީ ހަމަހިމޭންކަމާއެކު ނޭފަތް ދަމާ އަޑެވެ. މިއީ އެންމެންނަށް އެނގޭ ހަޤީޤަތްތަކެކެވެ. ހަޔާތުގެ ކޮންމެވެސް ހިސާބަކުން ތަޖުރިބާކޮށްފައިވާ ކަންތައްތަކެކެވެ.

ދަރިންނަކީ ދެލޯފަދައިން ބަލަންޖެހޭ ނޫރެވެ. ކޮންމެ އިހުމާލަކީވެސް އަނިޔާއެކޭ ބުނެވެއެވެ. ތިމާގެ ދަރިފުޅު ނުރޮއި، އެވާހަތައް ހިއްސާ ނުކުރުމަކީ އެދަރިފުޅު ހަމަޖެހިފައި ހުރުމެއްވެސް ނޫނެވެ. އާއިލާ މީހުންގެ ނަމުގައި، ހެޔޮ އެދޭ ރައްޓެހިންގެ ނަމުގައި ގެއަށް ވަންނަ މީހެއްގެ ހިޔަނި ދަރިއަށް އެޅެނީ، އެދަރީގެ ރައްކާތެރިކަމަށް އިހުމާލުވެވޭތީއެވެ. "އެއީ މަގޭ އާއިލާ، އެއީ މަގޭ ރައްޓެއްސާ، އޭނާ އެކަހަލަ ކަމެއް ނުކުރާނޭ" ބުނަނީ އަންހެން ދަރިންނަށް ޝިކާރައިގެ ލޮލުން ބަލާ ވަލު ޖަނަވާރަށެވެ. މިއީ މުޖްތަމަޢުގައި ހިނގާ ކަންކަމެވެ.

ފިލްމުގެ ކޮންމެ ކެރެކްޓަރެއް، ޚާއްޞަކޮށް އައްޒަ އާއި ވާޝިޔާގެ އެކްޓިންއަކީ އިންތިހާއަށް މޮޅު އެކްޓިންއެކެވެ. ފަހުގެ ތާރީޚުގައި އެންމެން ބެލި ފިލްމެއް ކަމުގައިވާ "ސޮރީ" ބަލާފައި އެންމެނަށް ރޮވުނު ވާހަކަ ބުންޏެވެ. އެފިލްމު ބަލާފައި އަމިއްލަ މީހާގެ ހިތްވަރާއި އެ ކެރެކްޓަރާ ގުޅުވައިލެވި، ފަޚުރުވެރިވިއެވެ. ނަމަވެސް ކިތަންމެ އިމޯޝަނަލީ އިންޓެލިޖެންޓް މީހަކަށް ވިޔަސް، "ކަނބުލޮ" ފިލްމު ބަލަމުން ދިޔައިރު، ހިފެހެއްޓުމެއް ނެތި ރޮވެމުން ދިޔައެވެ. ލިބިފައިވާ އަންހެން ދަރީގެ ރައްކާތެރިކަމަށް ދުޢާ ކުރެވެމުންނެވެ. ދެވެމުންދާ ތަރުބިއްޔަތުގައި ކޮންމެ ދުވަހަކު އަމިއްލަ ނަފްސު ރައްކާތެރި ކުރުމަށް ވާހަކަ ދެކެވުނަސް، "މަގޭ އާއިލާ މަގޭ ރައްޓެހިން" ބުނެ އެ ގެއަކަށް ވައްދާ ބައެއްގެ ސަބަބުން ލިބިދާނެ ގެއްލުމަކާއި، އެ ދަރިފުޅުގެ ރައްކާތެރިކަމަށް އިންތިހާއަށް ދުޢާ ކުރެވެމުންނެވެ.

ފިލްމެއް ބަލާލުމަކުން ނުފުދެއެވެ. މުޖްތަމަޢުގައި ހިނގާ ކަންތަކަށް ބިނާކޮށް ހެދޭ ފިލްމުތަކަކީ ހަނދާންކޮށްދިނުމެކެވެ. އެއީ އެކްޓަރުންތަކެއް ލައިން ކުޅެލާ ފިލްމުތަކެއް ނޫނެވެ. ކޮންމެ ގެއެއްގައިވެސް "ކަނބުލޮ"އެއް އެބަވެއެވެ. އެ ކަނބުލޮއަށް ބޭނުންވަނީ ރައްކާތެރިކަމެވެ. މިއީ އަޅުގަނޑުމެން އެންމެން ވިސްނާލަންޖެހޭ މުހިއްމު ކަމެކެވެ.

ލައިފްސްޓައިލް

އިތުރަށް ←