ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

އެފްއޭއެމްގެ މި ސީޒަނުގެ ފުޓްބޯޅަ މުބާރާތްތަކުގެ ބްރޮޑްކާސްޓް ޕާޓްނަރަކަށް ޕީއެސްއެމް

އެފްއޭއެމްގެ މި ސީޒަނުގެ ފުޓްބޯޅަ މުބާރާތްތަކުގެ ބްރޮޑްކާސްޓް ޕާޓްނަރަކަށް ޕީއެސްއެމް

އެފްއޭއެމްގެ މި ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރުގައި ހިމެނޭ ހުރިހާ މުބާރާތްތަކެއްގެ ސްޓްރެޓެޖިކް ބްރޮޑްކާސްޓް ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، 2025-2026 ގެ ފުޓްބޯޅަ ސީޒަނުގައި ރާއްޖޭގައި ބާއްވާ ފުޓްބޯޅަ މުބާރާތްތައް ބްރޮޑްކާސްޓްކުރުމުގެ ހައްގުތައް ޕީއެސްއެމްއަށް ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) އާއި، ޕީއެސްއެމްގެ ފަރާތުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އަބުދުالله ޔާމީން ރަޝީދެވެ.

އެއްބަސްވުމަށްފަހު އެފްއޭއެމްގެ ރައީސް ޠާރިޤް ވިދާޅުވީ، ކުޅިވަރު ކަވަރުކުރުމުގައި ޕީއެސްއެމްއަކީ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ މުއައްސަސާއެއް ކަމަށެވެ. އަދި މިހާރު ފުޓްބޯޅަ އޮތް ހާލަތުން އަރައިގަތުމަށް ޕީއެސްއެމްގެ ދައުރު ވަރަށް މުހިއްމުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ސީޒަންތަކަކީ ވަރަށް ކާމިޔާބު ސީޒަންތަކަކަށް ވެގެންދާނެ ކަމަށް ޠާރިޤް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ ޔާމީން ރަޝީދު ވިދާޅުވީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމްއިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށެވެ. މިހާތަނަށް ފުޓްބޯޅައަށް ދެވިފައިވާ އަހަންމިއްޔަތު ކުޑަ ނަމަވެސް، މި އެއްބަސްވުމާއެކު ފުޓްބޯޅަ ދިރުވައި، ކުރިއެރުވުމަށް ޕީއެސްއެމްއިން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ، ކުޅިވަރަށް ޚާއްސަ ޕީއެސްއެމްގެ ޗެނަލް، ޔެސްޓީވީގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި ފުޓްބޯޅަ ޕްރޮމޯޓްކުރުމަށް ކުރެވޭ މަސައްކަތްތައް ޝޯކޭސް ކުރުމަށްވެސް ޕީއެސްއެމްއިން މަސައްކަތްތަކެއް ކުރާނެއެވެ. މީގެ އިތުރުން، ދިވެހި ރައްޔިތުންނަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ އެކި ކަންކަން ދެއްކުމަށްޓަކައި ބޭނުންވާ ރައިޓްސް ހޯދުމުގައި އެފްއޭއެމްގެ ދައުރު ބޮޑުކުރުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް ޔާމީން ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމަކީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއް ކަމަށް ދެފަރާތުންވެސް އުންމީދުކުރެއެވެ.

ކުޅިވަރު

އިތުރަށް ←