ކެންސަރުގެ ފަރުވާގެ ސަބަބުން ދިޕިކާ ކަކަރަށް އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވެއްޖެ
ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ކަކަރަށް ކެންސަރުގެ ފަރުވާ ދިނުމުގެ ސަބަބުން އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވެއްޖެއެވެ. އޭނާގެ ފިރިމީހާ ޝޮއައިބް އިބްރާހިމްގެ ސިއްހީ ހާލަތުވެސް މިވަގުތު ރަނގަޅު ނޫންކަމަށް ވަނީ ހާމަވެފައެވެ.
ދިޕިކާ ކަކަރަކީ ލިވަރ ކެންސަރުގެ ދެވަނަ ސްޓޭޖުގައި ހުރި ބަލިމީހެކެވެ. އޭނާ ވަނީ މިކަމާ ގުޅޭގޮތުން އޭނާގެ ވްލޮގެއްގައި ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައިވަނީ، އޭނާގެ އެންމެ ފަހުގެ މެޑިކަލް ރިޕޯޓްތައް ނޯމަލް ނަމަވެސް، އިސްތަށި ފޭބުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ. "ލޭގެ ރިޕޯޓް ނޯމަލް ކަމަށް އައިސްފައިވީ ނަމަވެސް، މިވަގުތު އަހަންނަށް އެންމެ ބޮޑަށް އަސަރު ކުރަނީ އިސްތަށި ފޭބުމުގެ މައްސަލަ. އިސްތަށިގަނޑު ދޮވުމަށްފަހު ގިނަ އަދަދަކަށް އިސްތަށި ފޭބުމުން އަހަރެން ހައިރާންވޭ،" ދިޕިކާ ބުންޏެވެ.
ޝޮއައިބް އިބްރާހިމް ބަލިވެ އުޅޭ މަންޒަރުވެސް ދިޕިކާގެ ވްލޮގުން ފެނިފައިވެއެވެ. އެމީހުންގެ ދަރިފުޅު ރުހާން ވަނީ ބައްޕައަށް އިންޖެކްޝަން ޖަހާކަމަށް ހަދައިގެން ކުޅެފައެވެ. ޝޮއައިބް ވަނީ ދިޕިކާގެ ސިއްހަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި، އެމީހުންނަށް ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
Ads by BMLދިޕިކާގެ ކެންސަރުގެ ބަލި ހޯދުނީ މި އަހަރުގެ ކުރީކޮޅު ބަނޑުގައި ރިއްސައިގެން ހެދި މެޑިކަލް ޓެސްޓްތަކަކުންނެވެ. 2025 ވަނަ އަހަރުގެ މެއި މަހު ހެދި ސީޓީ ސްކޭނަކުން އޭނާގެ ލިވަރގެ ވާތް ފަރާތުގައި ޓެނިސް ބޯޅައެއްގެ ބޮޑުމިނުގެ ކެންސަރުގެ ބަލި ހުރިކަން ވަނީ ހާމަވެފައެވެ. މި ބައްޔަކީ ލިވަރ ކެންސަރުގެ ދެވަނަ ސްޓޭޖު ކަމަށާއި، ބައްޔަކީ އަވަހަށް ފެތުރޭ ބައްޔެއް ކަމަށް ވަނީ ބެލެވިފައެވެ.
ޖޫން މަހު އޭނާ ވަނީ އޮޕަރޭޝަން ކޮށްފައެވެ. އޮޕަރޭޝަނަށްފަހު ކެންސަރުގެ އަލާމާތެއް ނެތްކަމަށް ނިންމާފައިވީ ނަމަވެސް، އަލުން ކެންސަރު އައުމުގެ ފުރުސަތު ކުޑަކުރުމަށް ޓާގެޓެޑް އޯރަލް ތެރަޕީއެއް ކުރިއަށް ގެންދިއުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ. މި ފަރުވާގެ ސަބަބުންވެސް އަނގައިގައި ފާރުގަނޑު ހެދުމާއި، އިސްތަށި ފޭބުން ފަދަ ސައިޑް އިފެކްޓްތައް ކުރިމަތިވެއެވެ.
Ads by MACL
