ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ގިނަ އަންހެނުން އުމުރު ދެބައިވުމުން ދަރިން ހޯދަން އިޚްތިޔާރު ކުރަނީ ކީއްވެ؟

ބޮލީވުޑްގެ މަޝްހޫރު ތަރީ ކެތުރީނާ ކައިފް --
ބޮލީވުޑްގެ މަޝްހޫރު ތަރީ ކެތުރީނާ ކައިފް --

ކުރިން ދަރިން ހޯދުމަށް ގިނަ އަންހެނުން އިސްކަންދިނީ ޒަވާޖީ ޙަޔާތުގެ ކަމުގައި ވީ ނަމަވެސް، މިހާރު މި ވަނީ މިކަން ބަދަލުވެފައެވެ. އަންހެނުންގެ ތަޢުލީމީ ފެންވަރު މަތިވެ، ކެރިއަރަށް އިސްކަންދީ، މާލީ ގޮތުން މިނިވަންކަން ހޯދުމަށް ބޭނުންވުމަކީ ދަރިން ހޯދުން ފަސްކުރުމުގެ މައިގަނޑު ސަބަބުތަކެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް، 42 އަހަރުގައި، އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެއިނދެފައިވާ ކަމަށް އަޑުތައް ފެތުރިފައިވާއިރު، މިއީ އުމުރުން ދުވަސްވީ އަންހެނުން ބަލިވެއިނުމުގެ އާންމުވަމުން އަންނަ ޓްރެންޑެއްގެ މިސާލެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.  ކެޓްރީނާ އާއި އޭނާގެ ފިރިމީހާ ވިކީ ކައުޝަލް މިކަމާ ބެހޭގޮތުން ރަސްމީ އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، އަންނަ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހު އެމީހުންގެ އަލަތު ދަރިފުޅު ދުނިޔެއަށް އަންނާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ބަލިވެއިނުން ލަސްކުރުމުގެ ސަބަބުތައް

މިފަހަކަށް އައިސް އިންޑިއާގެ ޝަހަރުތަކުގެ އަންހެނުންގެ މެދުގައި ބަލިވެއިނުން ފަސްކުރުމުގެ ޓްރެންޑެއް ފެންނަމުންދެއެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތަޢުލީމާއި، ކެރިއަރަށް އިސްކަންދިނުމާއި، މާލީ މިނިވަންކަން ހޯދުން ހިމެނެއެވެ. މިސާލަކަށް، މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން ވެސް އޭނާގެ ފުރަތަމަ ދަރިފުޅަށް 38 އަހަރުގައި ބަލިވެއިނދެ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ގައި ދަރިފުޅު ލިބިފައިވެއެވެ.

ބަލިވެއިނުން ލަސްކުރުމުގެ ނުރައްކާތައް

އުމުރުން ދުވަސްވީ އަންހެނުން ބަލިވެއިނުން އިޖުތިމާޢީ ގޮތުން ބަލައިގަނެ، ޞިއްޙީ ކުރިއެރުންތަކުގެ ސަބަބުން މިކަން ފަސޭހަވެފައިވީ ނަމަވެސް، ޑޮކްޓަރުން ބުނާ ގޮތުގައި އުމުރުން ދުވަސްވުމުން ބައެއް ޞިއްޙީ ގޮންޖެހުންތައް ކުރިމަތިވެއެވެ. އުމުރުން ދުވަސްވުމުން ބަލިވެއިނުމުގެ ފުރުސަތު ވެސް ކުޑަވެ، އަދި ވިހެއުމުގައި މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވެއެވެ.

އޭޝިއަން ހޮސްޕިޓަލްގެ ސީނިއަރ ކޮންސަލްޓަންޓް-އޮބްސްޓެޓްރިކްސް-ގައިނެކޮލޮޖީ އެންޑް ރޮބޮޓިކް ސަރޖަރީގެ ޑރ. އުޝާ ޕްރިޔަމްބަދާ ވިދާޅުވީ، "މިއަދު އަންހެނުންނަކީ އާއިލާ ރޭވުމާ ބެހޭގޮތުން ނިންމުންތައް ނިންމުމުގައި އިތުރަށް މައުލޫމާތު ލިބިފައިވާ އަދި މިނިވަން ބައެއްކަމަށެވެ. 30 ގެ އަހަރުތަކުގެ މެދާއި 40 ގެ އަހަރުތަކުގައި ދަރިން ހޯދުން ފަސްކުރުމަކީ މިހާރު އާދަޔާ ޚިލާފު ކަމެއް ނޫނެވެ. އެހެންނަމަވެސް، ޞިއްޙީ ގޮތުން ދިމާވެދާނެ ކަންކަން ދެނެގަނެ، އަންހެނުންނަށް ރަނގަޅު އިރުޝާދާއި އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރުން މުހިންމު ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ޞިއްޙީ ރޭވުމާއި މެޑިކަލް އިރުޝާދު

ޑޮކްޓަރުން ބުނާ ގޮތުގައި އުމުރުން ދުވަސްވީ އަންހެނުން ބަލިވެއިނުމަށް ރާވާއިރު، ޞިއްޙީ ރައްކާތެރިކަމަށް އިސްކަންދިނުން މުހިންމެވެ. މާބަނޑުވުމުގެ ކުރިން ބަލާބެލުންތަކާއި، ލައިފްސްޓައިލް ބަދަލުކުރުން ފަދަ ކަންކަމަކީ މަންމަ އާއި ދަރިފުޅުގެ ޞިއްޙަތަށްޓަކައި ވަރަށް މުހިންމު ކަންކަމެވެ.

ނަރޗަރގެ ގައިނެކޮލޮޖިސްޓް އަދި އައިވީއެފް އެކްސްޕާޓް ޑރ. އަރްޗަނާ ދަވަން ބާޖާ ވިދާޅުވީ، "ރަނގަޅު މެޑިކަލް ކެއަރ އަކާއެކު، 30 ގެ އަހަރުތަކުގެ ފަހުކޮޅާއި 40 ގެ އަހަރުތަކުގައި ގިނަ އަންހެނުންނަށް ދުޅަހެޔޮ ދަރިން ލިބެއެވެ. މުހިންމީ ރަނގަޅަށް ރާވައި، ދިމާވެދާނެ ގޮންޖެހުންތަކަށް ހޭލުންތެރިވެ، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާ ގާތުން މަސައްކަތް ކުރުމެވެ. އައިވީއެފް އަދި އެގް ފްރީޒިންގ ފަދަ އެޑްވާންސްޑް ރީޕްރޮޑަކްޓިވް ޓެކްނޮލޮޖީތަކުގެ ސަބަބުން ވެސް އަންހެނުންނަށް އާއިލާ ރޭވުމުގައި އިތުރު މިނިވަންކަމެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

ނުރައްކާތައް ހުރި ނަމަވެސް، ޑޮކްޓަރުން ބުނާ ގޮތުގައި އުމުރުން ދުވަސްވީ އަންހެނުން މައިންނަށް ވުމުގެ ހެޔޮ ފައިދާތަކެއް ވެސް އެބަހުއްޓެވެ. މިފަދަ އަންހެނުންނަކީ މާލީ ގޮތުން ސާބިތުކަން ބޮޑު، ނަފްސާނީ ގޮތުން ތައްޔާރުވެފައިވާ، އަދި ދަރިން ބޮޑުކުރުމަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް ތައްޔާރުވެފައިވާ ބައެކެވެ.

ކެޓްރީނާ ކައިފް އޭނާގެ ފުރަތަމަ ދަރިފުޅަށް އިންތިޒާރު ކުރަމުންދާއިރު، އޭނާގެ މި ދަތުރުން ދައްކުވައިދެނީ އުމުރުން ދުވަސްވީ އަންހެނުން މައިންނަށް ވުމަކީ ބަލައިގަނެވޭ އަދި ފާހަގަކުރެވޭ ކަމެއްގެ ގޮތުގައި ބަދަލުވަމުން އަންނަ މުޖުތަމަޢީ ބަދަލެކެވެ.

ރަނގަޅު ޞިއްޙީ އެހީތެރިކަމާއި ލައިފްސްޓައިލް ބެލެހެއްޓުމާއެކު، މިއަދު އަންހެނުން ދައްކުވައިދެނީ 30 ގެ އަހަރުތަކުގެ ފަހުކޮޅާއި 40 ގެ އަހަރުތަކުގައި މައިންނަށް ވުމަކީ ހިތްހަމަޖެހުން ލިބޭ އަދި ރައްކާތެރި ކަމެއް ކަމެވެ.

ލައިފްސްޓައިލް

އިތުރަށް ←