އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒުބީން ގާގް ސިންގަޕޫރުގައި ސްކޫބާ ޑައިވިންގް ހާދިސާއެއްގައި މަރުވެއްޖެ
އިންޑިއާގެ އަސާމްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒުބީން ގާގް، ސިންގަޕޫރުގައި ހިނގި ހިތާމަވެރި ސްކޫބާ ޑައިވިންގް ހާދިސާއެއްގައި މަރުވެއްޖެއެވެ. އޭނާ މަރުވީ ސެޕްޓެމްބަރު 19، 2025 ވީ ބުރާސްފަތި ދުވަހުއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ގާގް ކަނޑުން ސަލާމަތްކޮށްފައިވަނީ ސިންގަޕޫރު ފުލުހުންނެވެ. އޭނާ ވަގުތުން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސް، އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ) ގައި ފަރުވާ ދެމުން ދަނިކޮށް، މަރުވީއެވެ.
ޒުބީން ގާގް ސިންގަޕޫރަށް ދަތުރުކޮށްފައިވަނީ ނޯތު އީސްޓް ފެސްޓިވަލްގައި ޕާފޯމް ކުރުމަށެވެ. މި ހާދިސާ ހިނގި ދުވަހު އޭނާ ވަނީ ފެސްޓިވަލްގައި ޕާފޯމް ކުރުމަށް ތާވަލުކުރެވިފައެވެ. މި ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ. ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
Ads by BMLގާގް އަކީ އަސާމްގެ އެންމެ މަޝްހޫރު މިއުޒިޝަނުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އޭނާ ވަނީ އިންޑިއާގެ އެކި ބަސްބަހުންނާއި ދުނިޔޭގެ އެކި ބަސްބަހުން ލަވަކިޔާފައެވެ. ބޮލީވުޑްގައި އޭނާ އެންމެ މަޝްހޫރުވެފައިވަނީ 'ގޭންގްސްޓަރ' ފިލްމުގެ 'ޔާ އަލީ' ލަވައާ އެކުއެވެ. އޭނާގެ މަރާ ގުޅިގެން ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
އަސާމްގެ ސަގާފީ ދާއިރާއަށް ގާގް ކޮށްދެއްވި ޚިދުމަތްތަކަށް އަސާމްގެ މުހިންމު ޝަޚްސިއްޔަތުން ދަނީ ތައުރީފު ކުރަމުންނެވެ. އޭނާގެ އަޑާއި މިއުޒިކް ވަނީ އެތައް ޖީލަކަށް ހިތްވަރު ދީފައެވެ. އަސާމްގެ މުހިންމު ޝަޚްސިއްޔަތެއް ކަމަށްވާ ރިޕުން ބޯރާ އާއި އަސާމްގެ ޗީފް މިނިސްޓަރ ހިމަންތާ ބިސްވާ ސަރްމާ ވެސް ވަނީ ގާގްގެ ވަކިވެ ދިއުމާ ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ.
ޒުބީން ގާގް އަކީ ތިން އަހަރުގައި ލަވަކިޔަން ފެށި ފަންނާނެކެވެ. އޭނާ ވަނީ މިއުޒިކްދާއިރާގެ 12 އާލާތެއް ކުޅެފައެވެ. އޭނާ އަކީ އަސާމްގެ އެންމެ މަތީ އަގުބޮޑު އަދި އެންމެ ބޮޑު އާމްދީއެއް ލިބޭ ލަވަކިޔުންތެރިޔާ ކަމަށް ވެސް ވެއެވެ. 2011 ވަނަ އަހަރު އޭނާއަށް ވަނީ ޗިކާގޯގައި ބޭއްވި އަސާމް ކޮންވެންޝަންގައި 'ގެސްޓް އާޓިސްޓް އޮފް ދަ ޔިއަރ' އެވޯޑް ލިބިފައެވެ.
Ads by MACL
