ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

މަލަޔާޅަމްގެ މަޝްހޫރު ފިލްމީ ތަރި މޯހަންލާލަށް ދާދާސާހެބް ފަލްކޭ އެވޯޑް 2023 ލިބިއްޖެ

މަލަޔާޅަމްގެ މަޝްހޫރު ފިލްމީ ތަރި މޯހަންލާލް --
މަލަޔާޅަމްގެ މަޝްހޫރު ފިލްމީ ތަރި މޯހަންލާލް --

މަލަޔާޅަމްގެ މަޝްހޫރު ފިލްމީ ތަރި މޯހަންލާލަށް، އިންޑިއާގެ ސިނަމާއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ދާދާސާހެބް ފަލްކޭ އެވޯޑް 2023 ލިބިއްޖެއެވެ. މި ޝަރަފުވެރި އެވޯޑް އެރުވުން އޮންނާނީ 71 ވަނަ ނޭޝަނަލް ފިލްމް އެވޯޑްސް ރަސްމިއްޔާތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އިން އެކްސް މެދުވެރިކޮށް މި ޚަބަރު ހާމަކުރައްވާފައިވާ އިރު، މޯހަންލާލްގެ ފިލްމީ ދިގު ދަތުރުފުޅަކީ އެތައް ޖީލުތަކަކަށް ހިތްވަރުދޭ ދަތުރުފުޅެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ. އޭނާގެ ހުނަރުވެރިކަމާއި، ތަފާތު ރޯލުތައް ކުޅުމުގެ ގާބިލްކަމާއި، ނުގުޑާފަދަ މަސައްކަތްތެރިކަމަކީ އިންޑިއާގެ ފިލްމީ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ޚަބަރު ޢާންމުވުމާއެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މޯހަންލާލަށް މަރުޙަބާ ވިދާޅުވެފައެވެ. ބޮޑުވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މޯހަންލާލަކީ މޮޅުކަމާއި ތަފާތުކަމުގެ ރަމްޒެއް ކަމަށާއި، އެތައް އަހަރެއްގެ ތެރޭގައި އޭނާ ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ މަލަޔާޅަމް ސިނަމާ އާއި ތިއޭޓަރގެ އެންމެ ކުރީގައި ހުންނެވި ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން، ތެލުގޫ، ތަމަޅަ، ކަންނަޑާ އަދި ހިންދީ ފިލްމުތަކުންވެސް އޭނާ ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މޯހަންލާލަކީ 40 އަހަރަށްވުރެ ދިގު ފިލްމީ ކެރިއަރެއްގައި 340 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާ، އިންޑިއާގެ އެންމެ ގިނަ ބަޔަކު ލޯބިވާ އެއް ތަރިއެވެ.

އިންޑިއާގެ ސިނަމާގެ ތާރީޚުގައި އުޅުނު އެންމެ މޮޅު އެއް ތަރިގެ ގޮތުގައި ބެލެވޭ މޯހަންލާލަށް، މިހާތަނަށް ފަސް ނޭޝަނަލް ފިލްމް އެވޯޑް ލިބިފައިވެއެވެ. އޭގެ ތެރޭގައި ދެ ބެސްޓް އެކްޓަރ އެވޯޑާއި، ސްޕެޝަލް ޖޫރީ މެންޝަން އެވޯޑަކާއި، އެކްޓިންގ އަށް ސްޕެޝަލް ޖޫރީ އެވޯޑަކާއި، ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ބެސްޓް ފީޗަރ ފިލްމް އެވޯޑެއް ހިމެނެއެވެ.

 



ލައިފްސްޓައިލް

އިތުރަށް ←