ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އެއް ދުވަހެއްގައި އެންމެ ގިނަ ހައުސްފުލް ޝޯ އެޅުވި ފިލްމުގެ ރެކޯޑް "ކަނބުލޮ" އަށް!

ދިވެހި ފިލް "ކަނބުލޮ" މިހާތަނަށް ދަނީ ގިނަ ރެކޯޑްތަކެއް ހަދަމުން ---
ދިވެހި ފިލް "ކަނބުލޮ" މިހާތަނަށް ދަނީ ގިނަ ރެކޯޑްތަކެއް ހަދަމުން ---

ދިވެހި ފިލްމު "ކަނބުލޮ" އަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު، މާލޭ އޮލިމްޕަސް ސިނަމާގައި އެއް ދުވަހެއްގައި އެންމެ ގިނަ ހައުސްފުލް ޝޯ އެޅުވި ފިލްމުގެ ލަގަބު "ކަނބުލޮ" އިން ހޯދައިފިއެވެ. މިދިޔަ ހުކުރު ދުވަހު މެންދުރުފަހުގެ ޝޯއާއި ރޭގަނޑު ދެ ޝޯ ހައުސްފުލް ވެފައިވާއިރު، މި ރިކޯޑް މިފަހަރުވެސް ދަމަހައްޓާފައިވަނީ "ކަނބުލޮ" އުފެއްދި ޓީމުންނެވެ. އެންމެ ފަހުން ސިނަމާގައި ދުވާލަކު ތިން ޝޯ ހައުސްފުލްކޮށް ދައްކާފައިވަނީވެސް މި ޓީމުން މިދިޔަ އަހަރު ނެރުނު ފިލްމު "ކަމަނާ" ގައެވެ.

އޯގަސްޓު 31 ގައި ޕްރިމިއާ ކުރި ފިލްމު "ކަނބުލޮ" އަކީ ހަމައެކަނި ފިލްމެއްގެ ގޮތުގައި ނިންމާލެވޭ ވަރަށްވުރެ އަސަރުގަދަ، އިބްރަތްތެރި މެސެޖެއް ބެލުންތެރިންނަށް ފޯރުކޮށްދިން ފިލްމެކެވެ. އިނގިރޭސި ސަބްޓައިޓަލްއާއެކު ދައްކަމުންދާ މިފިލްމުގެ އިންޓަވަލް ކުރިން އެކި ރަހަތައް ފެނިގެންދިޔައިރު، އިންޓަވަލް ފަހުން ބެލުންތެރިންގެ ހިތްތައް ދަމައިގަނެ، ލޮލުން ކަރުނަ އޮހޮރުވާލާފައިވެއެވެ. ނަމަވެސް ފިލްމު ނިންމާލީ މައިތިރިވެފައި ތިބި ބެލުންތެރިން އުފަލުން ހެއްވާލަމުންނެވެ. ބޭއިޚްތިޔާރުގައި ބެލުންތެރިންނަށް އަތްތިލަބަޑި ޖަހާލެވުނު މިފިލްމުން ދިވެހި މުޖުތަމަޢަށް ހެޔޮ މެސެޖެއް ދީފައިވެއެވެ. ފިރިހެނުންނާއި އަންހެނުންނަށް ދޫކޮށްލި މެސެޖުން ކޮންމެ "ކަނބުލޮ" އަކަށް ހިމާޔަތްދީ ރައްކާތެރިކުރުމަށް ހަނދާންކޮށްދިން ކަމަށް ބެލުންތެރިން ބުނެއެވެ.

މިހާރުވެސް އޮލިމްޕަހުގައި ރޭގަނޑާއި ދަންވަރު ހައުސްފުލް ޝޯތަކެއް ދައްކަމުންދާ "ކަނބުލޮ" ފިލްމު ޕްރިމިއާ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޝޯތައް ދައްކަމުންދެއެވެ.

މުޖުތަމަޢުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައިވާ މިންވަރާއި، އެކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވާނެ މެސެޖުތަކާއި، އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ހިމަނާފައިވާ މިފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ، އަދި މި މުޖުތަމަޢަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއްކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ. މީގެ އިތުރުން، ފިލްމުގެ ތަރިންގެ މޮޅު ހުނަރާއި، ޕްރޮޑަކްޝަން ޓީމުގެ ބުރަ އަދި ރަނގަޅު މަސައްކަތެއް ފެނިގެންދާ ފިލްމެއް ކަމަށް ފިލްމީ ދާއިރާގެ އެންމެ ފުންނާބު އުސް ފަރާތްތަކުންވެސް ފާހަގަކޮށްފައިވެއެވެ.

މިއަހަރު މިހާތަނަށް އެޅުވޭ އެންމެ މަޤުބޫލު ފިލްމެއްގެ ގޮތުގައި ގިނަ ބެލުންތެރިން ސިފަކުރަމުންދާއިރު، މި ފިލްމު ބެލުމަށްފަހު ބެލުންތެރިންގެ ތަޢުރީފުތަކުން ވަނީ މީސްމީޑިއާގެ އެކި މަންސަތައް ފުރާލާފައެވެ.

"ކަނބުލޮ" ފިލްމަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކޮށް، ސެޓާން ސްޓޫޑިއޯއާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މިފިލްމުގެ މައިގަނޑު ތަރިންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާއެވެ.

މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު ޑައިރެކްޓަރު ހުސެއިން މުނައްވަރެވެ. މިއީ މަހުދީގެ ސްކްރީންޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. އަދި "ކަނބުލޮ" ފިލްމުގެ ޕްރޮޑިއުސަރަކީ ކާމިޔާބު ފިލްމު "ކަމަނަ" ގެ ޕްރޮޑިއުސަރު އަދި ސެޓާން ސްޓޫޑިއޯގެ ވެރިޔާ އަލީ ޝާނިޒް މުހައްމަދުއެވެ.

ލައިފްސްޓައިލް

އިތުރަށް ←