ދިގު މުއްދަތަކަށް ކިރުދިނުމަކީ މައިންގެ ހިތުގެ ސިއްހަތަށް ފައިދާހުރި ކަމެއް: ދިރާސާ
ދިގު މުއްދަތަކަށް ކިރުދިނުމަކީ މައިންގެ ހިތުގެ ސިއްހަތު ރައްކާތެރިކޮށްދޭ ކަމެއްކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. މިކަމުގެ ސަބަބުން 70 އަހަރުވުމުގެ ކުރިން ކޮރޯނަރީ އާޓަރީ ބަލި (CAD) އާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
ކޯޕަންހޭގަން ޕެރިނޭޓަލް ކޯހޯޓްގެ ދިރާސާވެރިން 1959 އާއި 1961 އާ ދެމެދު ކުދިން ލިބުނު 6,857 މައިންގެ މައުލޫމާތު ދިރާސާކޮށްފައިވެއެވެ. މި މައިންނަށް 60 އަހަރަށްވުރެ ދިގު މުއްދަތަކަށް ފޮލޯކޮށްފައިވާއިރު، ކިރުދިން މުއްދަތު ރެކޯޑްކޮށްފައިވަނީ ކުދިންގެ އެއް އަހަރުގެ ޗެކަޕްގައެވެ.
ދިރާސާއިން ހާމަވި ގޮތުގައި، ހަތަރު މަސްދުވަހަށްވުރެ ގިނަ ދުވަހު ކިރުދިން މައިންނަށް ކޮރޯނަރީ އާޓަރީ ބަލި ޖެހުމުގެ ފުރުސަތު 41 އިންސައްތަ ކުޑައެވެ. އަދި ދެ ހަފްތާއަށްވުރެ ކުޑަ މުއްދަތަކަށް ކިރުދިން މައިންނާ އަޅާބަލާއިރު، މި މައިންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 34 އިންސައްތަ ކުޑައެވެ. މި ހޯދުންތަކުން ދައްކަނީ ދިގު މުއްދަތަކަށް ކިރުދިނުމަކީ މައިންގެ ހިތާއި ސިކުނޑީގެ ސިއްހަތަށް ފައިދާހުރި ކަމެއް ކަމަށެވެ.
Ads by BMLކިރުދިނުމުގެ ސަބަބުން މައިންގެ ހިތުގެ ސިއްހަތަށް ފައިދާކުރާ ސަބަބުތަކުގެ ތެރޭގައި މެޓަބޮލިކް މަސައްކަތްތައް ރަނގަޅުކޮށް، ލޭގެ ޕްރެޝަރާއި ގުލޫކޯޒް ބޭނުންކުރުމާއި ކޮލެސްޓްރޯލް ހަމަހަމަކުރުން ހިމެނެއެވެ. މީގެ އިތުރުން، ހޯމޯންތަކަށް އަސަރުކޮށް ސްޓްރެސް ކުޑަކޮށްދިނުމާއި ދިގު މުއްދަތަށް ހަށިގަނޑުގެ ހާލަތު ރަނގަޅުކޮށްދެއެވެ.
މި ދިރާސާއިން އިތުރަށް ހާމަވާ ގޮތުގައި، މި ފައިދާތައް އެންމެ ބޮޑަށް ފެނިފައިވަނީ 70 އަހަރުވުމުގެ ކުރިންނެވެ. 70 އަހަރުވުމަށްފަހު ކިރުދިނުމާއި ހިތުގެ ބަލިތަކާ ދެމެދު ގުޅުމެއް ފާހަގަކުރެވިފައެއް ނުވެއެވެ. މިއީ ދިގު މުއްދަތަކަށް ކިރުދިނުމުގެ ފައިދާ މެދު އުމުރުގައި މާ ބޮޑަށް ފެންނަ ކަމެއްކަން ދައްކުވައިދޭ ކަމެކެވެ.
މި ދިރާސާއަކީ ކިރުދިނުމަކީ ކުދިންނާއި މައިން ދެފަރާތަށްވެސް ފައިދާހުރި ކަމެއްކަން ދައްކުވައިދޭ އިތުރު ހެއްކެކެވެ. ކިރުދިނުމަށް އެކި ގޮންޖެހުންތައް ހުރެދާނެ ނަމަވެސް، މި ހޯދުންތަކުން ދައްކަނީ ކިރުދިނުމަށް ބާރުއަޅައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމެވެ.
އިސްލާމްދީނުގައި ކިރުދިނުމަކީ ކުޑަކުދިންނަށް ލިބިފައިވާ އަސާސީ ހައްގެކެވެ. އަދި މިއީ މަންމައާއި ދަރިމެދުގައިވާ ލޯބީގެ ގުޅުން ބަދަހިކޮށްދޭ ކަމެއްގެ ގޮތުގައި ޤުރުއާނުގައި ބަޔާންކުރެވިފައިވެއެވެ.
ޤުރުއާނުގެ އާޔަތްތަކާއި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތުން ދައްކާ ގޮތުގައި، މައިން ދެ އަހަރު ދުވަހުގެ މުއްދަތަށް ކުދިންނަށް ކިރުދިނުމަށް ބާރުއަޅައެވެ.
މިކަމަކީ ކުޑަކުދިންގެ ހަށިގަނޑަށް ބޭނުންވާ ކާނާ ލިބިދިނުމުގެ އިތުރުން، އެކުދިންގެ ސިއްހަތާއި ރައްކާތެރިކަމަށް ވަރަށް މުހިންމު ކަމެކެވެ. ކިރުދިނުމުގެ ސަބަބުން ލޭގެ ގުޅުން އުފެދޭ ފަދައިން، ކިރުގެ ގުޅުންވެސް އުފެދި، އެ ގުޅުމުގެ ސަބަބުން ކައިވެނި ކުރުން ހަރާމްވާ ފަދަ ޝަރުޢީ ހުކުމްތައްވެސް އިސްލާމްދީނުގައި ވެއެވެ.
Ads by MACL
