ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ދީޕިކާ ޕަޑުކޯން: އެންމެ މަގުބޫލު ތަރިންގެ ތެރެއިން ހަތަރުވަނަ މަގާމު ހޯދައިފި

ދީޕިކާ ޕަޑުކޯން: އައިއެމްޑީބީގެ އެންމެ ކުރީގައި، ދަތި މަގުތައް ހޮވުމަށް ބިރުނުގަނޭ --
ދީޕިކާ ޕަޑުކޯން: އައިއެމްޑީބީގެ އެންމެ ކުރީގައި، ދަތި މަގުތައް ހޮވުމަށް ބިރުނުގަނޭ --

ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން، އައިއެމްޑީބީގެ "25 ޔިއަރސް އޮފް އިންޑިއަން ސިނަމާ (2000–2025)" ރިޕޯޓުގައި އެންމެ މަގުބޫލު ތަރިންގެ ތެރެއިން ހަތަރުވަނަ މަގާމު ހޯދައިފިއެވެ.

މި ރިޕޯޓުގައި 2000 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރިލީޒްކުރެވުނު ފިލްމުތަކުގެ ތެރެއިން އެންމެ މަގުބޫލު ފިލްމުތަކާއި ތަރިން ދިރާސާކޮށްފައިވެއެވެ.

ދީޕިކާ ވަނީ 130 ފިލްމުގެ ތެރެއިން 10 ފިލްމުގައި ހަރަކާތްތެރިވެފައެވެ. މިއާއެކު އޭނާ ވަނީ އަމީތާބް ބައްޗަން، ރަންބީރު ކަޕޫރު، ސަލްމާން ޚާން، އައިޝްވަރިޔާ ރާއީ، ކަރީނާ ކަޕޫރު، ޕްރިޔަންކާ ޗޯޕްޅާ، އަޖޭ ދޭވްގަން، ޕްރަބާސް އަދި އާލިއާ ބަޓް ފަދަ ތަރިންނަށްވުރެ ކުރި ހޯދާފައެވެ. ޝާހްރުކް ޚާން 20 ފިލްމާއެކު އެންމެ ކުރީގައި އުޅޭއިރު، އާމިރު ޚާން އަދި ރިތިކް ރޯޝަން ވަނީ 11 ފިލްމާއެކު ދެވަނަ މަގާމު ހޯދާފައެވެ.

މި ކާމިޔާބީއާ ގުޅިގެން ދީޕިކާ ވަނީ އޭނާގެ ބޮލީވުޑް ދަތުރުގެ މައްޗަށް އަލިއަޅުވާލާފައެވެ. އަދި އޭނާގެ ފަހުގެ ފިލްމުތަކުން، ޚާއްސަކޮށް ސްޕިރިޓް އަދި ކަލްކީ 2898 އޭޑީ ގެ ސީކުއެލްއިން ވަކިވުމާ ގުޅޭގޮތުން އުފެދުނު ހިޔާލުތަކަށް އިޝާރާތްކޮށް ވާހަކަ ދައްކާފައެވެ.
އޭނާ ބުނީ، "އަހަރެންގެ ދަތުރު ފެށިއިރު، ކާމިޔާބުވުމަށް އަންހެނަކު އޭނާގެ ކެރިއަރު ކުރިއަށް ގެންދަންޖެހޭ ގޮތް ގިނަ ފަހަރު ކިޔައިދީފައިވޭ. ނަމަވެސް، ފެށުނީއްސުރެ އަހަރެން ބިރުގަންނަ ކަމަކަށް ނުވޭ ސުވާލުކުރުމާއި، ދަތި މަގުތައް ހޮވުމާއި، އަދި އަހަރެމެން އެންމެން ފިޓްވާން ޖެހޭނެ ކަމަށް ބުނާ މޯލްޑް ބަދަލުކުރުމަށްޓަކައި ސްޓޭޓަސް ކުއޯއަށް ގޮންޖެހުން." އޭނާ އިތުރަށް ބުނީ، އޭނާގެ އާއިލާ، ފޭނުން އަދި އެކުވެރިން އޭނާއަށް ކުރާ އިތުބާރުގެ ސަބަބުން އޭނާއަށް މިފަދަ ނިންމުންތައް ނިންމުމުގެ ބާރު ލިބިފައިވާ ކަމަށާއި، މިއީ އޭނާގެ ފަހުން އަންނަ ފަރާތްތަކަށްވެސް މަގުފަހިކޮށްދޭނެ ކަމަށެވެ. އައިއެމްޑީބީގެ ރިޕޯޓުން އޭނާގެ ހަގީގަތްތެރިކަމާއި، ކެތްތެރިކަމާއި، އަދި އަމިއްލަ އަސާސީ ގަބޫލުކުރުންތަކަށް ތެދުވެރިވުމުން ބަދަލުތައް ގެނެވޭނެކަން އިތުރަށް ކަށަވަރުކޮށްދޭ ކަމަށްވެސް ދީޕިކާ ބުންޏެވެ.
ދީޕިކާގެ މި ބަޔާން އައީ އޭނާ ބޮޑެތި ޕްރޮޖެކްޓްތަކުން ވަކިވުމާ ގުޅޭގޮތުން ގިނަ ދުވަސްތަކެއް ވަންދެން ހިޔާލުފާޅުކުރެވުނު ފަހުންނެވެ. މި މަހުގެ ކުރީކޮޅު ވައިޖަޔަންތީ މޫވީސް އިން ރަސްމީކޮށް އިއުލާންކުރީ ދީޕިކާ ކަލްކީ 2 ގެ ބައެއް ނުވާނެ ކަމަށެވެ. މީގެ ކުރިން އޭނާ ސަންދީޕް ރެޑީ ވެންގާގެ ސްޕިރިޓް އިންވެސް ވަކިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ރިޕޯޓުތަކުގައި ބުނެފައިވަނީ ދީޕިކާ ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމަށާއި، ފައިދާގެ ބައެއް ހިއްސާކުރުމަށާއި، އަދި ތެލުގޫ ބަހުން ޑައިލޮގް ނުދެއްކުމަށް އެދުނު ކަމަށެވެ. މި ޝަރުތުތައް ފިލްމު އުފައްދާ ފަރާތްތަކަށް ގަބޫލުނުކުރެވުނު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މަސައްކަތުގެ ގޮތުން ދީޕިކާ ވަނީ ފަހުން ޝާހްރުކް ޚާނާއެކު ކިންގް ނަމަކަށް ކިޔާ ފިލްމެއްގައި ހަރަކާތްތެރިވާނެކަން އިއުލާންކޮށްފައެވެ. މި ފިލްމުގައި ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ވެސް ހަރަކާތްތެރިވާނެއެވެ.

ލައިފްސްޓައިލް

އިތުރަށް ←