ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ތަޖިކިސްތާނާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް ގައުމީ ޓީމު ފުރައިފި

ތަޖިކިސްތާނާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް ގައުމީ ޓީމު ފުރައިފި
އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ފުރައިފި އެވެ. މި މުހިންމު މެޗުތަކަށް ފުރުމުގެ ކުރިން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވައި، ސަރުކާރުގެ ފަރާތުން ފުޓްބޯޅައަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފަ އެވެ.
އިއްޔެ ސިޓްރޮން ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމަށެވެ. އެ މަނިކުފާނު ވަނީ ކުޅުންތެރިންނަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވައި، ކުރިއަށް ދިޔުމަށް ހިތްވަރު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި މެޗަށް ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނެ ކަމަށާއި، ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔަތް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް، ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު، އަދި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ގެ އިތުރުން ގައުމީ ޓީމުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު ވަނީ ފެންވަރު ރަނގަޅު ދަނޑެއް އެޅެންދެން ގަލޮޅު ދަނޑުގެ ކަންކަން ވެސް އެންމެ ރަނގަޅަށް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން، މިދިޔަ މަހު ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ގައުމީ ޓީމުން ކާމިޔާބު ކުރުމުން އެކަމަށް ވެސް ރައީސް މަރުހަބާ ދެންނެވި އެވެ. މިއީ ހަތް އަހަރަށް ފަހު ރާއްޖޭން ހޯދި ފުރަތަމަ ތައްޓެވެ.

ކުޅިވަރު

އިތުރަށް ←