ނިއުރޭޑިއެންޓާއި ވިކްޓަރީގެ ކުރިމަތިލުން، އެތައް ގޮތަކުން ހާއްސަ މެޗެއް!
މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، އޮކްޓޯބަރު 21 ވަނަ ދުވަހު ފެނިގެންދާނެ އެންމެ އުފާވެރި މަންޒަރަކީ ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑު ދެ ވާދަވެރިން ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކުރިމަތިލުމެވެ. މިއީ އެތައް ގޮތަކުން ޚާއްޞަ މެޗަކަށް ވެގެންދާނެއެވެ.
ދިވެހި ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭ މި ވާދަވެރިކަން އަލުން އާލާކުރުމުގެ ގޮތުން، ދެ ކްލަބުން ވެސް ނިންމާފައިވަނީ ތާރީޚީ ޖާޒީތަކުގައި މި މެޗު ކުޅުމަށެވެ. މިއީ ދެ ކްލަބުގެ މުއްސަނދި ތާރީޚާއި ދިވެހި ފުޓްބޯޅަ މަޝްރަޙު ބައްޓަންކޮށްފައިވާ އިހުގެ ވާދަވެރި މުބާރާތްތަކަށް ޝަރަފު އަދާކުރުމުގެ ގޮތުން ކުރާ ކަމެކެވެ.
ނިއު ރޭޑިއަންޓުން މި މެޗަށް ނިކުންނާނީ ނޫކުލައާއި ހުދުކުލައިގެ ރޮނގު ޖެހި ޖާޒީއެއްގައެވެ. މިއީ 1982 ވަނަ އަހަރު އެ ކްލަބުން ފުރަތަމަ ފަހަރަށް ގައުމީ ކަޕް ކާމިޔާބު ކުރިއިރު ލައިގެން ތިބި ޖާޒީގެ ޑިޒައިނެވެ. އެ އަހަރު ނިއު ރޭޑިއަންޓުން ވަނީ ފައިނަލްގައި ވިކްޓަރީއާ 2-1 އިން މެޗު ކާމިޔާބުކޮށް، ކްލަބުގެ ތާރީޚުގައި އެންމެ ފަހުރުވެރި އެއް ވަގުތު ހޯދާފައެވެ. ނިއު ރޭޑިއަންޓުގެ ޗެއާމަން އަހްމަދު މުބީން ވިދާޅުވީ "1982 ގެ ކަޕަކީ އަޅުގަނޑުމެންގެ ތާރީޚުގައި އެންމެ ހާއްސަ އެއް ކާމިޔާބީ. އަޅުގަނޑުމެން މި ޖާޒީ ލަނީ ނިއު ރޭޑިއަންޓަށް އެ މަޖުދު ހޯދައިދިން ކުޅުންތެރިންނަށް ޝަރަފު އަދާކޮށް އެ ބޭފުޅުން ހަނދާން ކުރުމަށް" ކަމަށެވެ.
Ads by BMLނިއު ރޭޑިއަންޓުން އެ އަހަރު ކަޕް ނެގި ނަމަވެސް، ވިކްޓަރީން ވަނީ ޖެހިގެން އައި ތިން އަހަރު ވެސް މުބާރާތް ކާމިޔާބުކޮށްފައެވެ. ވިކްޓަރީގެ 1985 ގެ ކާމިޔާބީއަކީ އެ ކްލަބުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެއް ވަގުތެވެ. މި ކާމިޔާބީގެ 40 ވަނަ އަހަރީ ފާހަގަކުރުމަށް ޓަކައި ވިކްޓަރީއިން ނިއު ރޭޑިއަންޓް މެޗަށް ނިކުންނާނީ 1985 ފައިނަލްގައި ލައިގެން ތިބި ރަތް ޖާޒީގެ އަލަށް ޑިޒައިން ކުރެވިފައިވާ ޖާޒީއެއްގައެވެ.
މިހާރުގެ ލީގު ތާވަލަށް ބަލާއިރު، ނިއު ރޭޑިއަންޓް އޮތީ ތިން މެޗުން ތިން ކާމިޔާބީ ހޯދައި 9 ޕޮއިންޓާއެކު ތިންވަނައިގައެވެ. އަދި ވިކްޓަރީ އޮތީ އެއް މެޗު ކާމިޔާބުކޮށް 3 ޕޮއިންޓާއެކު ހަތްވަނައިގައެވެ. މި މެޗަކީ ދެ ކްލަބަށް ވެސް މުހިންމު މެޗަކަށް ވާއިރު، ތާރީޚީ ޖާޒީތަކުގައި މި މެޗު ކުޅުމުން ދެ ކްލަބުގެ ސަޕޯޓަރުންނަށް އިތުރު ފޯރިއެއް ލިބިގެންދާނެކަން ޔަގީމެވެ.
Ads by MACL
