"ދިވެހީންގެ ހޭންޑްބޯލް ކަޕް" މެލޭޝިޔާގައި ކާމިޔާބު ކަމާއިއެކު ނިންމާލައިފި
މެލޭޝިޔާގެ ދިރިއުޅޭ ދިވެހީންނަށް ހާއްސަކޮށްގެން ބޭއްވި ދިވެހީންގެ ހޭންޑްބޯޅަ ކަޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މި މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މި މުބާރާތުގައި 100 އެއްހާ ދިވެހީން ވަނީ ކުޅެފައެވެ.
މި މުބާރާތުގެ އިސް އޮފިޝަލް މުހައްމަދު ޔަޝްމު ޖީލަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިއީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޯށްގެން ބޭއްވި މުބާރާތެއް ކަމަށެވެ. މިމުބާރާތުގެ އެންމެ ބޮޑު އެއް މަގުސަދަކަށް ވެގެން ދިޔައީ ބޭރުގައުމެއްގައި ދިވެހީން އެއްތަނަކުން ބައްދަލުވެ އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލައި ހޭންޑް ބޯޅައަށް އިތުރު ޝައުގުވެރިކަން ޖެއްސުން ކަމަށެވެ.
Ads by BMLމި މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި މިއީ މިހާތަނަށް މެލޭޝިއާގައި ދިވެހީން ކުރިއަށް ދިޔަ އެންމެ ބޮޑު އެއް ހަރަކާތަށް ވާނެކަމަށެވެ. އެކަން މުބާރާތުގެ ތެރެއިންވެސް ފާހަގަ ވެގެން ދިޔަކަމަށް ޔަޝްމު ވިދާޅުވިއެވެ.
މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަކީ އިމިއުނިޓީ އެސްއާރްސީއެވެ. އަދި ރަނަރަޕް ޓީމަކީ ކްލަބު ގެލޭކްޓިކޯސް އެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ބަނަސް އެވެ. އަދި ރަނަރަޕް ޓީމަކީ ހަވަރު ސްޕޯޓްސް އެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ ކްލަބު ގެލޭކްޓިކޯސްގެ ސައިފް، ހަނަފީ، އިމިއުނިޓީ އެސްއާރްސީގެ ޔަޝްމު، އަލްހާން، މީސަމް، ޒީދާން، އަދި ބަނޑު އެޗްސީން ސަނީމްއެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ ޓީމް ބަނަސްގެ އިސްރައު، ޔައްސާ، އިޝާ ހަވަރު ސްޕޯޓްގެ ޒަރާ، ރާޔާ، އާލާ މީގެ އިތުރުން ގޯލް ޑިގާސްގެ ޝުބާ އެވެ.
މި މުބާރާތް އަންނަ އަހަރު މިއަށްވުރެ ފުރިހަމަކޮށް އަދި ކުލަގަދަކޮށް އޮންނާކަމަށް މި މުބާރާތް އިންތިޒާމް ކުރި ފަރާތުން ވަނީ ބުނެފައެވެ. އަދި މިފަހަރު ގެ މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މެލޭޝިޔާގެ ދިވެހި އެމްބަސީން ދިން އެއްބާރުލުމަށް ޝުކުރު ދަންނަވާމަށާއި އުއްމީދު ކުރަނީ އަންނަ އަހަރުގެ މުބާރާތަށް މިއަށްވުރެ ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.
މިފަހަރުގެ މުބާރާތުގެ ގޯލްޑް ޕާޓްނަރަކީ ޒެޑެކްސް އެވެ. އަދި ސިލްވާ ޕާޓްނަރުންނަކީ ކެފޭ އަތިރި ބާ، ޑިޖިޓަލައިޒް، ސްކޮޑްމި، ސަންސް އޮޓޯމޯޓިވްސް، އެވެ. އަދި ޖާޒީ ޕާޓްނަރަކީ ޖާޒިއާއެވެ.
މެލޭޝިޔާއަކީ ބޭރު ގައުމު ތަކުގެ ތެރެއިން ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އެއްގައުމެވެ. 3000 އާއި ގާތްކުރާ އަދަދަކަށް މެލޭޝިޔާގައި ދިރިއުޅެމުންދާއިރު މި ފަދަ އެކިއެކި ހަރަކާތްތައް ގިނަގިނައިން ބޭއްވުމަކީ ދިވެހިންނަށް ލިބިގެންދާނެ އިތުރު ހިތްހަމަޖެހުމަކަށް ވާނެއެވެ.
Ads by MACL
