ބަޙްރެއިން އޭޝިއަން ޔޫތް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންގެ އަމާޒަކީ ގައުމީ ރެކޯޑުތަކާއެކު ރަނގަޅު ނަތީޖާއެއް
ބަޙްރެއިންގެ މަނާމާގައި މިމަހުގެ 22 އިން 31 އަށް ކުރިއަށްދާ އޭޝިއަން ޔޫތް ގޭމްސް 2025 ގައި ބައިވެރިވާ ރާއްޖޭގެ ފެތުންތެރިންގެ މައިގަނޑު އަމާޒަކީ ގިނަ ކަންތައްތަކެއް ދަސްކޮށް، ގައުމީ ރެކޯޑުތައް އައުކުރުން ކަމަށް، މި ފެތުންތެރިން ތަމްރީނު ކުރަމުން އަންނަ ކޯޗުން ހާމަކޮށްފިއެވެ.
މި މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ފެތުންތެރިން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް ކޯޗުންނާއި ފެތުންތެރިންވެސް ވަނީ ފާޅުކޮށްފައެވެ.
މި މުބާރާތަށް ތައްޔާރުވުމުގައި އަބަދުވެސް އަމާޒު ހިފާފައިވަނީ ފެތުންތެރިންގެ "ޕާސަނަލް ބެސްޓް (ޕީބީ)" އައުކުރުމަށް ކަމަށް، ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންނާއެކު ބަޙްރެއިންއަށް ދާ ކޯޗު އިސްމާއިލް ފަރުހާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން ކުރިއެރުން މޮނިޓަރ ކުރަމުންދާ ގޮތަކީ ޕާސަނަލް ބެސްޓް އައުކުރަމުންދާ ކަމަށްވަންޏާ އެއީ ރަނގަޅު މަގަކަށް ގޮސްފައިވާ ކަމެއް. އެގޮތަށް އަޅުގަނޑުމެން މި ތައްޔާރުވަނީ،" ފަރުހާނު ވިދާޅުވިއެވެ.
އޭޝިއަން ޔޫތް ގޭމްސްއަށް ބައެއް ފެތުންތެރިން ތަމްރީނުކުރި ކޯޗު މުހައްމަދު ޒާހިދު ވިދާޅުވީ، އިންޓަރ ސުކޫލް ފެތުމުގެ މުބާރާތަށްފަހު އޭޝިއަން ޔޫތް ގޭމްސްއަށް ކުދިން ފުރަނީ އެންމެ ރަނގަޅު ދަނޑިވަޅުގައި ނޫނަސް، އޭނާ ތަމްރީނު ދެމުން އަންނަ ހުރިހާ ކުދިންވެސް މުބާރާތަށް ތައްޔާރުވެ، ވަރަށް ފިޓްކޮށް ތިބި ކަމަށެވެ. މީގެ ތެރޭގައި މި އަހަރު ބޭއްވި ޖޫނިއަރ ވޯލްޑް ޗެމްޕިއަންޝިޕްގައި ރެކޯޑު ހެދި ފެތުންތެރިން ވެސް ހިމެނޭ ކަމަށް ވިދާޅުވެ، ޒާހިދު އުންމީދު ކުރައްވަނީ މެޑަލަކާ ހަމައަށް ނުދެވުނަސް ގައުމީ ރެކޯޑުތަކެއް ހެދޭނެ ކަމަށެވެ.
Ads by MACL
