ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އައިއޯއެސް 26 އާއެކު އައިފޯނުގެ މެސެޖްސް އެޕަށް އިންޤިލާބީ ބަދަލުތަކެއް!

އައިއޯއެސް 26 އާއެކު އައިފޯނުގެ މެސެޖްސް އެޕަށް އިންޤިލާބީ ބަދަލުތަކެއް!

އެޕަލްގެ އާ އޮޕަރޭޓިންގ ސިސްޓަމް ކަމަށްވާ އައިއޯއެސް 26 ރިލީޒްކުރުމާއެކު، އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެންމެ ގިނައިން ބޭނުންކުރެވޭ އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނޭ "މެސެޖްސް" އެޕަށް ގިނަ އަދަދެއްގެ އައު އަދި ފައިދާހުރި ފީޗާޒްތަކެއް ވަނީ އިތުރުކުރެވިފައެވެ. މި ބަދަލުތަކުގެ ސަބަބުން މެސެޖްސް އެޕް މިހާރަށްވުރެ ބޮޑަށް ޕާސަނަލައިޒްކޮށް، ގިނަ ކަންތައްތަކެއް ކުރެވޭނެ އެޕަކަށް ވަނީ ވެގެން ގޮސްފައެވެ.

މިހާރު މެސެޖްސް އެޕްގައި ޗެޓްތަކުގެ ބެކްގްރައުންޑް ބަދަލުކުރުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މިގޮތުން، ކޮންމެ ޗެޓަކަށްވެސް ތަފާތު ބެކްގްރައުންޑެއް ކަނޑައެޅުމުގެ އިޚްތިޔާރު ލިބިގެންދެއެވެ. މިސާލަކަށް، އާއިލީ ގްރޫޕް ޗެޓަށް އެއް ބެކްގްރައުންޑް އަދި މަސައްކަތުގެ ގްރޫޕް ޗެޓަށް އަނެއް ބެކްގްރައުންޑް ބޭނުންކުރެވިދާނެއެވެ. އާދައިގެ ކުލަތަކާއި މަންޒަރުތަކުގެ އިތުރުން، ފޯނުގެ ކެމެރާ ރޯލުގައި ހުރި ކޮންމެ ފޮޓޯއެއްވެސް ބެކްގްރައުންޑްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. އަދި އެޕަލް އިންޓެލިޖެންސް ސަޕޯޓްކުރާ ފޯނުތަކުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އަމިއްލައަށް ބެކްގްރައުންޑްގެ ފޮޓޯ ޖެނެރޭޓްކުރުމުގެ ފުރުޞަތުވެސް ވަނީ ލިބިފައެވެ.

އަދި މިހާރު މެސެޖްސް އެޕްގެ ޗެޓްތަކުގައި ޕޯލް ހެދުމުގެ ފީޗާ ވަނީ އިތުރުކުރެވިފައެވެ. މިކަމުގެ ސަބަބުން ގްރޫޕަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ފަސޭހަވެގެންދާނެއެވެ. ޕޯލް ހެދުމަށްޓަކައި ޗެޓްގެ ތިރީގައިވާ + (ޕްލަސް) ބަޓަންއަށް ފިތާލުމަށްފަހު ޕޯލްސް ނަގައިގެން ކުރިއަށް ގެންދެވޭނެއެވެ. އެއް ޕޯލްގައި އެންމެ ގިނަމިނުގައި 12 އިޚްތިޔާރު (ޗޮއިސް) ހިމެނޭއިރު، ޗެޓްގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް އެއް އިޚްތިޔާރަށްވުރެ ގިނަ އިޚްތިޔާރަށް ވޯޓުލުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި ޕޯލަށް އިތުރު އިޚްތިޔާރުތައް އާންމުންނަށްވެސް އިތުރުކުރެވިދާނެއެވެ.

އައިއޯއެސް 26 ގެ ލައިވް ޓްރާންސްލޭޝަން ފީޗާ މެސެޖްސް އެޕަށް ގެނެސްފައިވުމަކީ ވެސް ބޮޑު ކުރިއެރުމެކެވެ. ޗެޓްގެ ހެޑަރަށް ފިތާލުމަށްފަހު (އޮޓޮމެޓިކަލީ ޓްރާންސްލޭޓް) އޮންކޮށްލުމުން، ޗެޓްގައި އަންނަ މެސެޖްތައް އޮޓޮމެޓިކުން ތަރުޖަމާކުރެވޭނެއެވެ. މެސެޖްސް އެޕުން އަމިއްލައަށް ބަސް ދެނެގަންނަން މަސައްކަތްކުރާނެ ނަމަވެސް، ބޭނުންވާ ބަސް އަމިއްލައަށް ކަނޑައެޅުމުގެ ފުރުޞަތު ލިބިގެންދެއެވެ. ތަރުޖަމާކުރެވިފައިވާ މެސެޖްގެ އަސްލު ބެލުމަށްޓަކައި، ޗެޓްގެ ތިރީގައިވާ (ޓްރާންސްލޭޓިން) ލޭބަލްއަށް ފިތާލުމުން އަސްލު މެސެޖް ފެންނާނެއެވެ.

މި ބޮޑެތި ފީޗާޒްތަކުގެ އިތުރުން، މެސެޖްސް އެޕަށް ކުދި ބަދަލުތަކެއްވެސް ވަނީ ގެނެސްފައެވެ. އެގޮތުން، ގްރޫޕް ޗެޓްތަކުގައި މީހަކު މެސެޖެއް ޓައިޕްކުރާނަމަ، އެކަން ފާހަގަކޮށްދޭނެ އިންޑިކޭޓަރެއް މިހާރު ފެންނާނެއެވެ. އަދި އެޕަލް ކޭޝް ބޭނުންކޮށްގެން ގްރޫޕް ޗެޓްތަކުގައި ފައިސާގެ މުޢާމަލާތްތައް ކުރެވޭނެއެވެ.

މީގެ އިތުރުން، މީގެ ކުރިން މެސެޖެއްގެ ބައެއް ކޮޕީކުރުމުގެ ބަދަލުގައި މުޅި މެސެޖް ކޮޕީކުރެވޭއިރު، މިހާރު މެސެޖެއްގެ ބައެއް އެކަނިވެސް ކޮޕީކުރެވޭނެއެވެ.

އެންމެ ފަހު ބަދަލެއްގެ ގޮތުގައި، ނޭނގޭ ފަރާތްތަކުން ފޮނުވާ މެސެޖްތަކާއި ސްޕެމް މެސެޖްތައް އޮޓޮމެޓިކުން ފިލްޓަރކޮށް، މެއިން އިންބޮކްސް ސާފުކޮށް ބެހެއްޓުމަށް އާ ފިލްޓަރެއް ވަނީ އިތުރުކުރެވިފައެވެ.

މި ބަދަލުތަކާއެކު، މެސެޖްސް އެޕްގެ ބޭނުންކުރުން އިތުރަށް ފަސޭހަވެ، ޔޫޒަރ އެކްސްޕީރިއަންސް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

ލައިފްސްޓައިލް

އިތުރަށް ←