ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސް: ދީމާއާއި އަޒްކާ ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ހިތްވަރު އާކޮށްދީފި 

ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީ އިވެންޓްގެ ކުއާޓާ ފައިނަލްގައި ދީމާ އާއި އަޒްކާ -- ފޮޓޯ: އެމްއޯސީ / ނައުޝަމް
ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީ އިވެންޓްގެ ކުއާޓާ ފައިނަލްގައި ދީމާ އާއި އަޒްކާ -- ފޮޓޯ: އެމްއޯސީ / ނައުޝަމް

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ރާއްޖޭގެ އަންހެން ބީޗް ވޮލީ ޓީމު، އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިދުގީ، ތާރީޚީ ކާމިޔާބީއަކާއެކު މުބާރާތް ނިންމާލި ނަމަވެސް ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ހިތްވަރު އާކޮށްދީފިއެވެ.

ބަހްރެއިންގައި ކުރިއަށްދިޔަ މި މުބާރާތުގައި އެ ދެ ކުޅުންތެރިން ވަނީ ރާއްޖޭގެ ބީޗް ވޮލީ ތާރީޚްގައި ޒުވާން ޓީމަކުން ހޯދި އެންމެ ފޮނި ކާމިޔާބީ ހާސިލްކޮށް، ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.

މިއަދު ކުޅުނު ކުއާޓާ ފައިނަލް މެޗުން ދިވެހި ޓީމު ބަލިވީ، މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަޒަކިސްތާންގެ ގަޔާނާ ގަލާޝްއާއި މެރޭ ކޮޒަހްމެތުގެ ޕެއާ އަތުންނެވެ. ސީދާ ދެ ސެޓުން ކަޒަކިސްތާން މެޗު ކާމިޔާބުކުރީ 21-10 އަދި 21-9 ގެ ނަތީޖާއަކުންނެވެ. ނަމަވެސް، ދީމާއާއި އަޒްކާ ވަނީ ވަރުގަދަ ކުޅުމެއް ދައްކައި، ފުރަތަމަ ސެޓުގެ ކުރީކޮޅު ލީޑު ނަގައިގެން ކަޒަކިސްތާން ޓީމަށް ގޮންޖަހާފައެވެ.

މި ނަތީޖާއާއެކު މުބާރާތް ނިމުނު ނަމަވެސް، މިއީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ބީޗް ވޮލީ ޒުވާން ޓީމެއް މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން ރާއްޖޭގެ އެއްވެސް ޖޫނިއާ ނުވަތަ ސީނިއާ ޓީމަކަށްވެސް ބައްރުގެ މުބާރާތެއްގެ ކުއާޓާ ފައިނަލަށް ދަތުރުކުރެވިފައެއް ނުވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ދީމާ ބުނީ، ބައްރުގެ މުބާރާތެއްގައި މިފަދަ ތާރީޚީ ކާމިޔާބީއެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މުބާރާތުގެ ތެރެއިން ލިބުނު ތަޖުރިބާއާއި ދިވެހި ސަޕޯޓަރުންގެ ހިތްވަރާއެކު، ކުރިމަގުގައި މިއަށްވުރެ ފޮނި ނަތީޖާތަކެއް ނެރުމަށް މަސައްކަތްކުރާނެ ކަމުގެ އުންމީދު އާލާވި ކަމަށް އޭނާ ބުންޏެވެ.

ދީމާގެ ޕެއާ، އަޒްކާ ވެސް ވަނީ މި ކާމިޔާބީއާ މެދު އުފާކުރާކަން ފާހަގަކޮށް، މި ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ކުޅިވަރު

އިތުރަށް ←