ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ޔޫއްޕެ އާއި ސީޒަން އަށް ވަގަށް ގޮވައި މުއާގެ ޕޯސްޓެއް!

ޔޫއްޕެއާއި ސީޒަން އެކުގައި ނަގާފައިވާ ފޮޓޯ --
ޔޫއްޕެއާއި ސީޒަން އެކުގައި ނަގާފައިވާ ފޮޓޯ --

މަޝްހޫރު ފިލްމީ ތަރީން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ ސީޒަންއަކީ “ބޮޑު ދެ ވަގުން” ކަމަށް ބުނެ، އެކްޓަރ ޢަބްދުﷲ މުއާޒް (މުއާ) ކުރި ޕޯސްޓެއް ވަރަށް ބޮޑަށް ވައިރަލްވެއްޖެއެވެ.

މުއާގެ މި ޕޯސްޓާއެކު ގިނަ ބަޔަކު ސިހުން ގެނުވި ނަމަވެސް، މިއީ އޭނާގެ ގާތް ދެ އެކުވެރިންނަށް ހަޤީޤަތުގައި ކުރި ތުހުމަތެއް ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، މިއީ ކުރިއަށް އޮތް ފިލްމެއްގެ ޕްރޮމޯޝަނެއް ކަމަށް މިހާރު ވަނީ އެނގިފައެވެ.

މުއާގެ މި ޕޯސްޓް އިޝާރާތް ކުރަނީ ޝައި ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) އަށެވެ. މި ފިލްމުގެ އެންމެ މުހިންމު ދެ ރޯލުން ފެނިގެންދާނީ ޔޫއްޕެ އާއި ސީޒަންއެވެ.

މުއާގެ މި "އިލްޒާމާއެކު"، މިހާރު ސިނަމާގައި ދައްކަމުން އަންނަ ޔޫއްޕެގެ ފިލްމު "އިލްޒާމް" ގެ ތަރިން ވަނީ އެ ޕޯސްޓް ޝެއަރކޮށް، މިއީ ކޮންފަދަ ބޮޑު އިލްޒާމެއްތޯ ސުވާލު އުފައްދާފައެވެ.

މި ފެށޭ ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ "ކޮސް ގިނަ މިސްޓޭކް" އޮލިމްޕަސް ސިނަމާގައި ނޮވެމްބަރ 19 ގެ ނިޔަލަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމުގެ 7 ޝޯއެއްގެ ޓިކެޓް މިހާރު ވިއްކަމުންދާއިރު، 7743399 އަށް ވައިބަރ މެދުވެރިކޮށް ޓިކެޓް ގަނެވޭނެއެވެ. މީގެ އިތުރުން ރަށްރަށާއި ރިސޯޓްތަކުގައި ފިލްމު އެޅުވުމަށް ބޭނުންވާ ފަރާތްތަކުން 7779621 އަށް ވައިބަރ ކުރުމަށް ޕްރޮޑަކްޝަން ހައުސްއިން އެދެއެވެ.

ފިލްމުގެ ޓްރެއިލަރ އާއި ޕޯސްޓަރުންވެސް ފިލްމުގެ މަޖާކަން ދައްކުވައިދެއެވެ. ލޯތްބާއި ހިތްދަތިކަމުގެ ފިލްމުތަކަށްފަހު މިއީ ބެލުންތެރިންނަށް މުޅިން ތަފާތު، ހެއްވާ މަޖާ ރަހައެއް ގެނެސްދޭނެ ފިލްމެއް ކަމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އެބަދެއެވެ.

މީގެ ކުރިން "ނޯޓީ ފޯޓީ" އަދި "ފޯޓީ ޕްލަސް" ފަދަ ކާމިޔާބު ކޮމެޑީ ފިލްމުތައް ގެނެސްދީފައިވާ ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީޤު ވިދާޅުވީ، މިއީ ވެސް ބެލުންތެރިން "ކޮސްކޮށްލާ" ވަރުގެ ހެއްވާ މަޖާ ފިލްމަކަށް ވާނެ ކަމަށެވެ.

ލައިފްސްޓައިލް

އިތުރަށް ←