'މިޝަން ކަޝްމީރު'އަށް 25 އަހަރު: އެކްޓިންއާ މެދު ހިތްހަމަނުޖެހޭކަން ރިތިކް ހާމަކުރި
ބޮލީވުޑްގެ މަޝްހޫރު ފިލްމު 'މިޝަން ކަޝްމީރު' ރިލީޒްކުރިތާ މިއަދަށް 25 އަހަރު ފުރިއްޖެއެވެ. ވިދޫ ވިނޯދު ޗޯޕްރާ ޑައިރެކްޓްކުރި މި ފިލްމު 2000 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައި ރިލީޒްކުރިއިރު، މިއީ ރިތިކް ރޯޝަންގެ ކެރިއަރުގެ ކުރީކޮޅު ކުޅުނު ތިންވަނަ ފިލްމެވެ.
ފިލްމުގެ މި އުފާވެރި މުނާސަބަތާ ގުޅިގެން، ފިލްމުގައި އޭނާ ދެއްކި އެކްޓިންއާ މެދު ފުރިހަމައަށް ހިތްހަމަ ނުޖެހޭ ކަމަށް ރިތިކް ކުރިން ބުނެފައިވާ ވާހަކަތަކެއް އަލުން ފެންމަތިވެއްޖެއެވެ.
އޭރު ދިން އިންޓަވިއުއެއްގައި ރިތިކް ބުނެފައިވާ ގޮތުގައި، ފިލްމު ވިޝުއަލް ގޮތުން ރީތިވެ ވާހަކަ ވަރުގަދަ ނަމަވެސް، އޭނާގެ އަމިއްލަ އެކްޓިންއާ މެދު ފުރިހަމައަށް ހިތްހަމައެއް ނުޖެހެއެވެ. އޭނާ ވަނީ 'މިޝަން ކަޝްމީރު' އަށް ވުރެ 'ފިޒާ' ގައި އޭނާގެ އެކްޓިން ރަނގަޅު ކަމަށާއި، 'މިޝަން ކަޝްމީރު' އަކީ ހަގީގަތުގައި ސަންޖޭ ދަތުގެ ފިލްމެއް ކަމަށް ބުނެފައެވެ. ސަންޖޭ ދަތުގެ އެކްޓިންއަށް ތައުރީފުކުރަމުން، 'މިޝަން ކަޝްމީރު' ގައި އޭނާއަށް މާ ރަނގަޅަށް އެކްޓްކުރެވުނީސް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ރިތިކް ފާހަގަކޮށްފައިވެއެވެ.
Ads by BMLއޭނާގެ އެކްޓިންއަށް ހިތްހަމަ ނުޖެހެން މެދުވެރިވި ސަބަބު ހާމަކުރަމުން ރިތިކް ބުނީ، ފުރަތަމަ ފިލްމު 'ކަހޯ ނާ... ޕިޔާރު ހޭ' އަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު އޭނާ ވަރަށް ބޮޑަށް މަޝްޣޫލުވެ، ފިލްމަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، 'މިޝަން ކަޝްމީރު' ގައި އޭނާގެ އެންމެ ރަނގަޅު ސީންތަކަކީ 'ކަހޯ ނާ... ޕިޔާރު ހޭ' ރިލީޒްކުރުމުގެ ކުރިން ކުޅުނު ބައިތަކެވެ. ފުރަތަމަ ފިލްމުގެ ކާމިޔާބީއަށް ފަހު، ރޯލަށް ތައްޔާރުވާން ވަގުތު މަދުވެ، އަމިއްލަ ނަފްސަށް އިތުބާރު ބޮޑުވުން ފަދަ ކަންކަން ދިމާވި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އަމިއްލަ ނަފްސަށް ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް، ރިތިކް ވަނީ ފިލްމުގެ ޑައިރެކްޓަރު ވިދޫ ވިނޯދު ޗޯޕްރާއަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނީ، އޭނާގެ އަމިއްލަ އެކްޓިންއާ މެދު ހިތްހަމަޖެނުހޭ ކަމަށާއި، އެކަމުގެ ހުރިހާ ޝަރަފެއް ހައްގުވަނީ ޗޯޕްރާއަށް ކަމަށެވެ. ޗޯޕްރާ ވަނީ ފިލްމުގެ ހުރިހާ ކެރެކްޓަރެއް ވަރަށް މޮޅަށް ބައްޓަންކޮށް، ފިލްމުން މޮޅު މަސައްކަތެއް ކޮށްފައިވާ ކަމަށް ރިތިކް ފާހަގަކުރިއެވެ.
މި ފިލްމު ރިލީޒްކުރިތާ 25 އަހަރު ފަހުން ވެސް، ރިތިކް ރޯޝަންގެ މިފަދަ އިޚްލާސްތެރިކަމާއި އަމިއްލަ ނަފްސަށް ފާޑުކިޔުމުގެ ރޫޙަކީ، އޭނާގެ ފަންނުވެރިކަމުގެ ފެންވަރު ދައްކުވައިދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
Ads by MACL
