ހަރުކަށި ޑައިޓަކާ ނުލައި ބަރުދަން ލުއިކުރާނެ 10 މަގު: ފިޓްނަސް ކޯޗެއްގެ ނަސޭހަތް!
ބަރުދަން ލުއިކުރުމަށްޓަކައި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ހަރުކަށި ޑައިޓުތައް ފަށަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް، ފިޓްނަސްގެ ދާއިރާގައި 18 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފިޓްނަސް ކޯޗު ރާޖް ގަންޕަތު ވިދާޅުވަނީ، ދެމެހެއްޓެނިވި ގޮތަކަށް ބަރުދަން ލުއިކުރުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެންނަން ނުޖެހޭ ކަމަށެވެ.
އިންސްޓަގްރާމްގައި އާންމުކުރެއްވި ޕޯސްޓެއްގައި ރާޖް ގަންޕަތު ވަނީ ބަރުދަން ލުއިކުރުމާ ބެހޭ އޮޅުން ބޮޅުންތައް ދުރުކޮށް، ދިރިއުޅުމުގެ އާދަތަކަށް ގެނެވޭ ކުދިކުދި ބަދަލުތަކަކީ ވެސް ބޮޑު ކުރިއެރުމެއް ހޯދޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، އަވަހަށް ބަރުދަން ލުއިކުރުމަށް މަސައްކަތްކުރުމަކީ ކުރު ދުވުމެއް ކަމަށާއި، އެކަމުގެ ސަބަބުން ވަރަށް އަވަހަށް ވަރުބަލިވެ، ލުއިވި ބަރުދަން އަނބުރާ އިތުރުވުން އެކަށީގެންވާ ކަމަށެވެ. ބަދަލުގައި، މަޑުމަޑުން އަދި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ދިއުމަކީ ދިގު މުއްދަތަކަށް ބަރުދަން ކޮންޓްރޯލްކޮށް، ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުކުރެވޭނެ ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLރާޖް ގަންޕަތު ވަނީ އެކްސްޓްރީމް ޑައިޓަކާ ނުލައި ބަރުދަން ލުއިކުރުމަށްޓަކައި ގެންގުޅެންވީ 10 އާދައެއް ހިއްސާކޮށްފައެވެ.
ބަރުދަން ލުއިކުރާނެ 10 ދެމެހެއްޓެނިވި އާދަ:
1. މަސައްކަތްކުރާ މިންވަރު ހަމަޖެއްސުން: ހަފްތާއަކު 3-5 ފަހަރު އެކަށީގެންވާ މިންވަރަކަށް ކަސްރަތުކުރުން.
2. ދުވާލު ހަރަކާތްތެރިވުން: ގިނަގިނައިން ހިނގާލައި، ދުވާލުގެ ވަގުތުތަކުގައި ހަރަކާތްތެރިކަން ދެމެހެއްޓުން.
3. ކާބޯހައިޑްރޭޓް މަދުކުރުން: މިހާރު ކާ މިންވަރަށްވުރެ ކާބޯހައިޑްރޭޓް (ކާބު) އެކުލެވޭ ކާނާ މަދުކުރުން.
4. ޖަންކު ފުޑް މަދުކުރުން: މިހާރު ކާ މިންވަރަށްވުރެ ޖަންކު ފުޑް ކެއުން މަދުކުރުން.
5. ތަރުކާރީ ގިނަކުރުން: މިހާރު ކާ މިންވަރަށްވުރެ ތަރުކާރީ ގިނައިން ކެއުން.
6. ކޮންމެ ކެއުމެއްގައި ޕްރޮޓީން ހިމެނުން: ކޮންމެ ކެއުމެއްގައި ވެސް ޕްރޮޓީންގެ ބާވަތެއް ހިމެނުން.
7. ބަނޑު ފުރެންދެން ނުކެއުން: ބަނޑު ފުރި ބާރުވުމުގެ ކުރިން ކެއުން ހުއްޓާލުން.
8. ނިދި ހަމަކުރުން: ހިތްހަމަޖެހޭ ވަރަށް ނިދި ހަމަކުރުން.
9. ފެން ބުއިން: ކޮންމެ ދުވަހަކު ދެ ލިޓަރެއްހާ ފެން ބުއިން.
10. ސަމާލުކަން ދިނުމާއި ކެތްތެރިވުން: ކެއުމުގައި ސަމާލުކަން ދިނުމާއި، ނަތީޖާ ފެންނަންދެން ކެތްތެރިވުން.
ރާޖް ގަންޕަތު ފާހަގަކުރެއްވި ގޮތުގައި، ބަރުދަން ލުއިކުރުމަކީ ކެއިންބުއިމުން މަޙުރޫމްވުމެއް ނޫނެވެ. އެއީ ހަމަޖެހޭ ގޮތެއްގައި، ކެތްތެރިކަމާއެކު، ކުދިކުދި ބަދަލުތައް ގެނެސްގެން ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތަކަށް މަސައްކަތްކުރުމެވެ.
***
މައުލޫމާތު ނެގި މަސްދަރު: އެންޑީޓީވީ - ލައިފްސްޓައިލް
Ads by MACL
