ހުރާ ކައުންސިލް ކަޕް 2025: ބްލަޑްސް ގެ މައްޗަށް ބަދަވީން ކުރި ހޯދިއިރު ތްރީޑީ ކިންގްސް އަދި ސިނަމަންއަށް ފަސޭހަ މޮޅެއް
މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގައި ފޯރިގަދަ ކުޅުމަކަށް ފަހު ބްލަޑްސް ސްޕޯޓްސް ކުލަބުގެ މައްޗަށް ބަދަވީން ކުރި ހޯދި އިރު ތްރީޑީ ކިންގްސް އަދި ސިނަމަން ކުޅުނު މެޗު ތަކުން މޮޅުވެއްޖެއެވެ.
މުބާރާތުގައި މިއަދު 03 މެޗެއް ވަނީ ކުޅެފައެވެ. އެއީ ބަދަވީން ، ބްލަޑްސް ވާދަކުރި މެޗާއި ފޯޓީޓޫ އެކްސްއެލް، ތްރީޑީ ކިންގްސް ވާދަކުރި މެޗުގެ އިތުރުން ސިނަމަން މޯލްޑިވްސް އާއި ފޯޓީޓޫ ކުޅުނު މެޗެވެ.
ބަދަވީން ، ބްލަޑްސް ހަވީރު ވާދަކުރި މެޗަކީ ވަރަށް ފޯރިގަދަ އަދި ވާދަވެރި މެޗެކެވެ. މި މެޗު ބަދަވީން ކާމިޔާބު ކުރީ 3-4 އިންނެވެ. އެޓީމްގެ 4 ގޯލުގެ ތެރެއިން 2 ގޯލު ކާމިޔާބު ކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަސަން ސަލާހެވެ.
Ads by BMLއަނެއް 2 ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ތަލާލް އަދި ހަސަން މައުރޫފްއެވެ. މި މެޗުގައި ބްލަޑްސް ގެ ގޯލުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު މާއިސް، މުހައްމަދު ސާއިން އަދި މުހައްމަދު އިރާޝް އެވެ. މި މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަސަން ސަލާހުއެވެ.
މިއަދުގެ ދެވަނަ މެޗުގައި ތްރީޑީ ކިންގްސް ވަނީ ފޯޓީޓޫ އެކްސެލްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފައެވެ. އެޓީމުން މި މެޗު ކާމިޔާބު ކުރީ 2-5 އިންނެވެ. މެޗު ފަށައިގެން ތްރީޑީ ކުޅެމުންދިޔައީ ވަރަށް ހަމަޖެހިގެންނެވެ، މި މެޗުގައި އެޓީމުން ޖެހި 5 ގޯލު ގެ ތެރެއިން 3 ގޯލް ޖަހައިދިނީ އެޓީމްގެ ހުސެއިން ފަރްހާންއެވެ. މި މެޗުގައި ފަރްހާން ފެނިގެން ދިޔައީ ވަރަށް ގޯލާއި ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ.
އަނެއް 2 ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ނަޒީމް އަދި އަހުމަދު ސަމާއުއެވެ. ފޯޓީޓޫ އެކްސެލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ވަހީދު އަދި އިބްރާހިމް އަދުހަމްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތްރީޑީ ކިންގް ގެ އަހުމަދު ސަމާއުއެވެ.
ސިނަމަން އަދި ފޯޓީޓޫ ވާދަކުރި މެޗަކީވެސް ފޯރިގަދަ މެޗެކެވެ. އެހެން ނަމަވެސް މި މެޗުގެ ފުރަތަމަ ހާފްގައި ފޯޓީޓޫ ކޮޅަށް ސިނަމަން އިން ވަނީ 2 ގޯލު ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފް ފަށައިގެން ފޯޓީޓޫ ފެނިގެން ދިޔައީ ވަރަށް ޕްރެސިން ގޭމެއް ކުޅެމުންދިޔަ ތަނެވެ. ނަތީއްޖާއެއްގެ ގޮތުން ދެވަނަ ހާފްގެ 7 ވަނަ މިނުޓުގައި އެޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލަށް ފަހުވެސް ފޯޓީޓޫ ދިޔައީ ފުލުފުލުގައި ސިނަމަންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ފޯޓީޓޫ ގޯލް ޖެހިތާ މާ ގިނައިރެއް ނުވަނީ ސިނަމަންއިން ވަނީ އެޓީމްގެ 3 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހުކޮޅު ދެޓީމްގެ ފަރާތުންވެސް ވަރުބަލިކަން ފެނިގެން ދިޔައެވެ. މި މެޗު ނިމިގެން ދިޔައީ 1-4 އިން ސިނަމަން އިން ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިނަމަންގެ ޖާޒީ ނަންބަރު 47 އިސްމައިލް އިމާދުއެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.
މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.
އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.
އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.
މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.
Ads by MACL
